ސަޚުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅޭ މީހުން އިތުރުވެފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނިގޮތުގައި މި ހިނގާ ޖެނުއަރީ މަހު އެކަނިވެސް ނަކަލުކޮށްފައިވާ ޕާސްޕޯޓު ބޭނުންކޮށްގެން 7 މީހަކު ރާއްޖެއަށް އެތެރެވާން މަސައްކަތް ކޮށްފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ 12 މަސް ދުވަހާ އަޅައިބަލާއިރު މަހެއްގެ މައްޗަށް ބޮޑުތަނުން އިތުރު އަދަދެކެވެ.

އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ) ވިދާޅުވީ ނަކަލުކޮށްފައިވާ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވާ މީހުން ހުއްޓުވަނީ އިމިގްރޭޝަންގެ އޮފިސަރުންގެ ކުޅަދާނަކަމުން ކަމަށާއި އޮފިސަރުންގެ މަސައްކަތާމެދު ފަޚުރުވެރިވާ ކަމަށެވެ.

މިދިޔަ އަހަރު އެކަނި ވެސް ގާތްގަނޑަކަށް 33 މީހަކު ނަކަލުކޮށްފައިވާ ޕާސްޕޯޓާއެކު ރާއްޖެއަށް އެތެރެވާން މަސައްކަތް ކޮށްފައި ވެއެވެ. ސަޚުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި މީހަކު މިއަދު ވެސް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ހުއްޓުވާފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓާފައިވަނީ ރާއްޖެ އެތެރެވާން މަސައްކަތްކުރި 53 އަހަރުގެ ބިދޭސީއެކެވެ. އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި އެމީހާގެ ޕާސްޕޯޓުގެ ބައެއް މައުލޫމާތު ވަނީ ނަކަލުކޮށްފައެވެ.

މިފަދައިން ޝަޚުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި ގިނަބަޔަކު މިފަހުން އިމިގްރޭޝަނުން ވަނީ ހުއްޓުވާފައެވެ.

ވަގު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވާން އުޅުނު 12 މީހަކު މިދިޔަ އަހަރުގެ ސެޕްޓެންބަރު ހަމާހަ ހަމައަށް ހުއްޓުވާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ. އޭގެ ފަހުން 21 މީހަކު މިގޮތަށް ރާއްޖެއަށް އެތެރެވާން މަސައްކަތްކުރިއެވެ.