މާލެ އަތޮޅު ކަގި ކައިރިން ފަރަަށް އެރި ދޯނީގެ ކައްޕި ގެއްލިގެން ހޯދަމުންދާއިރު އެދޯނި ފަރަށް އެރިއިރު އެދޯނީގައި އިތުރު ދިވެއްސަކު ހުރިކަމަށް ފުލުހުން ބުނެފިއެވެ.

"ޓީޓީއެސް ފާން" ނަމަކަށްކިޔާ ދޯނި ފަރަށް އެރީ މިމަހުގެ 6 ވަނަ ދުވަހުގެ ވަގުތެއްގަ އެވެ. އެވަގުތު ދޯނީގައި ތިބީ ހދ. ކުޅުދުއްފުށީ، ހަވީރީ ނާޒު، 37އ. މުހައްމަދު ޔޫސުފް (ކައްޕި) އާއި، ދެ ބިދޭސީން ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވީނިއުސްއަށް ވިދާޅުވީ "ޓީޓީއެސް ފާން" ނަމަކަށްކިޔާ ދޯނި ފަރަށް އެރިއިރު އެދޯނީގައި ގެއްލިގެން ހޯދަމުންދާ ކައްޕީގެ އިތުރުން އިތުރު ދިވެއްސަކު ހުރިކަމަށް ފުލުހުންގެ ތަހްގީގަށް އެގިފައިވާކަމަށެވެ. އެހެން ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދޯނި ފަރަށް އެރިއިރު އެ ދޯނީގައި އިތުރު ދިވެއްސަކު ހުރިކަން ފުލުހުން ބުނެފައި މިވަނީ އެދޯނި ފަރަށް އެރި އިރު އެދޯނީގައި އިތުރު ދިވެއްސަކު ހުރިކަމަށް ކައްޕީގެ އާއިލާއާ ހަވާލާ ދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮަށްފައި ވަނިކޮށެވެ.

މުހައްމަދު ޔޫސުފް (ކައްޕި)ގެ އައިލާ މެންބަރަކު ވީނިއުސްއަށް ބުނީ ފަރަށްއެރި ދޯންޏަކީ ކުންފުންޏެއްގެ ދަށުން ހިނގާ ދޯޏެއްކަމަށެވެ. ދޯނީގައި އިތުރު ދިވެއްސަކު ހުރިކަން އާއިލާއަށް ކަށަވަރު ކޮށްދީފައި ވަނީ އެކުންފުނިން ކަމަށެވެ. އެ ދޯނި ދަތުރު ފެށީ ދެ ދިވެހިންނާ، ދެ ބިދޭސީނާއި އެކުގައިކަމަށް ކުންފުނީގެ އޮފީހުން ބުނެފައިވާކަމަށް ކައްޕީގެ އާއިލާ މެންބަރު ބުންޏެވެ.

ދޯނީގައި ބޭބޭ ގެ އިތުރުން އިތުރު ދިވެއްސަކު ހުރިކަމުގެ މައުލޫމާތު ދިނީ އޮފީހުން. ބޭބެ ދަތުރު ކުރާ ދޯންޏަކީ ކުންފުންޏަކުން ހިނގާ ދޯޏެއް. އެތަނުގެ އޮފީހުން ބުނީ އެދޯނި ދަތުރު ކުރަން ފެށީ ބޭބެ އާއި އެކު ޖުމްލަ 4 މީހުން ކަމަށް. އެއާި ދެ ބޭރު މީހުންނާ ބޭބޭ ގެ އިތުރުން ދިވެއްސެއްކަމަށް. ދެން އަޅުގަނޑުމެން ބޭބެ ނަންބަަށް ގުޅީމަ ފުރަތަމަ ބޭރުމީހެއް ފޯނު ނެގީ ދެވަނަފަހަރަށް ގުޅީމަ ދިވެއްސެއް ނެގީ.
މުހައްމަދު ޔޫސުޕް(ކައްޕި) ގެ އާއިލާ މެންބަރެއް

ކައްޕި ހޯދުމަށް ހެލިކޮޕްޓަރ ބޭނުންކުރަމުންދާއިރު، ކަނޑުގެ ސަރަހައްދު ބަލައި، އަދި ފީނައިގެންވެސް އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓްގާރޑުން ދަނީ ކުރަމުން ނެވެ.

މި ސާޗް އޮޕަރޭޝަންގައި އެންމެ ފުރަތަމަ ފެނިފައި ވަނީ، މާސްކަކާއި ބޮކްސާ ވައްތަރުގެ ސޯޓެކެވެ. އަދި ފަހުން އެސަރަހައްދުން ޑަސްބިން ކޮތަޅަކަށް ލައި ބަންދުކޮށްފައި އޮތް ވަޅި އާއި ފޯނެއް އަދި އެހެން ބައެއް އިލެކްޓްރޯނިކް ސާމާނު ފެނިފައި ވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އެ ތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާއިރު ފުލުހުން އަންނަނީ މި މައްސަލަ ތަހްގީގު ކުރަމުންނެވެ.

މިތަކެތި ފެނުމާއެކު ކައްޕި ގެއްލުނު ގޮތާއި މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ކައްޕި ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިޔަށް ގެންދާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.