ދެ އަހަރުގެ ކުޑަ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރި 82އ. މީހާގެ އިތުރު މައްސަލައެއް މިހާރުވެސް ކޯޓުގައި ހިނގަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ގއ. ކަނޑުހުޅުދޫގައި 2 އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ތިން މީހުންނެވެ. އެއީ ކުއްޖާގެ ބައްޕަ އާއި ކާފަގެ އިތުރަށް މުނިކާފަ އެވެ.

މި މައްސަލައިގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ، ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 3 މީހުންގެ ތެރެއިން 82 އަހަރުގެ މީހާގެ މައްޗަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަަލައެއް 2018 ވަނަ އަހަރުގެ މެއި މަހު ވެސް ފުލުހުންނަށް ހުށައެޅާފައިވާ ކަމަށެވެ.

މަންނާނު ވިދާޅުވީ އެ މައްސަލަ ތަހްގީގު ކުރުމަށްފަހު 2018 މެއި 31 ވަނަ ދުވަހު ޕީޖީއަށް ހުށައަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ޝަރީއަތެއް 2018 ޖޫން ގައި ބާއްވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މަންނާނު ވިދާޅުވީ އެ މައްސަލައިގައި ފުލުހުންގެ ތަހުގީގު ހިންގީ ހައްޔަރު ކޮގެން ނޫން ކަމަށާއި، އެގޮތަށް އެކަން ކުރީ އޭނާ އުމުރަށް ބެލުމަށްފަހުގައި ކަމަށް ވިދާޅުވި އެވެ.

މި މައްސަލައިގައި ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން 82 އަހަރުގެ މީހާއަށް މީގެ ކުރިންވެސް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަ އެޅުމުން ތަހްގީގުކޮށް ޕީޖީއަށް ފޮނުވާފައިވާނި އެ މައްސަލައިގައި އެ މައްސަލައިގައި ހުށައެޅި ކުށުގެ އަމަލާ، އެމައްސަލައިގައި ތުހްމަތު ކުރެވޭ މީހާގެ އުމުރާ، އެކަންކަމަށް ބަލާފައި ފުލުހުން އޭރު ނަގާފައި އޮތް ޑިޒިޝަނެއް އެއީ އޭނާ ހައްޔަރު ނުކުރުމަށް. ހައްޔަރު ނުކޮށް ތަހްގީގުކޮށް ދައުވާކުރުމަށް ކޯޓަށް ފޮނުވައިވަނީ . ފަހުން މައުލޫމާތު ލިބުނުގޮތުގައި އެމައްސަލައިގެ އަޑު އެހުމެއް ޖޫންމަހު ބާއްވާފައިވޭ.
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް

ފުލުހުން ބުނީ ކުޑަަ ކުއްޖާ އަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން 82އ. މީހާ ފިޔަވާ ދެންތިބި ދެމީހުންގެ އެ ބާވަތުގެ އިތުރު މައްސަލައެއް މީގެ ކުރިން ފުލުހުންނަށް ހުށަ އަޅާފައި ނުވާ ކަމަށެވެ.

މިހާރު ސޯޝަލް މީޑިއާ ގައި ދައުރުވަމުންދާ ވީޑިއޯ އާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ވިދާޅުވީ، އެ ވީޑިއޯއިން އިވެނީ އަޑު އެކަނި ކަމަށެވެ. އަދި އެއީ ކާކުކަން ދެނެ ގަތުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުންދާ ކަމަށެވެ.

އެ ވީޑިއޯއިން އަދި އެއީ ކާފަކަމެއް މުނިކާފަކަމެއް އައިޑެންޓިފައި ކުރެވިފައެއް ނުވޭ. އެވީޑިއޯއިން އަޑެއް މި އިވެނީ، އެހެންވީމަ އަޅުގަނޑުމެން މިހާރުވެސް އެމައްސަލަ ތަހްގީގުކޮށް ، އެއީ ކާކުކަން ދެނެގަތުމުގެ މަސައްކަތް އަންނަނީ ތަހުލީލްގެ ތެރެއިން ކުރަމުން.
ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު

ފުލުހުން އިތުރަށް ބުނީ 2އ. ގެ ކުޑަ ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލަ ހުށައެޅީ މި މަހުގެ 15 ވީ ބުދަ ދުވަހުގެރޭ ކަމަށާ، އެ މައްސަލަ ހުށައެޅި ވަގުތުން ފެށިގެން ކުއްޖާއަށް ރައްކާތެރިކަން ދީފައިވާނެ ކަމަށެވެ. އަދި މައްސަލަ ފެންމަތިވިތާ ވިހިމިނެޓް ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ ނަގާފައިވާ ކަމަށެވެ. އަދި ފުލުހުންގެ ޓީމެއް އެރަށަށް ގޮސް އެ މައްސަލައިގައި ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ކޯޓު އަމުރުގެ ދަށުން އެ މައްސަލައިގައި ތުހުމަތު ކުރެވޭ ތިން މީހުން ވެސް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ތުއްތު ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައިގައި އެ ކުއްޖާގެ ކާފަ އަދި މުނިކާފަ ހައްޔަރުކޮށްފައި ވާނީ އިއްޔެ ކަނޑުހުޅުދޫން ނެވެ. އަދި ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ހުޅުމާލެއިން ނެވެ.