ލާމަރުކަޒީ ނިޒާމުތެރޭގައި އުޅެން ނޭނގިގެން އަދި ރާއްޖޭގައި އެކަން އޮތްގޮތް އޮޅިގެން އުޅެނީ އެވާހަ ދައްކާ ބޭފުޅުންނަށް ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސައުދުވަނީ އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުން ލާމަރުކަޒީ ނިޒާމާއި ކޯލިޝަނާ ގުޅިގެން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

ސައުދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ މި ސަރުކާރުން ވަރަށް ބޮޑަށް ބާރުއަޅާ ކަމެއް ކަމަށާއި ރައްޔިތުންނަށް ވެފައިވާ ވައުދެއް ކަމަށެވެ. އަދި މިސަރުކާރަކީ ކޯލިޝަނެއްގެ ތެރެއިން އައިސްފައިވާ ސަރުކާރެއް ކަމަށާއި ޖުމްހޫރީ ޕާޓީއަކީވެސް ކޯލިޝަންގެ އެއް ހިއްސާ ކަމަށެވެ.

ބަޔަކަށް އެކަން މިހާރު އޮޅި ކޯލިޝަނުން މުޅި ވަކިވެގަނެ ޕާޓީތަކަށް ފާޑުކީ ކަމުގައިވީ ނަމަވެސް އެއީ ކަން އޮތްގޮތް ކަމަށް ސައުދު ވިދާޅުވިއެވެ.

މި ސަރުކާރަކީ ކޯލިޝަން މެނިފެސްޓޯއެއް، ކޯލިޝަން މެނިފެސްޓޯގެ ތެރެއިން އަންނަ ކޮންމެ ކަމަކީވެސް ޖުމްހޫރީ ޕާޓީގެ ބައިވެރިވުން އޮންނަ ޖޭޕީއަށްވެސް އޭގެ ކްރެޑިޓް ނެގޭނެ ކަންކަން، މިއީ ޖުމްހޫރީ ޕާޓީންވެސް ހެދި މެނިފެސްޓޯއަކާ އެކު އައިސްފަ އޮތް އެއްޗެއް އެހެންވީމަ ވަކި ބަޔަކަށް އޭގެ ކްރެޑިޓެއް ނުނެގޭނެ
ސައުދު

ސައުދު ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ކޯލިޝަނުން ބޭރުންވެސް ލާމަރުކަޒީ ނިޒާމަށް ވަރަށް ބޮޑަށް ބާރުއަޅާ ޕާޓީއެއް ކަމަށެވެ. ޖޭޕީން އަބަދުވެސް އެދޭނީ ރައްޔިތުންނަށް ހެޔޮގޮތް ކަމަށް ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ޖުމްހޫރީ ޕާޓީންވެސް އެދެނީ ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމަކަށް ކަމަށެވެ. އަދި އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތަކަށްވީމާ ލިބެންޖެހޭ އެއްވެސް އަސާސީ ހައްގަކަށް އުނިކަމެއް ލިބުމަކީ ޖުމްހޫރީ ޕާޓީން އެދޭ ކަމެއް ނޫން ކަމަށެވެ.

މާލެއާއި އަތޮޅު ތެރޭގައި އޮންނަ ފަރަގު ކުޑަކުރުމުގެ ވާހަކަ އެންމެކުރިން ދެއްކި ބަޔަކަށްވެސް ޖުމްހޫރ ޕާޓީ ވާނެ ކަމަށާއި، މާލެއަކީ ވެރިރަށް ކަމުގައިވިޔަސް ހަމައެކަނި މާލެ ތަރައްގީކޮށް އަތޮޅުތެރޭގެ ރައްޔިތުންނަށް މާލެ އަންނަން މަޖުބޫރު ވުމަކީވެސް ޖުމްހޫރީ ޕާޓީން ގަބޫލުކުރާ އުސޫލެއް ނޫން ކަމަށް ސައުދު ވިދާޅުވިއެވެ.

އެގޮތުން، ރާއްޖޭގައި އަތޮޅު ތެރެއާއި މާލޭގަ ކާޑުގެ ބާވަތްތަކުގެ އަގު އެއްވަރު ކުރުމަށް އެންމެ ފުރަތަމަ ވާހަކަދައްކައި 2013 ވަނަ އަހަރު އިންތިހާބަށް މެނިފެސްޓޯގައިވެސް އެކަން ހިމެނި ހަމައެކަނި ޕާޓީއަކީ ޖުމްހޫރީ ޕާޓީކަން ސައުދު ވަނީ ފާހަގަ ކުރައްވާފައެވެ.

