ކުޑަކުއްޖާއަށް ޖިންސީ އަނިޔާކުރި މީހުންގެ މައްސަލަ ބެލުން އަވަސްކޮށް، ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ޖުމްހޫރީ ޕާޓީން ގޮވާލައިފިއެވެ.

ޖުމްހޫރީ ޕާޓީން އާންމުކޮށްފައިވާ މެސެޖެއްގައި ބުނެފައިވަނީ 2 އަހަރުވެސް ނުފުރޭ ތުއްތުކުއްޖަކަށް، އެކުއްޖާގެ އާއިލާގެ ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން ޖިންސީ އަނިޔާކޮށް އެކުއްޖާ ރޭޕްކޮށްފައިވާ ޚަބަރު އަޑުއެހީ ފުން ހިތާމައަކުގައިކަމަށެވެ.

އަދި މިފަދަ ލާއިންސާނީ އަމަލު ހިންގާ މީހުން މަދުންނަމަވެސް، މިމުޖުތަމައުގައި އުޅޭކަމީ އެޕާޓީން ހިތާމަކުރާ ކަމެއްކަމަށް މެސެޖުގައި ވަނީ ބުނެފައެވެ.

ކުދިންނަށް ރައްކާތެރިކަން ދިނުމުގެ ޒިންމާ ނަގަންޖެހޭ މީހުން ހިންގާ މިފަދަ އަމަލުތަކުގެ ޝިކާރަައަކަށްވެފައިވާ ކުދިންނަށް، ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދީ، އެކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށް ކަމާބެހޭ އެންމެހާ އިދާރާތަކަށާއި މުއައްސަސާތަކަށް ވަނީ ގޮވާލާފައެވެ. އަދި މިއަމަލު ހިންގާފައިވާ މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެސް، ޝަރުއީ މަރުހަލާތައް އަވަސްކޮށް ހައްގުވެގެންވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލާ ކަމަށްވެސް ޖުމްހޫރީ ޕާޓީން ވަނީ ބުނެފައެވެ.

ތުއްތު ކުއްޖާއަށް، އެކުއްޖާގެ އާއިލާގެ މީހުން ވެގެން ޖިންސީ އަނިޔާ ކުރި މައްސަލައާ ގުޅިގެން މުޅި ރާއްޖޭގައިވެސް އަންނަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. އެގޮތުން އެމީހުންގެ މައްސަލަތައް ބެލުން އަވަސްކޮށް، ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލާ އެއްވުންތައް ބާއްވާ، ސޯޝަލް މީޑިޔާގައިވެސް އަންނަނީ މީހުން ޝުއޫރު ފާޅުކުރަމުންނެވެ.