ފާއިތުވެދިޔަ ދެދުވަހު ހެދި ޓެސްޓްތަކުން އެއްވެސް މީހަކަށް ހިމަބިހި ޖެހިފައިވާކަމަށް ފެނިފައި ނުވާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ހިމަބިހީގެ ހާލަތާއިގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ހިމަބިއްސަށް މީހަކު ޕޮޒިޓިވް ނުވިޔަސް އެބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކުރަމުންދާ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

މިގޮތުން ވެކްސިން ހުސްނުވެ ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށާ ވެކްސިން ނުޖަހާ މީހުންގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ ހިމަބިހި ފެނުނު ސަރަހައްދުގައި ހުރި ގޭބިސީތަކަށް ވެކްސިން ދިނުމާއި އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ވެކްސިންދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހާތަނަށް ހިމަބިހި ޖެހިފައިވާ 3 މީހަކު ވަނީ ރާއްޖެއިން ފެނިފައެވެ.

ރާއްޖެއިން ފެންނަން ފަށާފައިވާ ހިމަބިހީގެ ހާލަތު އިތުރަށް ގޯސްވިޔަސް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސިއްހީ ދާއިރާއިން ތައްޔާރުވެފައި ވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން އެކަން ކުރިއަށް ގެންދާއިރު، މާލެ ސަރަހައްދުގެ ހުރިހާ ހޮސްޕިޓަލްތަކުގެ މުވައްޒަފުންނަށް ވެސް ވެކްސިން ދެމުންދާ ކަމަށެވެ.

އަދި އާންމުންގެ ތެރެއިންވެސް ވަރަށް ގިނަބަޔަކު މިހާރު ވެކްސިން ޖަހާފައިވާ ކަމަށާއި މިގޮތުން އަންގާރަ ދުވަހުން ފެށިގެން ބުދަދުވަހުގެ އިރުއޮއްސުމާ ހަމައަށް 1200 އަށްވުރެ ގިނަ މީހުން ވެކްސިން ޖަހާފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.