އުމުރުން 18 އަހަރުން ދަށުގެ ހުރިހާ ކުދިންނަށް ވެކްސިން ޖަހާފައިވާކަން ޔަގީންކުރުމަށްޓަކައި ޚާއްސަ ދަފުތަރެއް އެކުލަވާލަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއިން މިހާރު ފެނިގެން އުޅޭ ހިމަބިއްސާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ހެލްތު މިނިސްޓްރީން ބުދަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ގަސްދުގައި ވިޔަސް އޮޅިގެން ވިޔަސް ވެކްސިން ނުޖަހާ 18 އަހަރުން ދަށުގެ ކުދިން ދެނެގަތުމަށް ދަފުތަރެއް އެކުލަވާލަމުންދާ ކަމަށެވެ. މިހަފުތާ ނިމެންވާއިރަށް ރާއްޖޭގެ އެއްވެސް ރަށެއް އިސްތިސްނާވުމެއް ނެތި މި ދަފުތަރު ފުރިހަމަކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ދަފުތަރު ފުރިހަމަކުރުމަށްފަހު އަވަސްވެގެންނާނީ ވެކްސިން ނުޖަހާ ކުދިންނަށް ވެކްސިން ޖެހުމަށް ކަމަށެވެ. މި ލިސްޓުގެ މަސައްކަތް ކުރަމުންދާއިރު މިހާރުވެސް ވެކްސިން ނުޖަހާތިބި 18 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ޖެހުމުގެ އިންތިޒާމު ހަމަޖައްސައި އެފަދަ ކުދިންނަށް ދަނީ ވެކްސިން ޖަހަމުންނެވެ.

މިހަފުތާ ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި، އެއްވެސް ރަށެއް އިސްތިސްނާނުވާނެހެން ހުރިހާ ރަށެއްގެ ވެކްސިން ނުޖަހާ ކުދިންގެ މައުލޫމާތު ފުރިހަމަ ދަފުތަރެއް އެކުލަވާލައި ދެން އެހިސާބުން އަޅުގަނޑުމެން ރަށްރަށުގައި ވެސް ވެކްސިން ނުޖަހާ ކުދިންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދާނަން.
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން

އަންގާރަދުވަހުން ފެށިގެން ބުދަދުވަހާ ހަމައަށް 1200 އަށްވުރެ ގިނަ މީހުންނަށް ހިމަބިއްސަށް ވެކްސިން ޖަހާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. ހެލްތު މިނިސްޓަރު ވިދާޅުވީ އޭގެ ތެރޭގައި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ މީހުންނާއި، ހިމަބިހި ފެނުނު މީހުންނާ ގުޅުންއޮތް މީސްމީހުން ހިމެނޭ ކަމަށެވެ. ވެކްސިން ދިނުމުގައި އިސްކަންދެނީ ހިމަބިއްސަށް ޕޮޒިޓިވްވި މީހުންނާ ގުޅުންހުރި މީހުންނާއި، ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ މީހުންނާއި، ވެކްސިން ފުރިހަމަނުކޮށް ތިބި 18 އަހަރުން ދަށުގެ ކުދިންނަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދެ ޑޯޒް ފުރިހަމަކުރެވުނުކަން ޔަގީންނުވާ މީހުން އަލުން ވެކްސިން ޖެހުމަކީ ސިއްހީގޮތުން މައްސަލައެއް ކުރިމަތިވާނެ ކަމެއް ނޫންކަން ފާހަގަކުރައްވައި އެފަދަ މީހުން ވެސް ޑޯޒް ފުރިހަމަކޮށް އެކަން ޔަގީންކުރުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

އަމީން ވިދާޅުވީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޔުނިސެފް މެދުވެރިކޮށް ވެކްސިން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިގޮތުން ކުރިއަށް އޮތް 7 ދުވަހާއި 10 ދުވަހާ ދޭތެރޭ އިތުރު ވެކްސިން ލިބޭނެ ކަމަށެވެ. ޓެސްޓް ހެދުމަށް އިތުރު ކިޓް ވެސް ހޯދަންޖެހޭ ކަމަށާއި އާދަޔާ ޚިލާފަށް ހިމަބިހި ފެތުރޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ޓެސްޓްކުރުމުގެ ގާބިލްކަން އިތުރުކުރަން ޖެހޭނެތީ އެކަން ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް ހިމަބިއްސަށް ޓެސްޓް ކުރުމުގައި ދައްޗެއް ކުރިމައްޗެއް ނުވާނެ. ވެކްސިން ފޯރުކޮށްދިނުމުގެ ދަތިކަން ކުރިމަތިނުވާނެ. ވެކްސިން ޖެހުމުގެ އިންތިޒާމުތައް ގާއިމުކުރެވިފައި ވަނީ. އަދި ހިމަބިހި ފެތުރިގެންދާ ހާލަތެއްގައި އެކަހެރިކޮށް ފަރުވާ ދިނުމަށް ހުންނަންޖެހޭ އިންތިޒާމުތައް ވެސް ފުރިހަމަކުރެވިފައި ވަނީ.
ހެލްތު މިނިސްޓަރ

ހެލްތު މިނިސްޓަރު ވިދާޅުވީ ހިމަބިހި ފެތުރިއްޖެ ހިނދެއްގައި އަމަލުކުރާނެ ގޮތްތަކަށް ވެސް މިހާރު ވަނީ ތައްޔާރުވެވިފައި ކަމަށެވެ. ބިދޭސީންގެ ފަރާތުން ހިމަބިހި ފެނުނު ނަމަވެސް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ތައްޔާރު ކަމަށް އަމީން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބުދަދުވަހު ވެސް 15 މީހަކު ހިމަބިއްސަށް ޓެސްޓް ކުރެވިފައިވާ ކަމަށާއި އެއްވެސް މީހަކު ޕޮޒިޓިވް ނޫން ކަމަށެވެ. މީގެ ތެރެއިން ބައެއް މީހުން އަދިވެސް އިތުރަށް ޓެސްޓްކޮށް ޔަގީންކުރާނެ ކަމަށެވެ.

ހިމަބިއްސަށް އާންމުން ހޭލުންތެރިކުރުމަށް ޚާއްސަ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ ކަމާބަހޭ ފަރާތްތަކުން ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރައްވާފައެވެ.