މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ހިނގާދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި ފުލުހުން އަންހެނަކަށް އަނިޔާކުރި ކަމަށްބުނާ މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.

ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ކުރައްވާފައިވާ ޓުވީޓުގައި ވިދާޅުވެފައިވަނީ، މެދުއުމުރުފުރައިގެ އަންހެނަކަށް ފުލުހުން އަނިޔާކުރިކަމުގެ ތުހުމަތުތައް ކުރަމުންދާކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެމައްސަަލަ މިހާރު ތަހުގީގުކުރަން ފަށާފައިވާކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

ސީޕީ ހަމީދު ވިދާޅުވީ، އެމައްސަލައާ ގުޅިގެން، ސީޕީއާއި އެ އަންހެންމީހާގެ އާއިލާއަށް ނިސްބަތްވާ މީހަކާ ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި އެމައްސަލަ ތަހުގީގުކުރުމަށް ޚާއްސަ ޓީމެއް އެކުލަވާލާފައި ވާނެކަމަށްވެސް ވިދާޅުވިއެވެ.

އަނިޔާ ލިބުނުކަމަށް ބުނާ އަންހެން މީހާގެ ދަރިފުޅު ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ، އެއަންހެން މީހާއަކީ އެދުވަހު އެއްވުމަށްދިޔަ ބައިވެރިއެއް ނޫންކަމަށެވެ. އަދި އޭނާ ގޭ ދޮރުމަތީގައި މަޑުކޮށްލައިގެން ހުރީ ބޭރުގައި އެވަގުތު ވަމުން ދިޔައީ ކީއްތޯ ބެލުމަށް ކަމަށެވެ. އެވަގުތު، އެތަނުން މީހުން ދުރުކުރުމަށް އައި ފުލުހަކު، އޭނާގެ މަންމަވެސް ބައިސްކަލުތަކުގެ ތެރެއަށް ކޮއްޕާލީ ކަަމަށް ޕޯސްޓުގައި ވަނީ ބުނެފައެވެ.

އަންހެންމީހާގެ ދަރިފުޅު ހިއްސާކޮށްފައިވާ ފޮޓޯތަކުންނާއި ވީޑިއޯއިން، އެމީހާގެ ނޭފަަތާއި އަނގަ ކައިރިން ވަަރަށްބޮޑަށް ލޭ އައިސްފައިވާތައް ފެންނަން ހުއްޓެވެ.

ފޮޓޯތައް ހިއްސާކޮށް ދަރިފުޅު ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ، އޭނާގެ މަންމައަކީ ރޭޕިސްޓެއްވެސް ނޫންކަމަށާއި އަދި އެއްވުމުގެ ބައިވެރިއެއްވެސް ނޫންކަމަށެވެ. އެހެންނަމަވެސް، އަސްލު ކުށްވެރިޔާއަށް ހިމާޔަތްދީގެން ގެންދިޔަކަންވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.