އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނު އިތުރަށް ދަނީ ވަރުގަދަވެ ބަދަހިވަމުން ކަމަށް، އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެއެވެ.

ރޫހާނީ ވިދާޅުވީ، އެމެރިކާގެ ނުބައި ރޭވުންތަކާއި، ފިއްތުންތަކާއެކުވެސް، ސަރަހައްދުގައި ހުރި އެމެރިކާގެ އެންމެ މުހިންމު އަސްކަރީ ބޭސްތަކަށް މިސައިލްގެ ވާރޭ އޮއްސާލަން ކެރުނީވެސް އީރާނަށް ކަމަށެވެ.

އީރާނުގެ ރައީސް މި އިޝާރާތް ކުރެއްވީ، އެމެރިކާ ސިފައިން އިރާގުގައި ހުންނެވި އީރާނު ގުދުސް ފޯސްގެ ކޮމާންޑަރ ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުގެ އެކަމުގެ ރައްދުގައި އީރާނު ސިފައިން އިރާގުގައި އެމެރިކާ ސިފައިން ތިބޭ އަސްކަރީ ދެ ބޭސްއަކަށް ދިން ވަރުގަދަ މިސައިލް ހަމަލާތަކަށެވެ.

އެމެރިކާގެ ފަރާތުން ކުރިމަތިވި ނުރައްކާތަކަށް އީރާނުން ދެއްކި ދެކޮޅުވެރިކަމާއި، ދިން ރައްދުގެ ސަބަބުން އެމެރިކާ މިހާރު ފަތަހަށް ޖެހިފައިވާ ކަމަށް، ރައީސް ރޫހާނީ ވިދާޅުވި ކަމަށް، އީރާނުގެ ރަސްމީ ނޫސް އޭޖެންސީ، އިރްނާއިން ރިޕޯޓްކޮށްފައި ވެއެވެ.

"އީރާނު ނިކަމެތިކޮށްލުމަށް ވެވުނު އެންމެ ބޮޑަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، އެމީހުން ޖެހި ހިސާބު ގޯސްކަން މުޅި ދުނިޔެއަށާއި، އެމެރިކާއަށްވެސް މިވަނީ ހާމަވެ ސާބިތުވެގެން ގޮސްފައި"
ހަސަން ރޫހާނީ

ރޫހާނީ ވިދާޅުވީ، ތިންމަސް ދުވަހުގެ ތެރޭގައި އީރާނު ކުޑަކަކޫ މައްޗަށް ތިރިކުރަން އެމީހުން ވައުދުވި ކަމަށާއި، ނަމަވެސް އެމީހުންގެ ރޭވުންތަކާއި ފިޔަވަޅުތަކުގެ ސަބަބުން އީރާނު އިތުރަށް ވަރުގަދަވެ ލިބުނީ އިތުރު ބަދަހިކަމެއް ކަމަށެވެ.

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި އެމެރިކާވެސް ހިމެނޭގޮތުން، ހުޅަނގުގެ ބޮޑެތި ބާރުތަކާއި، އީރާނާ ދެމެދު އެއްބަސްވުމެއް ހަދައި އޭގައި ސޮއިކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ.

ނަމަވެސް، ވެރިކަމަށް ވަޑައިގެން ޑޮނަލްޑް ޓްރަމްޕް ވަނީ އެ އެއްބަސްވުމުން އެމެރިކާ ވަކޮށްފައެވެ. އަދި އޭގެފަހުން، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިން އަޅާފައި ހުރި ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އަޅައި އަދި އިތުރު އެތައް ފިޔަވަޅުތަކެއްވެސް އެޅިއެވެ.

ޓްރަމްޕް އީރާނަށް ފިއްތުންތައް ކުރިމަތި ކުރައްވަމުން ގެންދެވީ، ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި އެމެރިކާ ބޭނުންވާގޮތަށް އައު އެއްބަސްވުމެއް ހެދުމަށެވެ. އެހެން ނަމަވެސް، ޓްރަމްޕް މިހާތަނަށް ކުރެއްވި މަސައްކަތުން އީރާނު މަޝްވަރާގެ މޭޒުދޮށަށްވެސް ގެންދެވިފައި ނުވާއިރު، އެމެރިކާއިން އެޅި ފިޔަވަޅުތަކުންވެސް އީރާނަށް މާބޮޑު އަސަރުތަކެއް ކުރިތަނެއް ނުފެނުނެވެ.

ނިއުކްލިއަރ އެއްބަސްވުމުން އެމެރިކަ ވަކިވުމުން، އީރާނުން މިހާރުވަނީ އެއްބަސްވުމުގައި އީރާނުން ކުރަން ވައުދުވި ބައެއް ކަންކަން އުވާލައި، އަލުން ޔޫރޭނިއަން ފައްކާކުރަންވެސް ފަށާފައެވެ.