ހިމަބިއްސަށް ސްކްރީން ކުރުމާއި ވެކްސިން ދިނުމުގެ ޕްރޮގްރާމް މިއަދުން ފެށިގެން ކުރިއަށްދާނެކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.

ހެލްތް މިނިސްޓްރީން ބުނީ ހުޅުމާލޭގައި، އޯޓިޒަމް ސެންޓަރާ ޖެހިގެން ހުންނަ ޕްރީ ސްކޫލުގެ އިމާރާތުގައި ސްކްރީން ކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެހެންކަމުން، ހުން އައިސް ގައިގައި ހިމަބިހިތަކެއް ނަގަން ފަށައިފިނަމަ ހުޅުމާލޭގައި ދިރިއުޅުއްވާ ރައްޔިތުން ލަސްނުކުރައްވާ ހުޅުމާލޭގައި ގާއިމްކޮށްފައިވާ ސްކްރީން ސެންޓަރަށް ޒިޔާރަތް ކުރުމަށް ހެލްތް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފަ އެވެ. މި ސްކްރީން ސެންޓަރުން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ފެށިގެން ރޭގަނޑު 10:00 އަށް ހިދުމަތް ލިބެން ހުންނާނެ ކަމަށްވެސް މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ.

ހުޅުމާލޭގައި ގާއިމްކޮށްފައިވާ ސްކްރީނިން ސެންޓަރާ ބެހޭ އިތުރު މައުލޫމާތު އޮޅުންފިލުވުމަށް 7289259 އަށް ގުޅުމަށް ހެލްތް މިނިސްޓްރީން ވަނީ އެދިފަ އެވެ.

މީގެ އިތުރަށް، ހިމަބިއްސަށް ވެކްސިން ދިނުމުގެ ޚާއްސަ ސެންޓަރެއް މާލޭގަ ސޯޝަލް ސެންޓަރުގައި ވަނީ، ގާއިމްކޮށްފަ އެވެ.

މިސެންޓަރުން މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 05:00 އަށް ހިދުމަތް ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ. މިސެންޓަރުން 6 މަހާއި 18 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން ހިމަބިއްސަށް ދޭ ވެކްސިންގެ ދެ ޑޯޒު ހަމަނުވާ ކުދިންނަށް ވެކްސިން ދިނުމުގެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މާލޭގައި ގާއިމްކޮށްފައިވާ ވެކްސިން ސެންޓަރާ ބެހޭ އިތުރު މައުލޫމާތު، 7492509 މިނަމްބަރާ ގުޅުމުން ލިބޭނެކަަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 4 މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ހިމަބިއްސަށް މީހަކު ޕޮޒިޓިވް ވެފައިވާކަން އެންމެ ފަހުން ހާމަކުރީ ރޭގެ ވަގުތެއްގަ އެވެ.

އޭގެ ކުރިން ދެ ކުޑަކުދިންނާއި ބޮޑުމީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ. ހިމަބިހި ޖެހިފައިވާ މީހާ އަކީ ހުޅުމާލޭ ހޮސްޕިޓަލުގައި މަސައްކަތްކުރަމުންދާ ޑޮކްޓަރެއް ކަމަށް މައުލޫމާތު ލިބެ އެވެ.