ދެކުނުގެ ރަށެއްގައި، އުމުރުން ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ފެންމަތިވެފައިވަނީ ހުކުރު ދުވަހުގެ ރެއެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ 56 އަހަރު ދިވެހި ފިރިހެންމީހާ ވަނީ އެރޭ 23:04 ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދުގެ މުއްދަތަށް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށެވެ.

މިމައްސަލަ އިތުރަށް ތަޙްގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފައިވާއިރު، ދާދި ފަހުންވަނީ ދެއަހަރުގެ ކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތުގައި ގއ ކަނޑުހުޅުދޫން ތިންމީހަކު ހައްޔަރު ކޮށްފައެވެ، އެއީ އެކުއްޖާގެ ބައްޕަގެ އިތުރުން ކާފަ އަދި މުނިކާފައެވެ.

މި ތިންމީހުންގެ ބަންދަށްވެސް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ. އަދި މިމައްސަލައިގައި އެރަށު ކައުންސިލްގެ މެންބަރުންގެ އިތުރުން ކަމާބެހޭ އިދާރާތައް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ހާޒިރުކޮށް ރޭގައިވަނީ ސުވާލުކޮށްފައި ވެއެވެ.