މާލޭގައި ކުރަމުންދާ މުޒާހަރާގެ ބައިވެރިން ރާއްޖޭގައި އިސްލާމީ ޝަރީއަތް ގާއިމް ކުރުމަށާއި ގާނޫނު ތަންފީޒު ކުރުމަށް މުއައްސަސާތަކަށް ގޮވާލައިފިއެވެ.

ހޮނިހިރު ދުވަހު ހަވީރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިއަށްދިޔަ މުޒާހަރާގައި ބައިވެރިވި ގިނަމީހުން ބުނީ ރާއްޖޭގައި އިސްލާމީ ޝަރީއަތް ގާއިމް ކުރަންޖެހޭ ކަމަށާއި ކުޑަކުދިންގެ ގާނޫނު ވީހާވެސް އަވަހަށް ތަންފީޒު ކުރަންޖެހޭ ކަމަށެވެ.

ތަފާތު އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފަހައްޓައިގެން ތިބި މީހުންގެ ތެރޭގައި ޒުވާނުންގެ އިތުރުން އެކި އުމުރުފުރައިގެ މީހުން ވަނީ ބައިވެރިވެ އަޑު އުފުލާފައެވެ.

ވީނިއުސްއާއި ވާހަކަ ދެއްކި މީހަކު ބުނީ ހަމަހިމޭން ކަމުގެ އިހްތިޖާޖުގައި ބައިވެރިވީ ހިތަށް ހަމަ ކެތްނުވެގެން ކަމަށެވެ. ތުއްތު މައުސޫމް ކުއްޖެއްގެ އިއްފަތްތެރިކަން ބަޔަކު ނަގާލިއިރުގައި އެކަމުގައި ޒިންމާ ނަގަންޖެހޭ މީހުންތަކެއް ވާކަމަށެވެ.

މައްސަލަތަކެއް އެބަ ދިމާވޭ. ކޮންމެވެސް ބަޔަކު އިހުމާލުވާތީ މިކަން މިހެން މިވަނީ. އުންމީދު ކުރަނީ މިކަހަލަ އިހްތިޖާޖުތަކުންވެސް ކޮންމެވެސް ކަހަލަ ފިލާވަޅެއް ލިބޭނެ ކަމަށް".
އެއްވުމުގެ ބައިވެރިއެއް

އެ ސަރަހައްދުގައި އެއްވެތިބި ބައިވެރިން ޖެންޑަރ މިނިސްޓަރުގެ އިސްތިއާފާއަށް ގޮވާލަމުން ދިޔައިރު ގިނަބަޔަކު ދިޔައީ ތުއްތު ކުދިންނަށް ފުރިހަމަ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ގޮވާލަމުންނެވެ.

ތުއްތު ކުދިންގެ ހިމާޔަތުގައި ނިކުމެ އަޑުއުފުލަމުންދާއިރު ރޭޕް ކުރުމާއި ދެކޮޅަށް ރާއްޖޭގައި އެއްވުންތަކެއް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި މިހާރަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މިންވަރު އިތުރުވާކަން ފާހަގަކޮށް އެއްވުމުގެ ބައިވެރިއަކު ބުނީ ރާއްޖޭގައި ނިސްބަތުން މިފަދަ އަމަލުތައް ކުރާމީހުން ގިނަ ކަމަށެވެ. މިވާހަކަތައް ދައްކަން ގިނަ މީހުނަށް ނުކެރޭ ކަމަށާއި އާދަވެފައި ތިބެނީ ކަމެއް ދިމާވުމުން އެކަމެއް ސިއްރުކުރަން ކަމަށެވެ.

ރާއްޖޭގެ ގާނޫނޫތަކަށް ބަދަލު ގެނެސްގެން ނަމަވެސް އެކަން އެކުރާ މީހުނަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލާ ކުރާ ހިމޭން އިހްތިޖާޖެއް މީ. މިހާރު އަޅުގަނޑުމެންނަަށް މައުލޫމާތު ލިބޭ ގޮތުގައި މުނި ކާފަ ދޫކޮށްލަން އެބައުޅޭ. އެހެންކަމުން އިޖްތިޖާޖު ކުރާ ލޮކޭޝަން ދެން އެހެން ދިމާލަކަށް ބަދަލުކޮށްލަން ޖެހިދާނެ".
މުޒާހަރައިގެ ބައިވެރިއެއް

މިފަދަ ހާދިސާތައް މިހާތަނަށް އެންމެ އިންސާފުވެރި ގޮތެއްގައި ނިމިފައި ނުވާކަން ފާހަގަކޮށް ބައިވެރިއަކު ބުނީ ފާއިތުވި އަހަރުތަކުގައި އަނިޔާ ލިބުނު އެއްވެސް ކުއްޖަކަށް އިންސާފު ލިބިފައި ނުވާ ކަމަށާއި މިއަދު މިކުރާ މަސައްކަތަކީ އެ ތުއްތު ކުއްޖާއަށް އިންސާފު ހޯދަދިނުން ކަމަށެވެ.

ފުލުހުން ބުނީ އެ އިދާރާއަށް ހުށަހަޅާފައިވަނީ ކުއްޖާގެ ބައްޕަ ފަރާތު ކާފަ އެކުއްޖާއަށް ޖިންސީ ގޯނާކުރާކަމުގެ މައްސަލަ ކަމަށެވެ. އަދި ކުއްޖާގެ މުނިކާފައަކީ ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރުމުގެ ރިކޯޑު އޮތް މީހެއް ކަމަށެވެ.

ގެ އިތުރުން ކުއްޖާގެ ބައްޕަގެ މައްޗަށް ތުހުމަތުކުރަނީ މަންމަ ފަރާތުގެ ޢާއިލާއިން ކުއްޖާ މަންމައާ ޙަވާލުކުރުމަށް މަސައްކަތް ކުރުމުން، ކުއްޖާގެ ބައްޕަ އެކަމަށް ހުރަސްއަޅައި ކުއްޖާ ނުދިން ކަމަށް ބުނާ މައްސަލާގައި ކަމަށެވެ.

ފުލުހުން ބުނިގޮތުގައި ކުއްޖާގެ މައިންބަފައިންނަކީވެސް ކުށުގެ ރިކޯޑު އޮންނަ ބައެކެވެ. ރޭޕްގެ ޝިކާރައަކަށްވި އެ ތުއްތު ކުއްޖާ މިހާރު ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާދޭން ފަށާފައެވެ.