ޝަރުއީ ނިޒާމުގައި ލަސްތަކެއް ހުރުމުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ނުކުރެވޭ ކަމަށް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާ އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އިން ބުނެފިއެެވެ.

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ތުއްތު އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި، އާކް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލަ އާކް އިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެ ޖަމިއްޔާއިން ބުނެފައި ވަނީ ޤާނޫނުތައް ތަންފީޒު ކުރުމާއި، ޝަރުޢީ ނިޒާމުގައި އަދި އިޖުތިމާޢި ޚިދުމަތުގެ ދާއިރާގައި ހުރި މައްސަލަތަކުގެ ސަބަބުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރާ ނިޒާމުގައި ބޮޑެތި މައްސަލަތަކެއް ފާހަގަކުރެވި، ކުޑަކުދިންނަށް ކުރާ އަނިޔާގެ ކޭސްތަކުގައި އިހުމާލުވެ، އެކަށީގެންވާ ސަމާލުކަން ނުދެވޭތީ ނިހާޔަތަށް ކަންބޮޑުވާ ކަމަށެވެ.

އާކް އިން އިތުރަށް ބުނެފައި ވަނީ، ރޭޕް، ޖިންސީ ގޯނާ އަދި ޖިންސީގޮތުން ކުޑަކުދިންގެ ނާޖާއިޒުފައިދާ ނެގުމަކީ ދިވެހިރާއްޖޭގައި ބޮޑެތި ކުށްތަކުގެ ގޮތުގައި ހިމެނޭ ކަންކަން ކަން ފާހަގަކޮށް އާކް އިން ބުނެފައި ވަނީ އެފަދަ ކަންކަމުން ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި ޚާއްޞަ ޤާނޫނުތަކެއް ވެސް ފާސްކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ކުޑަކުދިން ރައްކާތެރިކުރުމަށް ހުރި ޤާނޫނު ތަކާއި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާޙަދާތަކާއި އެއްގޮތްވާގޮތަށް، މި މައްސަލަ ތަޙްޤީޤުކޮށް މިފަދަ ބޮޑެތި އަނިޔާތައް ކޮށްފައިވާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމުގެ އިތުރަށް، ކުއްޖާއަށް ބޭނުންވާ ޚާއްޞަ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވެސް އާކް އިން ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

ކުޑަކުދިން ރައްކާތެރި ކުރުމުގައި މުޅި މުޖުތަމަޢުގެ ޒިންމާ އޮންނަކަން ފާހަގަކޮށް، ކުޑަކުއްޖަކަށް އަނިޔާއެއް ލިބޭކަން އެނގޭނަމަ އަދި ޝައްކުކުރެވޭ ނަމަވެސް، ލަސްނުކޮށް 1412 ނުވަތަ 3000600 އަށް މައްސަލަ ރިޕޯޓުކުރެއްވުމަށް ވެސް އާކް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކަމާގުޅޭ އެންމެހާ އިދާރާތަކާއެކު މަސައްކަތްކުރުމުގައި ދެމިތިބޭނެކަމުގެ ޔަޤީންކަން ވެސް އާކް އިން ވަނީ ދީފައެވެ.