އަހަރު ފެށިގެން މިއައީ އެންމެ އުންމީދުކުރި ކަހަލަ ގޮތަކަށް ނޫނެވެ. އަހަރުގެ ފުރަތަމަ މަހުގެ މެދަކާ ހަމައަށް ނުދަނީސް ފެންމަތިމިވީ ދެ އަހަރުވެސް ނުފުރޭ ތުއްތު ކުއްޖެއްގެ މައުސޫމްކަމާއި އިންސާނިއްޔަތުކަމަށް އަރައިގެންފައިވާ ޚަބަރެވެ. އެކުއްޖާގެ އާއިލާގެ އެންމެ ޒިންމާދާރު މެމްބަރުންގެ ގޮތުގައި ތިބި މީހުންގެ ފަރާތުންނެވެ. އެކުއްޖާގެ ހައްގުތަކަށް އަރައިގަތީ އެކަން ކަށަވަރުކޮށް، ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ މީހުންނެވެ. ކުއްޖާއަކީ ތުއްތު ކުއްޖަކަށް ވުމުންކަމަށްވެސް ވެދާނެއެވެ.

މުޅި ގައުމު ހިލުވާލައިފިއެވެ. މުޅި ގައުމު ކޮޅަށް ތެދުވެއްޖެއެވެ. އެކުއްޖާގެ ދިފާއުގައެވެ. އެކަންކުރި މީހުންނާ ދެކޮޅަށް އެއްވުންތައް މުޅި ގައުމުގައި ބާއްވަނީއެވެ. އިންސާނިއްޔަތުކަން ނެތް އެދެމީހުން އެއްވެސް ރަށަކަށް އަރުވަން ގަބޫލުވި ބަޔަކުވެސް ނެތީއެވެ. އެމީހުން ދަންޖައްސައި މަރުގެ ހުކުމް ތަންފީޒުކުރުމަށް ގޮވާލަމުން ދަނީއެވެ.

އާންމު ރައްޔިތުން އަޑުއުފުލަމުން ދިޔައީ ހަމައެކަނި މަގުމައްޗަށް ނުކުމެގެނެއްނޫނެވެ. މީސްމީޑިޔާ މިފަހަރު ވަނީ މާ މުހިންމު ދައުރެއް އަދާކޮށްފައެވެ. މައްސަލަ ފެންމަތިވުމާއެކު މުޅި މީސްމީޑިޔާ ފުރާލީ އެކިކަހަލަ ޝުއޫރުތަކުންންވެ. މީހުންނަށް ހަޖަމު ނުވީއެވެ. ރައްޔިތުން ކުރިއަށްވުރެ ހޭލުންތެރިވީއެވެ.

މީގެކުރިން ހިންގާފައިވާ ރޭޕް ކޭސްތަކުގައި ވަކިގޮތަކަށް ހެދުން އަޅާފައި ހުރުމުންނޭ، ވަކި ވަގުތަކު ބޭރުގައި އުޅޭތީ ވީގޮތެކޭ ބުނެ ފާޑުކިޔީ މީހުންނަށް ރައްދުދޭން ފެށިއެވެ. އަމިއްލަ ގޭގައި ތުއްތު ކުދިންނަށްވެސް ހިމާޔަތް ނެތްކަން އެނގެން ފެށުމުން ހިތްތަކަށް ބިރުވެރިކަން ވަނީއެވެ. މިފަދަ ކުށްތައް ކުރާ މީހުންނަށް ހައްގު އަދަބު ނުދެވި ދޫކޮށްލާފައި ހުރުމުން އާންމުން ރުޅިގަދަވީއެވެ. އެންމެ ރަނގަޅު ގޮތް ކަމުގައި ނުވިޔަސް، ތަންފީޒީ އިދާރާތަކުން ފިޔަވަޅު ނާޅާނަމަ، ރައްޔިތުން ނުކުމެ އެކަން ކުރަންވެސް ތިބީ ތައްޔާރަށެވެ.

ރައްޔިތުން އެމީހުންގެ ޝުއޫރު ފާޅުކުރަމުންދިޔައިރު، ނޫސްވެރިން އެމީހަކަށް ލިޔެވުނު ހަބަރަކާއި ރިޕޯޓެއް އާންމުންނަށް ގެނެސްދެމުން ދިޔައިރު، ފޮޓޯގްރަފަރުންވެސް ދިޔައީ ފޮޓޯތަކުން ޝުއޫރު ފާޅުކުރަމުންނެވެ. އެންމެ ޝައުގުވެރިކަން ދަމައިގަތް އެ ފޮޓޯއެއްގެ ގޮތުގައި ފާހަގަކުރެވުނީ ނައުޝަމް ވަހީދު ނަގައި، ހިއްސާކުރި މިފޮޓޯއެވެ. ކުރު، އެހެނަސް އަސަރުގަދަ ބަސްކޮޅަކާއެކު ހިއްސާކޮށްފައިވާ މިފޮޓޯއަށް ވިއްސަކަށް ގަޑިއިރުގެ ތެރޭގައި 4000 އަށްވުރެ ގިނަ ލައިކްސް ވަނީ ލިބިފައެވެ.

