އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ވ. ރަކީދޫ މުހައްމަދު އިބްތިހާލްގެ މައްސަލާގައި އިހުމާލުވެފައިވާނަމަ މިހާރު ހުންނަވާނީ ޖަލުގައި ކަމަށް ވިދާޅުވެ ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފްގެ މައްޗަށް ކުރެވެމުންދާ ތުހުމަތުތައް އެކަމަނާ ދޮގުކުރައްވައިފިއެވެ.

ދެ އަހަރުގެ ތުއްތު ކުއްޖަކު ރޭޕް ކުރި މައްސަލާގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ އިބްތިހާލްގެ މައްސަލާގައި އެކަމަނާގެ މައްޗަށް ތުހުމަތެއް ކުރެވޭ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

މިނިސްޓަރ ޝިދާތާ ވިދާޅުވީ 2015 ވަނަ އަހަރު ހިނގައިދިޔަ މި ހާދިސާއާ ގުޅިގެން އެކަމާނާގެ ނަން ބޭނުންކޮށް އެފަދަ ވާހަކަތަކެއް ދައްކަން ފެއްޓީ ސިޔާސީ ދާއިރާގައި އެކަމަނާ އިސްކޮށް ހަރަކާތްތެރިވާން ފެށި ހިސާބުން ބަޔަކު ސިޔާސީ މަގްސަދެއްގައި ކަމަށެވެ. އަދި ވިދާޅުވީ އެފަދަ އެއްވެސް ތުހުމަތެއް ހަގީގަތުގައި އޮތް ނަމަ މިދިޔަ ސަރުކާރުގައި އެކަމަނާގެ މައްޗަށް ދައުވާކޮށް ޖަލަށް ނުލައި ހުންނާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ތި ވިދާޅުވި ހާދިސާއާ ގުޅިގެން އަޅުގަނޑުގެ ނަން ބޭނުންކުރެވެން ފެށީ ސިޔާސީ ގޮތުން އަޅުގަނޑު ކުރިއަށް ނިކުތް ހިސާބުން. އެހެންނަމަވެސް އެކަމާ ގުޅިގެން އެއްވެސް ތުހުމަތެއް ނުވަތަ އަޅުގަނޑު ކުށްވެރިވާފަދަ އެއްވެސް ކަމެއް އޮތް ނަމަ އަޅުގަނޑުގެ ޒަމީރު އަދި ތިބޭފުޅުންގެ ޒަމީރުވެސް ގަބޫލުފުޅު ނުކުރައްވާނެ މިދިޔަ ސަރުކާރުގަ އަޅުގަނޑު ޖަލަށް ނުލާ ހުންނާނެ ކަމަކަށް
މިނިސްޓަރ ޝިދާތާ

2015 ވަނަ އަހަރު އިބްތިހާލްގެ މައްސަލަ ފެންމަތިވެގެން އައިއިރު މިނިސްޓަރ ޝިދާތާ ހުންނެވީ ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރގެ މަގާމުގައެވެ. މި މައްސަލާގެ ތަހުގީގަށް 2017 ވަނަ އަހަރު މިނިސްޓަރ ޝިދާތާގެ ޕާސްޕޯޓުވެސް ވަނީ ދެފަހަރެއްގެ މަތިން ހިފަހައްޓާފައެވެ. އެހެންނަމަވެސް އެކަމަނާގެ މައްޗަށް އެއްވެސް ދައުވާއެއް ކޮށްފައެއް ނުވެއެވެ.

އިބްތިހާލު މަރުވުމުގެ އެއްމަސްދުވަސް ކުރިން އެކުއްޖާއަށް އޭނާގެ މަންމަ އަނިޔާކުރާތީ އެކަމުގެ ރިޕޯޓްކޮށްފައިވާކަން ހާމަވެ އެކަމުގައި ޖެންޑާ މިނިސްޓްރީގެ ބައެއް މުވައްޒަފުންގެ އިހުމާލު އޮތް ކަމަށް ބުނެ ދައުލަތުން މިނިސްޓްރީގެ ދެ މުވައްޒަފެއްގެ މައްޗަށް ދައުވާވެސް އުފުލިއެވެ.

އިބްތިހާލް މަރުގެ މައްސަލާގައި ދައުވާ ލިބޭ އޭނާގެ މަންމަ އާފިޔާ މުހައްމަދު

އިބްތިހާލުގެ މަރުގެ މައްސަލައިގައި އޭނަގެ މަންމަގެ މައްޗަށް ވަނީ ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާއާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އުފުލާފައެވެ. އާފިޔާ ވަނީ ދަރިފުޅަށް ތަކުރާރުކޮށް އަނިޔާކުރި ކަމަށް ޝަރީއަތުގައި ވެސް އެއްބަސްވެފައެވެ. އެގޮތުން މަރުވި ދުވަހު، އިބްތިހާލުގެ ކަރަށް ފިތައި މޭމަތީގައި ތިން ފަހަރަކު ކޮޅުފައިން ޖެހި ކަމަށް އޭނަ ވަނީ ބުނެފައެވެ. ދެ ދައުވާއަށް ވެސް އާފިޔާ އެއްބަސްވެފައި ވީނަމަވެސް މި މައްސަލައިގައި އޭނަގެ މައްޗަށް އަދި ހުކުމެއް ނާދެއެވެ. ކޯޓުން އަމުރުކޮށްގެން ޝަރީއަތް ނިމެންދެން އާފިޔާ ހުރީ ބަންދުކޮށްފައެވެ.

އިބްތިހާލަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތު، އޭނަގެ ދޮންކާފަގެ މައްޗަށް ކުރެވުނު ނަމަވެސް އެ މައްސަލައިގައި އޭނައަށް ދައުވާ ކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނަގެ މައްޗަށް ވަނީ އަމިއްލަ ދަރިފުޅާ ބެހުނުކަމުގެ ދައުވާ އުފުލާފައެވެ.

އިބްތިހާލް މަރާލީ އޭނާގެ މަންމަ އާފިޔާ މުހައްމަދު އަމިއްލަ އިޚްތިޔާރުގައި ކަމަށް އާފިޔާގެ ނަފްސާނީ ޓެސްޓް ހެއްދެވި ޑޮކްޓަރު ޑރ.އައިޝަތު އަލީ ނާޒު ވަނީ ޝަރީއަތުގައި ވިދާޅުވެފައެވެ. ނާޒު ވިދާޅުވީ އާފިޔާގެ ޓެސްޓުތަކުން ޑިޕްރެޝަނާއި އެންޒައިޓީ ވަރަށް ބޮޑަށް ހުރިކަން ފާހަގަކުރެވުނު ކަމަށެވެ. އެގޮތަށް ދިމާވެފައިވަނީ އާފިޔާއަށް އެހެން މީހެއްގެ ފަރާތުން ޖިންސީގޯނާ ލިބިފައިވާތީ ކަމަށާއި އެފަދަ މައްސަލަތަކުގެ ޝިކާރައަކަށްވާ މީހުންގެ ފަރާތުން ޑިޕްރެޝަނާއި އެންޒައިޓީ ފެންނަ ކަމަށެވެ.