ގއ ކަނޑުހުޅުދޫގައި ދެ އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ 3 މީހުންނަށް ކުރަނީ އެއް ތުހުމަތެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

ތުއްތު ކުއްޖާއަށް ޖިންސީގޯނާކުރި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އެ ކުއްޖާގެ ބައްޕަގެ އިތުރުން ކާފައާއި މުނިކާފައެވެ.

މިމައްސަލައިގައި ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ ތުއްތު ކުއްޖާއަށް ޖިންސީގޯނާ ކުރި މައްސަލާގައި ހައްޔަރު ކޮށްފައިވާ ތިން މީހުންނަށް ކުރަނީ އެއް ތުހުމަތެއް ނޫން ކަމަށާއި އެ ތިން މީހުންގެ ތެރެއިން ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ކުރަނީ ދެމީހުންނަށް ކަމަށެވެ. އަދި ތިންވަނަ މީހާއަށް ކުރަނީ ކުޑަކުއްޖާއަށް އިހްމާލުވުމުގެ ތުހުމަތު ކަމަށެވެ.

އެންމެނަށް ކުރަނީ އެއްތުހުމަތެއް ނޫން. އޭގެ ތެރެއިން ދެ މީހުންނަށް ކުރަނީ އެ ކުއްޖާއާ މެދު ޖިންސީ އަނިޔާއެއް ހިންގިކަމުގެ ތުހުމަތު. ދެން ހުރި މީހާއަށް މިވަގުތު އަޅުގަނޑުމެން ކުރަނީ އިހްމާލުގެ ތުހުމަތެއް. އެހެންނަމަވެސް މައްސަލަ ތަހްގީގު ކުރުމުން ކުރެވޭ ތުހުމަތުތައް އިތުރު ނުވާނެއޭ ދަންނަވާކަށް ނޭނގެ. މި ދެންނެވީ މިހާތަނަށް ކުރެވޭ ތުހުމަތުގެ މައުލޫމާތު
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް

މި މައްސަލާގައި މީހުންގެ ކަންބޮޑުވުން ހުރީ 15 ވަނަދުވަހު މައްސަލަ ހުށަހެޅިފައިވާއިރު މީހުން ހައްޔަރުކުރުން ލަސްވުންކަން ފާހަގަކުރައްވާ ޑެޕިއުޓީ ކޮމިޝަނަރ ވިދާޅުވީ ތަހްގީގުގެ މަގުސަދަކީ މީހުން ހައްޔަރުކުރުން އެކަނި ނޫން ކަމަށެވެ. ތަހްގީގުގެ މަގްސަދަކީ އެ މައްސަލަ ކޯޓަށް ސާބިތުވާވަރަށް ހެކި ހޯދުން ކަމަށެވެ. އަދި މީހުން ހައްޔަރު ކުރުމަކީވެސް ތަހްގީގުތެރެއިން ހިމެނޭ ކަމެއް ކަމަށެވެ.

ތަހްގީގުގެ މަގްސަދަކީ މީހާ ހައްޔަރު ކުރުމެއް ނޫން. ތަހްގީގުގެ މަގްސަދަކީ ކޯޓަށް މައްސަލަ ސާބިތުވާވަރަށް ހެކި ހޯދުން. އެމަސައްކަތުގެ ތެރޭގައި ކުރާކަމެއް މީހާ ހައްޔަރު ކުރުމަކީ. އެއީ މުޖްތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ހާލަތެއް މެދުވެރިވެދާނެތީ ނޫނީ ގާނޫނު އަސާސީގައި ފާހަގަ ކޮށްފައިވާ ކަންކަމުގެ ތެރެއިން ބަންދުގައި މީހަކު ބަހައްޓަން ޖެހޭ ސަބަބެއް މައްސަލައިގައި އޮތީމަ. އެހެންވީމަ ފުލުހުންގެ ތަޙްގީގުތަކުގައި އަބަދުވެސް އިސްކަންދެނީ އެ މައްސަލައެއްގައި ޝަރީއަތަށް ހެކިހޯދޭނެ ގޮތެއް ބަލައިގެން އެގޮތަކަށް ކުރިޔަށް ގެންދިއުން. އެގޮތުން ފުލުހުންނަށް ލިބިފައި ހުރި ތަޖްރިބާގެ އަލީގައި ތަހްގީގުގެ ހުރިހާ މަރުހަލާއެއް ފުރިހަމަކުރުން.
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާނު އިތުރަށް ވިދާޅުވީ ފުލުހުންގެ ތަހްގީގު ދިގުލައިގެން ދިއުމުގެ މަގްސަދަކީ މައްސަލަތަކުގައި ވަގުތީ ހައްލެއް ހޯދުމުގެ ބަދަލުގައި ދާއިމީ ރަގަޅު ހައްލެއް ހޯދުން ކަމަށެވެ.