ދެކުނުގެ ރަށެއްގައި އުމުރުން ދުވަސްވީ ފިރިހެނަކު ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ޝަކުވާއެއް އަނެއްކާވެސް ހުށަހަޅައިފިއެވެ.

ފުލުހުންގެ މީޑިއާއިން މައުލޫމާތުދޭ ގޮތުގައި ދެކުނުގެ އަތޮޅެއްގެ ރަށެއްގައި އުމުރުން ފަސް އަހަރުގެ ކުއްޖަކަށް 56 އަހަރުގެ ފިރިހެނަކު ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައެއް ރޭގެ ވަގުތެއްގައި އެ އިދާރާއަށް ވަނީ ހުށަހަޅާފައެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުންނަށް މިފަދަ މައްސަލައެއް ހުށަހެޅިގެން އެ މައްސަލަ ބަލަމުންދާއިރު ދެކުނުގެ އަތޮޅެއްގެ ރަށެއްގައި އުމުރުން އެއް އަހަރުގެ ތުއްތު ކުއްޖަކު ރޭޕްކުރި މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ. މި މައްސަލާގައި ތުހުމަތު ކުރެވޭ މީހުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިމީހުންގެ ތެރޭގައި އެ ކުއްޖާގެ މުނިކާފައާއި ކާފަ އަދި ބައްޕަވެސް ހިމެނެއެވެ. މިތިން މީހުންނަށް ކުރަނީ އެއްތުހުމަތެއް ނޫން ކަމަށް ފުލުހުން ބުނެއެވެ. ދެމީހަކަށް ކުރަނީ ޖިންސީ ގޯނާގެ ތުހުމަތު ކަމަށާއި އަނެއް މީހާއަށް ކުރަނީ އިހުމާލުވުމުގެ ތުހުމަތު ކަމަށް ފުލުހުން ބުނެއެވެ. އެނގިފައިވާ ގޮތުގައި އިހުމާލުވުމުގެ ތުހުމަތުކުރަނީ ކުއްޖާގެ ބައްޕައަށެވެ.