ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ތުއްތު އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފް އިސްތިއުފާ އަށް ގޮވައި މާލޭގައި އަޑު އުފުލައިފި އެވެ.

ގިނަ އަަދެއްގެ ޒުވާނުން ހުކުރު ދުވަހު ހަވީ، ޖެންޑަރ މިނިސްޓްރީ ކުރިމައްޗަށް އެއްވެ ވަނީ ޖިންސީ ގޯނާ އާއި، ދެކޮޅަށް އަޑު އުފުލާފަ އެވެ.

ޖިންސީގޯނާގެ މި ހުތުރު އަމަލުގެ މައްސަލަ ފެންމަތިވުމާއި ގުޅިގެން މުޅި ސޯޝަލްމީޑިއާ ވަނީ ކެކިގެން ދިއަ އެވެ.

އެގޮތުން ގިނަ އަދަދެއްގެ ޒުވާނުން ވަނީ ސޯޝަލް މީޑިއާގައި ވެސް އެ މީހުން ހައްޔަރުކުރުމަށް ގޮވާލާފަ އެވެ. އަދި އެމީހުންނަށް ހަރުކަށި އަދަބު ދީ ޖިންސީގޯނާކުރާ މީހުނަށް ހައްގު އަދަބު ދިނުމަށް ގޮވާލައި، ޖެންޑަރ މިނިިސްޓްރީދޮށަށް އެއްވެ ހިމޭން މުޒާހަރާއެއް ވެސް ވަނީ ކޮށްފައެވެ.

ޖެންޑަރ މިނިސްޓްރީ ކުރިމަތީގައި ގިނަ އަދަދެއްގެ ޒުވާނުން ހިމޭން މުޒާހަރާއެއް ކުރަމުންދަނިކޮށް، އެސަރަހައްދަށް ބައިވެރިންނާއި ބައްދަލުކުރެއްވުމަށް މިނިސްޓްރީ ސަރަހައްދަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ވަޑައިގެންނެވުމުން ބައެއް އާއްމުންނާއ، ނޫސްވެރިން ވަނީ މިނިސްޓަރާއި ސުވާލުތައް ކުރިމަތިކުރައްވާފަ އެވެ.

ނޫސްވެރިންދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން، އަދި މުޒާހަރާގެ ބައިވެރިންނާއި މުހާތަބުކުރައްވައި މިނިސްޓަރ ޝިދާތާ ވިދާޅުވީ، ޖިންސީ އަމަލުގެ ޝިކާރައަކަށްވި ކުޑަކުއްޖާއަށް ހިމާޔަތްދެވި އެކުއްޖާ މިހާރު ވަނީ ރައްކާތެރި ކަމުގައި ކަމަށެވެ. އެގޮތުން ކުއްޖާއަށް ދޭންޖެހޭ ފަރުވާ އާއި ރައްކާތެރިކަން ކަމާއި ގުޅުންހުރި އިދާރާތަކުން ކަށަވަރުކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓްރީ ސަރަހައްދުގައި މިނިސްޓަރ ނޫސްވެރިންނާއި ވާހަކަދައްކަވަމުން ގެންދެވި ވަގުތު ބައެއް މީހުން ވަނީ، ރުޅިގަދަވެ ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމުގައި ޖެންޑަ މިނިސްޓްރީން، ހާއްސަކޮށް މިނިސްޓަރ ޝިދާތާ އިހުމާލުވެފައިވާ ކަމަށް ބުނެ، އެކަމަނާގެ އިސްތިއުފާއަށް ގޮވާލާފައެވެ.

އާއްމުންގެ އެ ގޮވާލުންތަކާއި ގުޅިގެން މިނިސްޓަރ ޝިދާތާ ވިދާޅުވީ، މިދަނޑިވަޅަކީ ހެޔޮނިޔަތުގައި އެންމެންގެ އެއްބާރުލުމާއި އެކު މިފަދަ މައްސަލަތައް ހައްލުކުރަންވީ ވަގުތު ކަމަށެވެ.

އިސްތިއާއަށް ގޮވާލާ މީހުންގެ ޑިމާންޑަށް އިސްތިއުފާ ދެއްވަފާނަންތޯ އަދި މިއީ އިސްތިއުފާދެއްވަންޖެހޭ ވަގުތުތޯ ނޫސްވެރިއަކު ދެންނެވި ސުވާލުގައި ޝިދާތާ ވިދާޅުވީ، އެކަމަނާ އިސްތިއުފާ ދެއްވައިގެން ދެން، އެއްވެސް ކުއްޖެއްގެ ޖިންސީ އަނިޔާގެ މައްސަލައެއް ނާންނާނެ ކަމުގެ ޔަގީންކަން އޮވެއްޖެނަމަ ވަގުތުން އިސްތިއުފާ ދެއްވަން ހުންނެވީ ތައްޔާރަށް ކަމަށެވެ.

މިނިސްޓަރ ޝިދާތާ ވިދާޅުވީ، މުޖުތަމައުގައި މިފަދަ ވަރަށްބޮޑެތި މައްސަލަތައް އެބަހުރި ކަމަށާއި، އަދި މިހާރު އެކުލަވާލާފައިވާ ކުޑަކުދިންގެ ރައްކާތެރި ކަމާއި، ކުޑަކުދިންގެ އަދުލުގެ ގާނޫނު ނެގެހެއްޓުމައް ސަރުކާރުން މަސައްކަތްކުރަައްވާނެ ކަމަށެވެ.

މުޒާހަރާގެ ބައިވެރިންނާއި، ބައްދަލުކުރެއްވުމަށް މިނިސްޓަރ ވަޑައިގެންނެވި ނަމަވެސް ބައެއް މީހުން ގެންދިއައީ، ކެނޑިނޭޅި އެކަމަނާގެ އިސްތިއުފާއަށް ގޮވަމުންނެވެ. އަދި މިިނިސްޓަރ ޝިދާތާ އެސަރަހައްދުން ވަޑައިގެންނެވުމުން ވެސް، އެކަމަަނާގެ ފަހަތްޕުޅުން ވެސް ގިނަ ބަޔަކުވަނީ އިސްތިއުފާއަށް ގޮވަމުން މަގުމަތީގައި ހިނގާފައެވެ.

މިނިސްޓަރ ޝިދާތާގެ ފަހަތްޕުޅުން ބައެއް އާއްމުން އިސްތިއުފާއަށް ގޮވަމުން ދާން ފެށުމުން، ދެ ސަރަހައްދަކުން އާއްމުން ހުއްޓުވަން ފުލުހުން މަސައްކަތްވެސް ކޮށްފައިވެއެވެ. ނަމަވެސް މިނިސްޓަރ ޝިދާތާ ވަނީ އެމީހުންނަށް ފުރުސަތު ދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ނަމަވެސް ރިންގް ރޯޑާއި ހަމައަށް ނުނިކުމެވެނީސް ފުލުހުން ވަނީ، އާއްމުން ހުއްޓުވާފަ އެވެ. ނަމަވެސް މީޑިއާއަށް ފުރުސަތުދީފައިވެ އެވެ.

މިނިސްޓަރ ޝިދާތާ ވަނީ، ޖެންޑަރ މިނިސްޓްރީ ސަރަހައްދުން ފެށިގެން، މަގުމަތިން ހިންގަވާފައި ވަޑައިގެން، ރިންގްރޯޑް ފަތާ ޓްރެކް ސަރަހައްދާއި ހަމައަށް ވަޑައިގެން ކާރުކޮޅުގައި ވަޑައިގެންފައެވެ.