2013 ވަނަ އަހަރުގެ ތެރޭގައި މެނިފެސްޓޯ އެކުލަވާލިއިރު ޖުމްހޫރީ ޕާޓީން އޮންނާނެ ހިމަނާފަ، ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މާލޭގައި ލިބޭ އަގުގައި ހަނޑޫ ހަކުރު ފުށް ލިބެން ޖެހޭނެ ކަމަށް، މިފަދަ ވިސްނުމެއްގައި މަސައްކަތް ކުރި ހަމައެކަނި ޕާޓީ ޖުމްހޫރީ ޕާޓީއަކީ
ސައުދު

ސައުދު ވިދާޅުވީ، ކޯލިޝަނެއްގެ ތެރެއިން އައި ސަރުކާރެއްގައި ކޯލިޝަންގެ ހުރިހާ ޕާޓީތަކެއްގެ މެނިފެސްޓޯއާއި ވައުދުތައް އެއްކޮށް އެކުލަވާލި މެނިފެސްޓޯއެއްގައި ހުރި ކަންކަން ކޯލިޝަންގެ ސަބަބުން ނުވެގެން އުޅެނީ ކަމަށް ބުނުމުން އެއީ ޖޯކެއްގެ ގޮތުގައި ފެނިވަޑައިގަންނަވާ ކަމަށެވެ.

ރައްޔިތުންގެ ހައްގުގެ ގޮތުގައި އެ ދައްކަވަނީ ހަމައެކަނި އެމްޑީޕީން އެޕާޓީގެ މެމްބަރުންނަށް ކޮށްދޭން ބޭނުންވާ ކަންކަމުގެ ވާހަކަތޯވެސް ސައުދު ވަނީ ސުވާލު ކުރައްވާފައެވެ.

ސައުދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ އަބަދުވެސް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާ ބޭފުޅެއްކަން އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.

ރާއްޖޭގައި ސިޔާސީ ކަންކަމުގެ ތެރެއަށް ގާސިމް އިބްރޙާިމް ނިކުމެވަޑައިގަތުމުގެ މާކުރިން ފަށައިންވެސް އެމަނިކުފާނަކީ ހިލޭ އެހިގައި އެތައް ބަޔަކަށް ބޭސްފަރުވާ ކޮށްދީ އެތައް ޒުވާނުންނަކަށް މަތީ ތައުލީމު އުނގެނުމުގެ ފުރުސަތު ފަހިކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. އާސަންދައިންވެސް އެމަނިކުފާނު ކޮށްދެއްވާފައިވާ ޚިދުމަތްތަކާ އެއްވަރު ނުވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އެފަދަ ބޭފުޅަކު ކޯލިޝަނަކުން ރައްޔިތުންނަށް ފައިދާއެއް ނުވާނެ ގޮތަކަށް ކަމެއް ކުރައްވާނެ ކަމަށް ވިސްނުމަކީވެސް ގޯހެއް ކަމަށް ސައުދު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއަކީ ރަައްޔިތުންގެ ހައްގުގަ މަސައްކަތް ކުރާ ޕާޓީއެއް ކޮންމެ ގޮތަކުންވެސް ރައްޔިތުންނަގެ މަންފާ އަށް ޖޭޕީން ބަލާ، އެހެންވީމަ އެ ދައްކާ ވާހަކަ ދިމައެއް ނުވޭ، ރަނގަޅަށް ބަލައިފި ނަމަ އެނގިގެންދާނެ ސަރުކާރު އައުމުގެ ކުރިން ޖޭޕީގެ ލީޑަރު ކޮށްދެއްވާފައި ހުރި ކަންކަން އަދިވެސް މިނަކިރާ ނުލެވޭ، ރާއްޖޭގައި އަމިއްލަ ގޮތުން ފުރަތަމަ ފައުންޑޭޝަނެއް ހިންގާ، އާސަންދައިގެ ކުރިން ހިލޭ ބެސްވަރުވާ ދިނުމާއި ހިލޭ މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު އެތައް ބަޔަކަށް ވަނީ ފަހިކޮށްދީފަ،، ދެން ގާސިމްގެ ސަބަބުން ހައްގެއް ނުލިބެންވީ ކީއްވެގެންތޯ
ސައުދު
ގާސިމް އިބްރާހިމް ، މުހައްމަަދު ނަޝީދު

ސައުދު މިފަދައިން ވާހަކަ ދައްކަވާފައިވާއިރު، ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެމްޑީޕީން ކުރިޔަށް ގެންދަމުންދާ ކެމްޕޭން ހަރަކާތްތަކުގެ ތެރޭގައި އެމްޑީޕީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން ގެންދަވނީ ވަރަށް ބޮޑަށް ކޯލިޝަނަށް ފާޑުވިދާޅުވަމުންނެވެ.

ރައްޔިތުންގެ ހައްގުތައް ނުލިބެނީ ކޯލިޝަންގެ ސަބަބުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް ވަނީ ލާމަރުކަޒީ ނިޒާމަށް އުޅެން އެނގެނީ ހަމައެކަނި އެމްޑީޕީއަށް ކަމަށް ވިދާޅުވެފައެވެ.

މިވާހަކަތާކާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން އެމްޑީޕީއަށްވެސް ވަނީ އަމާޒުވެފައެވެ.