ރައްޔިތުންގެ ޚިޔާލާ، މަޝްވަރާއާއެކު ފަތުރުވެރިކަމާއި ބެހޭ ގަވާއިދުތައް އިސްލާހުކުރަން ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ނިންމައިފި އެެވެެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެމިނިސްޓްރީން މިހާރު އަމަލުކުރަމުންދާ ހުރިހާ ގަވާއިދުތަކެއް އިސްލާހުކޮށް ފަތުރުވެރިކަމުގެ ސިނާއަތުގެ މަސްލަހަތުވެރިންނާއި، ރައްޔިތުންގެ ހިޔާލާއި، މަޝްވަރާއާއެކު، އަލުން އެކުލަވާލަން އެ މިނިސްޓްރީން ނިންމާފައިވާކަމަށެވެ.

އެހެންކަމުން "ދިވެހިރާއްޖޭގެ ޓޫރިޒަމާއިބެހޭ ތަފާސް ހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމާއި ބެހޭ ގަވާއިދު" އަދި "އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ޓޫރިސްޓު ރިސޯޓުތަކުގައި އަޅަންޖެޭ ފިޔަވަޅުަތކާއި ބެހޭ ގަވާއިދުގެ އިތުރުން " ފަތުރުވެރިންގެ ރަމްޒީ ކައިވެނީގެ ހަފްލާ ބޭއްވުމާއި ބެހޭ ގަވާއިދު" އަށް އާންމު ފަރާތްތަކަށް ފެންނަ އިސްލާހުތައް ހުށައެޅުމަށް އެ މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

މިއަދުން ފެށިގެން މި ހިނގާ ޖެނުއަރީމަހުގެ 23 ގެ 14:00 ގެ ކުރިން އިސްލާހުތައް ހުށައެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

މި ތިން ގަވާއިދުގެ އިތުރުން މިގޮތަށް އަލުން އެކުލަވާލުމަށް ހަމަޖެހިފައިވާ އެހެނިހެން ގަވާއިދުތައްވެސް އާންމުންގެ ހިޔާލަށް ކުރިޔަށް އޮތްތަނުގައި ހުޅުވާލާނެކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ.