މުޅި އިސްލާމީ ދުނިޔެއަށް މަޝްހޫރު ދެކުނު އެފްރިކާގެ ދީނީ އިލްމުވެރިޔާ ޝައިޚް އަހްމަދު ދީދާތުގެ ދަރިކަލުން ޔޫސުފް ދީދާތުގެ ގައިކޮޅަށް ބަޑިޖަހައި ޒަޚަމްކޮށްލައިފިއެވެ.

އުމުރުފުޅުން 65 އަހަރުގެ ޔޫސުފް ދީދާތުގެ ގައިކޮޅަށް ބަޑިޖަހާފައިވަނީ ދެކުނު އެފްރިކާގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ޑާރބަންގެ އާއިލާބެހޭ ކޯޓަށް ވެދެވަޑައިގަންނަވަނިކޮށެވެ. އޭނާ ކޯޓަށް ވަޑައިގެންނެވީ އަނބިކަނބަލުންނާ އެކުގައި ކަމަށް ވެއެވެ.

ފުލުހުންގެ ކާނަލް ތެމްބެކާ އެމްބެލޭ ވިދާޅުވީ، ޔޫސުފް ދީދާތުގެ ގައިކޮޅަށް ޖެހި ބަޑީގެ ވަޒަން އަރާފައިވަނީ އޭނާގެ އިސްތަށިފުޅަށް ކަމަށެވެ.

ޔޫސުފް ދީދާތުއަށް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންގެންދާއިރު، އޭނާގެ ހާލުކޮޅު ވަރަށް ސީރިއަސް ކަމަށްވެސް ފުލުހުންގެ ކާނަލް ވިދާޅުވިއެވެ.

ޔޫސުފް ދީދާތުގެ އާއިލާއިންވެސް ބުނެފައިވަނީ، އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި، ދުނިޔޭގައި އޮންނެވީ ކިރިޔަކިރިޔާ ކަމަށެވެ.

ފުލުހުންގެ ކާނަލް ތެމްބެކާ އެމްބެލޭ ވިދާޅުވީ، ޔޫސުފް ދީދާތުގެ ގައިކޮޅަށް ބަޑިޖެހީ ކާކުކަން ނޭނގޭ ކަމަށާއި، ބަޑިޖެހުމަށްފަހު އެމީހާ ކާރެއްގައި ފިލާފައިވާ ކަމަށެވެ.

ޔޫސުފް ދީދާތުގެ ބައްޕާފުޅު ޝައިޚް އަހްމަދު ދީދާތަކީ މުޅި އިސްލާމީ އުންމަތުގެ ގަދަރާއި އިހްތިރާމް ހޯއްދެވި ދުނިޔެއަށް މަޝްހޫރު އިލްމުވެރިއެކެވެ. އޭނާ އަވަހާރަވެފައިވަނީ 2005 ވަނަ އަހަރުއެވެ.

ޝައިޚް އަހްމަދު ދީދާތު އެންމެބޮޑަށް މަޝްހޫރު ވެގެންދިޔައީ، ތަފާތު ދީންތަކުގެ އިލްމުވެރިން އެއްކުރައްވައި ބަހުސްތައް ބާއްވައި އިސްލާމްދީނަށް ކުރި ހޯއްދަވައިދެއްވި އިލްމުވެރިއެއްގެ ގޮތުގައެވެ.

އިސްލާމްދީނުގެ އިލްމު ދުނިޔޭގައި ފެތުރުއްވުމުގެ އިތުރުން، ޝައިޚް އަހްމަދު ދީދާތަކީ އިސްލާމްދިނާއި ކްރިސްޓިއަނިޓީގެ ތަފާތު ފޮތްތައް ލިއުއްވާފައިވާ ބޭފުޅެއްވެސް މެއެވެ.

އިސްލާމްދީނުގެ ހަގީގީ ތެދު މައުލޫމާތު ހާމަކުރެއްވުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދީން ފެތުރުމަށް މަސައްކަތްކުރާ "އިސްލާމިކް ޕްރޮޕަގޭޝަން ސެންޓަރ، އިންޓަރނޭޝަނަލް" އުފެއްދެވީވެސް ޝައިޚް އަހްމަދު ދީދާތުއެވެ.

އިސްލާމްދީން ޕްރޮމޯޓްކޮށް ކުރިއެރުވުމަށް ޝައިޚް އަހްމަދު ދީދާތު ކުރައްވަމުން ގެންދެވި މަސައްކަތްޕުޅު ފާހަގަކޮށް "ކިންގް ފައިސަލް އިންޓަރނޭޝަނަލް ޕްރައިޒް" އޭނާއަށް އެރުވުނީ 1986 ވަނަ އަހަރުއެވެ.

ޝައިޚް އަހްމަދު ދިދާތެކޭ އެއްފަދައިން އޭނާގެ ދަރިކަލުން ޔޫސުފް ދީދާތަކީވެސް ދީނީ އިލްމުވެރިއެކެވެ. އިސްލާމްދީނުގެ އިލްމު ފެތުރުއްވުމުގެ މަސައްކަތް ޑާރބަންގައި އޭނާ ކުރައްވަމުން ގެންދަވާއިރު، ޔޫސުފް ދީދާތަކީ ތަފާތު އިޖުތިމާއީ ޚިދުމަތްތައްވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ޑާރބަންގެ ފުލުހުން ބުނެފައިވަނީ، ޔޫސުފް ދީދާތުގެ ގައިކޮޅަށް މީހަކު ބަޑި ޖަހަންޖެހުނު ސަބަބު ދެނެގަތުމަށް މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށާއި، ބަޑިޖެހި މީހާ ހޯދުމުގެ މަސައްކަތްވެސް ކުރަމުންގެންދާ ކަމަށެވެ.