އިއްޔެ ހުޅުމާލޭ ފުލެޓު 108 ކައިރިއަށް އެއްވެ ހިނގި ހަމަނުޖެހުމުގެ ތެރެއިން، ފުލުހުންގެ ބެލުމުގެދަށަށް ގެންދިއަ 27 މީހުންގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ތިބީ 19 މީހުންކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ އިއްޔެ ހުޅުމާލޭގައި އެއްވެ ހިނގާދިޔަ ކަންތަކުގެ ތެރޭގައި ޖުމްލަ 27 މީހަކު ފުލުހުންގެ ބެލުމުގެދަށަށް ވަގުތީގޮތުން ދެންދިއަ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 26 ފިރިހެނުންނާއި އަންހެނެ ކެވެ.

މީގެ ތެރޭގައި 18 އަހަރުން ދަށުގެ 3 ކުދިން ހިމެނޭ ކަމަށާއި، އެ ތިން ކުދިންވެސް އެކުދިންގެ އާއިލާތަކާއި މިހާރު ހަވާލުކޮށްފައި ވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެތިން ކުދިންނަކީ ވެސް ފިރިހެން ކުދިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މީގެ ތެރެއިން މިހާރު ޖުމްލަ ފަސް މީހަކު ވަނީ ދޫކޮށްލާފަ އެވެ. އެއީ ހައްޔަރު ކުރި މީހުންގެ ތެރެއިން ހަތަރު ފިރިހެނުންނާއި ހައްޔަރުކުރި އަންހެން މީހާ އެވެ.

އިއްޔެ ހުޅުމާލޭގެ 108 ފުލެޓު ކައިރިއަށް އާންމުން އެއްވީ، ދެ އަހަރުގެ ތުއްތު ކުއްޖާ އަށް ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމަތު ކުރަމުންްްދަނިކޮށް ކުއްޖާގެ ބައްޕަ ރަށުން ފިލައިގެން އައިސް އެގޭގައި ފިލާއޮތް ކަމަށް ބުނެއެވެ. އާންމުން ވަނީ އެ ގެއިން އެމީހާ ނުކުތުމަށް ގޮވާލައ، އަދި އެމީހާ ނުނިކުތުމުން އެގޭގެ ބިއްލޫރިގަނޑު ވެސް ތަޅާލާފަ އެވެ.

އެއާއެކު، ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވާން ފަށައި، ފުލުހުންގެ އަމުރަށް އެމީހާ ނުނިކުތުމުން، އޭނާ ދިރިއުޅެމުން ދިޔަ އެޕާޓްމަންޓުގެ ދޮރު ވައްޓާލައިގެން ވަނީ ހައްޔަރުކޮށްފަ އެވެ.

އެސަރަހައްދުގައި އެވަގުތު ހަރަކާތްތެރިވި ބައެއް އާންމުން ބުނިގޮތުގައި، ކުއްޖާގެ ބައްޕަ އެ ގެއިން ނެރުނީ ފުލުހުންގެ ޔުނިފޯމް ލެއްވުމަށްފަހު އެވެ. ނަމަވެސް، މިކަމާ ގުޅިގެން ފުލުހުން އަދި ވަކިއެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އިއްޔެ ހުޅުމާލޭގައި ހިނގާދިޔަ ކަންތަކުގެ ތެރޭގައި، ފުލުހުންނާއި އާންމުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގައި، ބައެއް އާއްމުންނާއި ފުލުހުންނަށް އަނިޔާވެފައިވާ ކަމަށް ވެސް މައުލޫމާތުލިބެ އެވެ.