އަލްއަޒްހަރު ޔުނިވަރސިޓީ މެދުވެރިކޮށް، މިސްރު ސަރުކާރުން އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް ހަދިޔާކުރައްވާ، ޢަރަބި ޓެކްސްޓް ފޮތްތައް، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދަށް އަރުވައިފި އެވެ.

މި ފޮތްތައް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި، އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޢަލީއާއި ހަވާލުކުރެއްވީ، ފޮރިން މިނިސްޓްރީގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި، މިސްރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހުސައިން އަލް ސަހަރްތީ އެވެ.

މި ރަސްމިއްޔަތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، ދިވެހިރާއްޖެއާ މިސްރާއި ދެމެދު އޮތް 50 އަހަރަށްވުރެ ގިނަ ދުވަސްވީ ގުޅުމަކީ، ވަރަށް ޚާއްސަ ގުޅުމެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިސްރުގެ ސަފީރު ހުސައިން އަލް ސަހަރްތީ ވިދާޅުވީ، މިއީ ހަމައެކަނި ދެވުނު ހަދިޔާއެއް ނޫން ކަމަށެވެ. އަދި މިއީ ދެގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ސަފީރު ވަނީ ސިފަކުރައްވާފަ އެވެ.

މިސްރަކީ ދިވެހިރާއްޖޭގެ އިޖްތިމާއީ ތަރައްގީއަށް ބޮޑެތި އެހީތަކެއް ޒަމާންތަކެއް ވަންދެން ފޯރުކޮށްދެމުންދާ ގައުމެއްކަން ފޮރިން މިނިސްޓްރީން ފާހަގަކުރެ އެޗެ. އަދި އަރަބި މީޑިއަމަށް ދިވެހިރާއްޖޭގައި ކިޔަވައިދޭ ސްކޫލްތަކަށް، މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީ އިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަންވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.