ހިމަބިއްސަށް ޓެސްޓު ކުރެވުނު މީހުންގެ ތެރެއިން ހަތަރުވަނަ މީހަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ބުނީ ހިމަބިއްސަށް ޝައްކު ކުރެވިގެން ޓެސްޓްކުރި 8 މީހުންގެ ތެރެއިން އެކަކު މިއަދު ހިމަބިއްސަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މީގެކުރިން ވަނީ ދެ ކުޑަކުދިންނާއި ބޮޑުމީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައެވެ. ހިމަބިހި ޖެހިފައިވާ މީހާއަކީ ޑޮކްޓަރެއް ކަމަށް މައުލޫމާތު ލިބެއެވެ.

ހިމަބިހި ރާއްޖޭގައި ފެތުރިދާނެ ކަމުގެ ބިރުހީވެފައި މިވަނީ މިބަލި ރާއްޖެއިން ނައްތާލިތާ ދޮޅު އަހަރު ފަހުން މިމަހުގެ ތެރޭގައި ހިމަބިހި ޖެހިފައިވާ ކުއްޖަކު ރާއްޖ އިން ފެނުމާ ގުޅިގެންނެވެ.

މިބައްޔާ ގުޅިގެން ފަރުވާދޭ ސެންޓަރެއް ހުޅުމާލޭގައި މިމަހުގެ 14 ވަނަ ދުވަހު ވަނީ ހުޅުވާފައެވެ. ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަމަށް ސަރުކާރުން ރަސްމީކޮށް އިއުލާނު ކޮށްފައިވާއިރު، މިހާތަނަށް 4 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

އެހެންކަމުން މި ބަލި ފެތުރެމުންދާތީ އެކަމަށް ކުރަންޖެހޭ މަސައްކަތް ކުރައްވަމުންދާ ކަަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އަދި ގަސްދުގައި ވިޔަސް އޮޅިގެންވިޔަސް ވެކްސިން ނުޖަހާ 18 އަހަރުން ދަށުގެ ކުދިން ދެނެގަތުމަށް ދަފުތަރެއް އެކުލަވާލަމުންދާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ނިމިދިޔަ އަންގާރަ ދުވަހުން ފެށިގެން ބުދަ ދުވަހާ ހަމައަށް 1200 އަށްވުރެ ގިނަ މީހުންނަށް ހިމަބިއްސަށް ވެކްސިން ޖަހާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ހެލްތު މިނިސްޓަރު ވިދާޅުވީ އޭގެތެރޭގައި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ މީހުންނާއި، ހިމަބިހި ފެނުނު މީހުންނާ ގުޅުންއޮތް މީސްމީހުން ހިމެނޭ ކަމަށެވެ.

ވެކްސިން ދިނުމުގައި އިސްކަންދެނީ ހިމަބިއްސަށް ޕޮޒިޓިވްވި މީހުންނާ ގުޅުންހުރި މީހުންނާއި، ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ މީހުންނާއި، ވެކްސިން ފުރިހަމަނުކޮށް ތިބި 18 އަހަރުން ދަށުގެ ކުދިންނަށް ކަމަށް މިނިސްޓަރު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ރާއްޖެއިން ހިމަބި ނައްތާލާފައިވާތީ އެކަމުގެ ރަސްމީ ލިޔުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދިވެހި ސަރުކާރާ ހަވާލުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ. ރާއްޖެއިން ހިމަބިހި ނައްތާލާފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅީ 2009 ވަނަ އަހަރުން ފެށިގެން ހިމަބިހި ޖެހިފައިވާ މީހަކު ރާއްޖެއިން ފެނިފައި ނުވާތީއެވެ.