ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ހިމަބިއްސަށް އަހުލުވެރިކުރުމުގެ މަސައްކަތް ހެލްތް މިނިސްޓްރީން ފަށައިފިއެވެ.

ހެލްތް މިނިސްޓްރީން މި މަސައްކަތް ފަށާފައިވަނީ ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

އެމިނިސްޓްރީން ބުނީ ސިއްހީ ޚިދްމަތްދޭ ފަރާތްތައް މި ބައްޔަށް އަހުލުވެރިކުރުމަށް އެ މިނިސްޓްރީން ކުރާ މަސައްކަތުގައި ހެލްތު ސެންޓަރުތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުންނަށް އަމާޒުކޮށް ހުރިހާ ހެލްތު ސެންޓަރުތަކަށް ޕްރޮގްރާމްތައް މިހަފްތާ ތެރޭގައި ހިންގުމަށްވެސް ހަމަޖެހިފައިވާކަމަށެވެ.

އެމިނިސްޓްރީން ބުނީ މި މަސަައްކަތުގެ ދަށުން، ޑޮކްޓަރުންނާއި ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ނަރުހުން މިބައްޔަށް އަހުލުވެރިކޮށް، މިބަލި ޖެހިފައިވާ ކަމަށް ޝައްކުވާ މީހުން ދެނެގަންނާނެގޮތާއި އަދި އެފަރާތްތަކުގެ މަޢުލޫމާތު ރިޕޯޓް ކުރުމުގައި އަމަލު ކުރަންޖެހޭ ގޮތްތަކާއި ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށް ދިނުމަށް އޮރިއެންޓޭޝަން ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

އެގޮތުން މިހާތަނަށް މާލެއާއި ހުޅުމާލޭގައި ޤާއިމްކުރެވިފައިވާ ހޮސްޕިޓަލްތަކާއި ބައެއް ޕްރައިވެޓް ކްލިނިކްތަކަށް އޮރިންޓޭޝަން ސެޝަންތައް ދީފައިވާކަމަށް އެމިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން އަތޮޅު ހޮސްޕިޓަލްތަކަށް އަމާޒުކޮށްގެން، މިހާތަނަށް 16 އަތޮޅު ހޮސްޕިޓަލަކަށް އޮރިއެންޓޭޝަން ސެޝަން ހިންގާފައިވާކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މި މަސައްކަތުގެ ދަށުން މިހާތަނަށް ހޮސްޕިޓަލްތަކާއި ކްލިނިކްތައް ހިމަނައިގެން 100 އަށްވުރެ ގިނަ ޑޮކްޓަރުންނާއި ނަރުހުންނަށް އޮރިއެންޓޭޝަން ސެޝަންތައް ބާއްވާފައިވާކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެއެވެ.