ށ. ފުނަދޫ އެއާޕޯޓު އަންނަ ފެބްރުއަރީ މަހުގެ 1 ގައި ހުޅުވާނެކަމުގެ ޔަގީންކަން ޓްރާންސްޕޯޓް މިނިސްޓްރީން ދީފައިވާކަމަށް ފުނަދޫ ކައުންސިލުން ބުނެފިއެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހީމްފުޅު ވިދާޅުވީ، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ސްޓޭޓް މިނިސްޓަ އަހުމަދު ޒުހެއިރު އެރަށު ކައުންސިލްގެ ބޭފުޅުންނާއި ބައްދަލުކުރައްވާ، އަންނަ އާދިއްތަ ދުވަހު އެއާޕޯޓުގެ އިންސްޕެންޝަންތައް ފަށާނެކަމަށް ވިދާޅުވި ކަމަށެވެ. އެގޮތުން އާދިއްތަދުވަހު އެއާޕޯޓުގެ އޮޑިޓެއްކޮށް، ޓެސްޓް ފްްލައިޓް ޖައްސާނެކަމަށް ޒުހައިރު ވިދާޅުވިކަމަށެވެ.

އަހްމަދު ވިދާޅުވީ ފެބްރުއަރީ 1 އިން ފެށިގެން ފުނަދޫ އެއާޕޯޓަށް ފްލައިޓްތައް ޖައްސާނެކަމުގެ ޔަގީންކަން މިނިސްޓްރީން ދީފައިވާ ކަމަށެވެ. އަދި އެއާޕޯޓު ހުޅުވުމާއެކު ޝެޑިއުލް ދަތުރުތައްފަށާނެ ކަމަށެވެ. އެންމެ ފުރަތަމަ ބާއްވަން ނިންމާފައިވަނީ ހަފްތާއަކު ފްލައިޓެއްކަމަށް އޭނަ ވިދާޅުވިއެވެ. އެހެންނަމަވެސް އެއަށްފަހު ފްލައިޓްތައް އިތުރުކުރާނެެކަމަށް ބެލެވޭކަމަށް އަހްމަދު ވިދާޅުވިއެވެ.

ފުނަދޫ އެއާޕޯޓުގައި ކުރަންޖެހޭ މަސައްކަތްތަކުގެ ގިނަ މަސައްކަތްތައް ނިމިފައިވާ ކަމަށާއި، ނުނިމި ހުރީ ހަމައެކަނި ފަޔާ ސްޓޭޝަންގެ މަސައްކަތްކަން ކައުންސިލްގެ ރައީސް އަހްމަދު ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ފަޔާ ސްޓޭޝަންގެ މަސައްކަތްވެސް ވަރަށް އަވަހަށް ނިމޭނެކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ފުނަދޫ އެއާޕޯޓަށް ބޭނުންވާ މުވައްޒަފުންވެސް މިހާރު ނަގާފައިވާ ކަމށް އޭނާ ވިދާޅުވިއެވެ.

މީގެކުރިން ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުނެފައިވަނީ މިމަހުގެ 15 ގައި އެ އެއާޕޯޓު ހުޅުވަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް އެކިއެކި ސަބަބުތަކާ ހުރެ އެއާޕޯޓު ހުޅުވުން ވަނީ ފަސްކޮށްފައެވެ.

ށ. ފުނަދޫގައި އެއާޕޯޓް އެޅުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ 2018 ވަނަ އަހަރު ފެބްރުއަރީމަހުއެވެ. އެއާޕޯޓް އެޅުމަށް 45 ހެކްޓަރުގެ ބިން އެރަށުން ހިއްކަފައިވެއެވެ.

މިމަސައްކަތަށް 89 މިލިއަން ރުފިޔާ ދައުލަތުން ވަނީ ޚަރަދުކޮށްފައެވެ.