ޖިންސީ ގޯނާ އާއި ދެކޮޅަށް މާލެ އާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް ހިނގާލުން ބޭއްވުމަށް ތައްޔާރުވާން ފަށައިފި އެވެ.

ގއ. ކަނޑުހުޅުދޫގައި ތުއްތު ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލަ ފެންމަތިވުމާއި، ގުޅިގެން އެކަންކުރި މީހުންނަށް ހަރުކަށި އަބަދު ދިނުމަށް ގޮވާލައި މާލޭގައި އިއްޔެ ވަނީ ހިމޭން މުޒާހަރާއެއް ފަށާފަ އެވެ.

އެގޮތުން އިއްޔެ ހަވީރު ގިނަ އަދަދެއްގެ ޒުވާނުން ވަނީ، ޖެންޑަރ މިނިސްޓްރީ ހުންނަ ސަރަހައްދަށް އެއްވެ ހިމޭން މުޒާހަރާއެއް ކޮށްފަ އެވެ. ނަމަވެސް އެ ސަރަހައްދަށް މިނިސްޓަރ ޝިދާތާ ޝަރީފު ވަޑައިގެންނެވުމުން ބައެއް މީހުން ރުޅިގަދަވެ މިނިސްޓަރ ގެ އިސްްތިއުފާއަށް ވެސް ގޮވާފައި ވެއެވެ.

މާލޭގައި ފެށި މި މުޒާހަރާތައް މިއަދު ހަވީރު 16:00 ގައި، އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިއަށްގެންދަން ވެސް ވަނީ ނިންމާފަ އެވެ.

މީގެ އިތުރަށް ޖިންސީ އަނިޔާ އާއި ދެކޮޅަށް އަޑު އުފުލުމަށް، ރ. ހުޅުދުއްފާރާއި ގދ. ތިނަދޫން ވެސް ދަނީ ތައްޔާރުވަމުންނެވެ.

މާލޭގައި މި މުޒާހަރާތައް ފަށާފައިވާއިރު، ތުއްތު ކުއްޖާއަށް ޖިންސީ އަނިޔާކުރި މައްސަލައިގައި ގއ. ކަނޑުހުޅުދޫން ދެ މީހުން ހައްޔަރުކުރި ވަގުތު، އެރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެވެސް ވަނީ، އެމީހުންނަށް ހަރުކަށި އަބަދު ދިނުމަށް ގޮވާލާ އަޑު އުފުލާފަ އެވެ. އަދި އެމީހުންނަށް މަރުގެ އަދަބު ދިނުމަށްވެސް ބައެއް އާއްމުން ގޮވާލި އެވެ.

މީގެ އިތުރަށް މި މައްސަލައިގައި ހުޅުމާލެއިން ހައްޔަރުކުރި މީހާ، ހައްޔަރުކުރަން ގޮވާލައި ފެލްޓް ކައިރީގައިވެސް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މުޒާހަރާކޮށްފަ އެވެ.

މީގެ އިތުރަށް ޖިންސީ އަނިޔާ ކުރާ، މީހުންނަށް ހަރުކަށި އަދަބުދީ، މަރުގެ އަދަބު ދިނުމަށް ސޯޝަލް މީޑިއާގައި ވެސް ގިނަ އަދަދެއްގެ ޒުވާނުން ދަނީ ގޮވާލަމުން ނެވެ.