https://www.instagram.com/p/B7bEdqjhIDP/

މިފޮޓޯ ޚާއްސަކޮށްފައިވީ ރޭޕްގެ ޝިކާރައަކަށްވެފައި ތިބި ހުރިހާ އެންމެނަށެވެ. އެހިސާބުން އެކަމުގެ ޝިކާރައަކަށްވެފައި ތިބި ގިނަ އަދަދެއްގެ ބަޔަކު އޭނާއަށް މެސެޖްކޮށް ދިމާވެފައިވާ ކަންތައް ދިޔައީ ހިއްސާ ކުރަމުންނެވެ. 12 ގަޑިއިރުގެ ތެރޭގައި 100 އަށްވުރެ ގިނަ އަންހެންނާއި އަންހެންކުދިން އެޕޯސްޓްއަށް ރިޕްލައިކޮށް މީގެކުރިން ހިތްތަކުގައި ފޮރުވާފައި އޮތް ކަޅު އަނދިރި ސިއްރުތައް ހާމަކުރިއެވެ.

މުޅިންވެސް ގޭދޮށު ފިހާރާގައި ސޭޓަކަށް އިންނަމީހާ، މެޓައެއް ދީގެން ހައްދާލައިގެން އުނގުތެރެއަށް ގެނެސް ކަންކުރި ގޮތުގެ ވާހަކައެވެ. ސްކޫލް ޓީޗަރުންނާއި ގުރްއާން ކިލާހުގައި ކިޔަވައިދޭ މުދައްރިސުން ކަންކުރި ގޮތުގެ ވާހަކައެވެ. އަމިއްލަ ބޭބެމެންނާއި ކާފަމެންނާއި، ޅިޔަނުން ކަންކުރި ގޮތުގެ ވާހަކައެވެ. އެކަން ފަޅާއެރުމުންވެސް، އެކަންކުރި މީހުންނަށް އަދަބެއް ނުލިބި، މިނިވަންކަންމަތީ އުޅެމުންދާތީ އުފެދިފައިވާ ނުތަނަވަސްކަމުގެ ވާހަކަތަކެވެ. ރަށުތެރޭގައި އަދިވެސް އެވާހަކަތައް ދެކެވެމުންދާތީ، އެކުދިންނަށް ލިބެމުންދާ ހިތްދަތިކަމާއި ލަދުވެތިކަމުގެ ވާހަކައެވެ.

ފޮޓޯ: ނައުޝަމް ވަހީދު، ފޭސްބުކް

މިއީ ރާއްޖޭގައި ޖިސްމާނީ އަދި ޖިންސީ އަނިޔާ އޮތްކަން ހާމަކޮށްދޭ ކުޑަ މިންވަރެކެވެ. މިވަރަށްވެސް ކިޔައިނުދޭ ކިތައް ކުދިންނާއި ކިތައް މީހުން އުޅޭނެބާއޭ ހިތަށްއަރައެވެ. އެއީ ނުވާ ކަމެއްކަމަށް ހިތަށް އަރުވާލައިގެން، މީހަކަށް ނުކިޔައިދީ އަމިއްލައަށް އެކަން ތަހައްމަލު ކުރަމުންދާނެ ކިތައް މީހުން އުޅޭނެބާއޭ ހިތަށް އަރައެވެ. އަމިއްލަ ގެދޮރުގައި ރައްކާތެރިކަމެއްނެތި، ބިރުން ސިހިސިހި ތިބޭ ހާލު، ދެން ވާނެގޮތެއް ނޭނގިތިބޭ ހާލު އަމިއްލަ ގެތަކުގައި އުޅެމުންދާ ކިތައް މީހުން އުޅޭނެބާއެވެ.

ހިތްވަރު ލިބިގަންނަންވީ މިފަދައިން ކަންކަން ކިޔައިދޭ މީހުން ކިބައިންނެވެ. ފަހަރުގައި އެކިޔައިދެވުނީ ވަގުތު ފާއިތުވީފަހުން ކަމަށް ވެދާނެއެވެ. ނަމަވެސް، އެކަން ހިއްސާ ކުރުމުގެ ހިތްވަރު ކޮންމެވެސް ހިސާބަކުން އެމީހުންނަށް ލިބުމަކީވެސް ކުރިއެރުމެކެވެ.

