ގއ. ކަނޑުހުޅުދޫގައި ދެއަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލަ އެރަށުގެ ކައުންސިލަރުންގެ ސަމާލުކަމަށް އައީ މިމަހުގެ 16 ވަނަ ދުވަހު އާންމުންގެ ފަރާތުން ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި އެ ކޮމެޓީގެ މުގައްރިރު ކުރެއްވި ސުވާލަކަށް ފޯނުން ޖަވާބު ދެއްވަމުން ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، ހިނގަމުންދާ މައްސަލަ ކައުންސިލްގެ ސަމާލުކަމަށް އައީ މިމަހުގެ 16 ވަނަ ދުވަހުގައި ކަމަށާއި މިކަމާ ގުޅިގެން ނޫސްބަޔާނެއްވެސް ނެރެފައިވާނޭ ކަމަށެވެ.

ތުއްތު ކުއްޖާގެ މައްސަލަ ތިލަވެގެން އައީ އާންމުންގެ ފަރާތުންކަން ފާހަގަކޮށް ކައުންސިލްގެ ރައީސް ވިދާޅުވީ 16 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެމައްސަލަ ލިބުމާއެކު ވަގުތުން އެ ކުއްޖާގެ އާއިލާއަށް އެންގުމަށްފަހު އެމައްސަލަ ފުލުހުންނަށް ހުށަހެޅި ކަމަށެވެ. އެހާހިސާބުން ފުލުހުންނަށާއި އަދި ޖެންޑާ މިނިސްޓްރީއަށް ބޭނުންވާ ފުރިހަމަ މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ޖިންސީ އަނިޔާ ލިބުނު ކުއްޖާގެ ކާފަގެ ފަރާތުން އެރަށުގެ އަންހެން ކުދިންތަކަކަށް ޖިންސީ އަނިޔާ މީގެކުރިން ލިބިފައިވޭތޯ މުގައްރިރު އެއްސެވުމުން ކައުންސިލްގެ ރައީސް ވިދާޅުވީ، މިދިޔަ އަހަރުގެ ތެރޭގައި ވިޑިއޯއެއް އާންމުވި ކަމަށާއި އެ މައްސަލަ ފުލުހުންނަށް ހުށަހެޅުނު ކަމަށެވެ. އަދި އެމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އޭރު ފުލުހުން ވިދާޅުވި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ޖިންސީ އަނިޔާ ލިބުނު ކުއްޖާގެ މައިންބަފައިން މަސްތުވާތަކެތި ބޭނުންކުރަމުންދާ ކަމުގެ މައުލޫމާތާއި އަދި އެކުއްޖާ ދިރިއުޅެމުންދާ މާހައުލަކީ ރައްކާތެރި ނޫން މާހައުލެއްކަން ކައުންސިލްގެ ސަމާލުކަމަށް މީގެކުރިން އައިސްފައިވޭތޯ މުގައްރިރު ސުވާލު ކުރެއްވުމުން ކައުންސިލްގެ ރައީސް ވިދާޅުވީ އެކުއްޖާގެ ބައްޕައަކީ މަސްތުވާތަކެތި ބެނުންކުރާ މީހެއްކަން ކައުންސިލަށް އެނގިފައިވާ ކަމަށެވެ.

މިމަހުގެ 16 ވަނަ ދުވަހުގެކުރިން ނޫނީ އެކުއްޖާ އާއި ގުޅުންހުރި އެއްވެސް މައްސަލައެއް އެއްވެސް އިދާރާއަކަށް ހުށަހެޅިފައި ނުވާކަން ފާހަގަ ކުރައްވާ ކައުންސިލްގެ ރައީސް ވިދާޅުވީ މި އަނިޔާވެރި އަމަލަކީ ލާއިންސާނީ ދަށުދަރަޖައިގެ އަމަލެއް ކަމަށާއި އެ އަމަލު ހިންގި ފަރާތްތަކަށް އިސްލާމްދީނުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލާ ކަމަށެވެ.

ގއ. ކަނޑުހުޅުދޫގައި ދެއަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލަ ފެންމަތި ވުމާއެކު އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ އެފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ކައުންސިލުން ފަސްނުޖެހި ދެމިތިބޭނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.