ކަޝްމީރުގެ މައްސަލަ އދގެ ސަލާމަތީ މަޖިލީހުގައި ނުނެގުމަށް އިންޑިއާއިން ޗައިނާގެ ކިބައިން އެދިއްޖެއެވެ.

އިންޑިއާއިން ބުނެފައިވަނީ، ކަޝްމީރުގެ މައްސަލައަކީ އިންޑިއާއާއި ޕާކިސްތާނާ ދެމެދުގެ މައްސަލައެއް ކަމަށާއި، އެހެންކަމުން، އެކަމުގެ ތެރެއަށް ޗައިނާ ވަންނަން ނުޖެހޭނޭ ކަމަށެވެ. އެ މައްސަލާގައި ސަލާމަތީ މަޖިލީހުގައި ޗައިނާއިން ގޮތްކިޔައިގެން ނުވާނޭ ކަމަށެވެ.

އިންޑިއާއިން މިކަމަށް އެދުނީ، އދގެ ކަޝްމީރު އޮބްޒާވަރ މިޝަންގެ މަސައްކަތްތައް އަލުން މުތާލިއާކުރުމަށް ޗައިނާއިން ސަލާމަތީ މަޖިލީހުގައި އެދުމާ ގުޅިގެންނެވެ.

މިމައްސަލާގައި އިންޑިއާ ސަރުކާރުން މިއަދު ބަޔާނެއް ނެރެފައިވާއިރު، އިންޑިއާ ޚާރިޖިއްޔާގެ ތަރުޖަމާނު ރަވީޝް ކުމާރު ވިދާޅުވީ، ކަޝްމީރުގެ މައްސަލަ އިތުރަށް ގޯސްކުރަން ޗައިނާއިން މަސައްކަތް ކޮށްގެން ނުވާނޭ ކަމަށާއި، އެ މައްސަލަ ސަލާމަތީ މަޖިލީހުގައިވެސް ނަގައިގެން ނުވާނޭ ކަމަށެވެ.

އދގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ 15 މެމްބަރު ގައުމުގެ ތެރެއިން ގިނަ ގައުމުތަކުން އިންޑިއާއާއި ޕާކިސްތާނަށްވެސް ގޮވާލާފައިވަނީ، ކަޝްމީރުގެ މައްސަލާގައި އުފެދިފައިވާ ޚިލާފްތައް މަޝްވަރާކޮށްގެން ނައްތާލައި ސުލްހަވެރި މަގު ޚިޔާރުކުރުމަށެވެ.

އެހެންނަމަވެސް، ކަޝްމީރުގެ މައްސަލާގައި ބަހުސްކުރުމަށް، އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަށް އިއްޔެ ގޮވާލައްވަމުން ޗައިނާއިން އދއަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރވަނީ، މައްސަލަ އިތުރަށް ގޯސްވެދާނެ ކަމަށް އިންޒާރު ކުރައްވާފައެވެ. ހަމަ އެއާއެކު، ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގެ ސަބަބުން އިންޑިއާއާއި ޕާކިސްތާނާ ދެމެދު މަޝްވަރާކޮށްގެން ހައްލުހޯދުމަށް މަގުފަހި ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ޗައިނާ އެމްބަސެޑަރ ވިދާޅުވެފައި ވެއެވެ.

އިންޑިއާ ޚާރިޖިއްޔާގެ ތަރުޖަމާނު ރަވީޝް ކުމާރު ވިދާޅުވީ، ކަޝްމީރުގެ މައްސަލައިގެ ތެރެއަށް ނުވަނުމަށް ޗައިނާގެ ކިބައިން މީގެކުރިންވެސް އެދިފައވާނޭ ކަމަށެވެ.

ކަޝްމީރުގެ މައްސަލަ މިފަހުން ހޫނުވެގެންދިޔައީ، އިންޑިއާއިން ވެރިކަން ކުރަމުން އަންނަ ކަޝްމީރު ފަޅި، ޖައްމޫ އެންޑް ކަޝްމީރަށް ދީފައިއޮތް ސްޓޭޓެއްގެ ހައިސިއްޔަތު ނިގުޅައިގަނެ އެ ސްޓޭޓް ރޫޅާލުމަށް އިންޑިއާ ސަރުކާރުން މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 5 ވަނަ ދުވަހު ނިންމުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ޖައްމޫ އެންޑް ކަޝްމީރުގެ ހާލަތު ވަރަށް ބޮޑަށް ގޯސް، އިންޑިއާގެ މައި ސަރުކާރުން އެ ސްޓޭޓަށް ސަލާމަތީ އިތުރު ފައުޖުތައް ފޮނުވައި، ކާފިއު ހިންގައި، އިންޓަރނެޓާއި މުވާސަލާތީ ޚިދުމަތް ކަނޑާލައި، އެތައްހާސް ބަޔަކު ހައްޔަރުކޮށްފައި ވެއެވެ. އަދި އެކަމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި އެތައްބަޔަކު މަރުވެ އެތައްހާސް ބަޔަކު ޒަޚަމްވިއެވެ.

ޖައްމޫ އެންޑް ކަޝްމީރަށް އިންޑިއާއިން އަދިވެސް އިންޓަރނެޓްގެ ޚިދުމަތް ނުދެއެވެ.