މިހާރު ގައުމުން ފެންނަމުން މިދާ ކަންކަމުން، ގައުމުގެ ރައްޔިތުން މިކަންކަމާމެދު ހޭލުންތެރިވެފައި ތިބި މިންވަރު އެބަ އެނގިގެންދެއެވެ. ފުރުސަތުގެ ބޭނުން ހިފައި ކަންކަން ހިއްސާ ކުރަންވީއެވެ. އިތުބާރު ކުރެވޭ މީހަކާ މިފަދަ ކަންކަން ހިއްސާ ކުރަންވީއެވެ. ފުލުހުންނަށާއި ޖެންޑަރއަށް މައްސަލަ ހުށައަޅަންވީއެވެ. އަމިއްލައަށްވެސް މިފަދަ ކަންކަމަށް ކުރިމަތިލާން ދަސްކުރަންވީއެވެ. ވަށައިގެންވާ މާހައުލުގައި މިފަދަ ކަންކަން ހިނގާނަމަ، އެކަންކަން ދެނެގަންނާނެ ގޮތް ދަސްކުރަންވީއެވެ.

މިފަދަ ކުށްތައް ކުރާ މީހުންނަށް، ދެވަނަ ފަހަރަށް މުޖުތަމައަށް އަނބުރާ ނާދެވޭ ވަރުގެ އަދަބެއް ދޭންވީކަމަށް ހުރިހާ ރައްޔިތުންވެސް އެއްބަސްވެއެވެ. ދިވެހި ރައްޔިތުން ފާޅުކުރަމުންދާ ޝުއޫރުތަކަށް ބަލާލުމުން، މިފަދަ އިންސާނިއްޔަތުކަމެއް ނެތް މީހުންނަށް ދޭން ބޭނުންވަނީ މަރުގެ އަދަބުކަން އެނގިގެންދެއެވެ. ރާއްޖޭގެ ޝެއިޚުންވެސް ގޮވާލަމުންދަނީ މިކަމަށެވެ. ކުށް ސާބިތުވެއްޖެނަމަ މަރުގެ އަދަބު ދިނުމަށެވެ. އިސްލާމީ ޝަރީއަތް މިގައުމުގައި ތަންފީޒުކުރަން ދެކޮޅުހަދާ އެކަކުވެސް ހުރިހެނެއް، ޕޯސްޓުތަކަށާއި މިހާރު މިކުރަމުންދާ ހަމަހިމޭން މުޒާހަރާތަކަށް ބަލާލުމުން ހިއެއްނުވެއެވެ.

މިފަދަ މީހުންނަށް ދޭންވާ އަދަބު ދެވޭނީ، މިކަމާ ދެކޮޅަށް މިކަމުގެ ޝިކާރައަކަށްވެފައި ތިބި މީހުން ތެދުވެގެންނެވެ. މިފަދަ އަނިޔާތައް ތަހައްމަލު ކުރަންޖެހޭ ކުއްޖެއް ނުވަތަ މީހެއް އުޅޭކަން އިނގޭނަމަ އެކަމުގެ މައުލޫމާތު ކަމާބެހޭ މުއައްސަސާތަކަށް ހިއްސާކޮށްގެންނެވެ. ގައިމުވެސް ކުރިއަށްވުރެ، ދިވެހިންނާއި ދިވެހިންގެ ގައުމު ހޭލުންތެރިވެއްޖެއެވެ. އެކަން މިއަދު ދިވެހި މުޖުތަމައުއިން އެބަ ފެނެއެވެ.

ބޭނުންވަނީ ހިތްވަރެވެ. އެކަނި މިވޭން ތަހައްމަލު ކުރަންޖެހެންވީ އެއްވެސް ސަބަބެއް ނެތެވެ. މިއަދު މިތުއްތު ކުއްޖާގެ ދިފާއުގައި މިނުކުތް ގޮތަށް، މިފަދަ ކޮންމެ ކަމެއްގެ ޝިކާރައަކަށްވެފައިވާ ކުދިންނާއި މީހުންގެ ދިފާއުގައި ނުކުންނާނެއެވެ. އެހިސާބުންވެސް، އިންސާފު ހޯދައިނުދެވިއްޖެނަމަ "ފެއިލް" ވެގެން އެދިޔައީ އަނެއްކާވެސް ދިވެހިރާއްޖޭގެ ތަންފީޒީ އިދާރާތަކާއި ދިވެހި އިންސާނީ ނަސްލުކަމަށް ދިވެހި ރައްޔިތުން ނިންމާނެއެވެ.