ލޯކަލް ކައުންސިލް އިންތިހާބުގެ ޕީޕީއެމް އެތެރޭގެ އިންތިހާބު އަންނަ މަހުގެ 7 ވަނަ ދުވަހުގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެ ޕާޓިން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އަންނަ ލޯކަލް ކައުންސިލް އިންތިބަށް ޕާޓީގެ ޓިކެޓުގައި ވާއްދަ ކުރައްވާނެ ކެނޑިޑޭޓުން ކަނޑައެޅުމަށްޓަކައި ޕާޓީގެ އެތެރޭގެ އިންތިހާބު ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހުގައި އޮންނާނެ ކަމަށެވެ. އަދި ދެވަނަ ބުރަކަށް ދާންޖެހިއްޖެ ނަމަ އިންތިހާބު އޮންނާނީ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުގައި ކަމަށެވެ.

ޕާޓީގެ ދަފްތަރުގައި ތިބި ކެނޑިޑޭޓުންނަށް މިހާރު ވަނީ ވޯޓާސްލިސްޓް ދޭން ފަށާފައިކަން ފާހަގަ ކުރައްވާ ހީނާ ވިދާޅުވީ އިއްޔެއިން ފެށިގެން އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ މި މަހުގެ ބާވީސް ވަނަ ދުވަހުގެ ރޭ 22:00 ގެ ނިޔަލަށް ކަމަށާއި ހުށަހެޅޭ ޝަކުވާތަކުގައި ބަލަންޖެހޭ ކަންތައްތައް ކުރައްވާނެކަމަށް ހީނާ ވިދާޅުވިއެވެ. އަދި ދާއިމީ ލިސްޓު 26 ޖެނުއަރީގެ ކުރިން ކެނޑިޑޭޓުންނަށް ހަވާލު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީން ލޯކަލް ކައުންސިލް އިންތިހާބަށްޓަކައި އެކުލަވާލި ސްޓިއަރިންގ ކޮމެޓީގެ އިސް ފަރާތް ކަމަށްވާ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ވޯޓާސް ލިސްޓު ކެނޑިޑޭޓުންނަށް މިހާރުވެސް ފޯރުކޮށްދޭ އިރު ވަރަށް ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި މުއާޒް ވިދާޅުވީ ޕާޓީއަށް ވަރަށް ގިނަ މެމްބަރުން ވަންނަން ފޯމު ހުށަހަޅަމުން ދާތީ ކަމަށާއި އަދި ހުށަހެޅޭ ފޯމުތައް ލިސްޓުގައި ނެތުމަކީވެސް ވެދާނެ ގޮތެއް ކަމަށެވެ. އެހެންކަމުން ކެނޑިޑޭޓުން އެކަންތައްތަކަށް ސަމާލުވުމަށް މުއާޒު އެދިވަޑައިގެންނެވިއެވެ.

ޕީޕީއެމުން ވަނީ އެ ޕާޓީގެ ނަމުގައި ވާދަ ކުރައްވަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތު މިމަހުގެ 24 ވަނަ ދުވަހުގެ ހަވީރު 4 ޖެހުމާ ހަމައަށް މުއްދަތު އިތުރުކޮށްފައެވެ. އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނުން ނިންމާފައިވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި އެ ދެ ޕާޓީގެ ބޭފުޅުން ޕީޕީއެމްގެ ޓިކެޓްގައި އިންތިހާބުގައި ވާދަކުރާގޮތަށެވެ. ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.