ރާއްޖޭގައި ފުރަތަމަ ފަހަރަށް އެމްބާމިންގް ޕްރޮސީޖަރ އެއް، ޓްރީ ޓޮޕް ހޮސްޕިޓަލުން އިއްޔެ ކޮށްފި އެވެ.

އެމްބާމިންގްއަކީ މަރުވުމަށްފަހު، ބޭރަށް ފޮނުވުމަށް ހަށިގަނޑު ހަލާކުވެނުދާނެގޮތަށް ރައްކާތެރިކުރުމަށް ފުރިހަމަކުރާ ޕްރޮސީޖަރ އެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މޯޗަރީ ޙިދުމަތުގެ ދަށުން ރާއްޖޭގައި އަލަށް މި ޙިދުމަތް ތަޢާރަފްކޮށްފައި ވަނީ 2 ޖޫން 2019ގަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ބައިނަލްއަޤްވާމީ ޤަވާއިދުތަކާއި އެއްގޮތަށް މި ޙިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރި ވަނީ ލައިސެންސް ލިބިފައިވާ ޤާބިލް ބޭފުޅުން ނެވެ. އަދި މި ޙިދުމަތާއި އެކު ބައިނަލްއަޤްވާމީ ފެންވަރުގެ އެމްބާމް ކުރެވިފައިވާ ކަމުގެ ސެޓްފިކެޓް އެއް އެމްބާމްކުރެވޭ ފަރާތަށް ދެވޭނެ އެވެ.

އެމްބާމިންގެ މި ޙިދުމަތަކީ ރާއްޖޭގެ އަދި ދުނިޔޭގެ ގަވާއިދުތަކުގެ ދަށުން، ނިޔާވެފައިވާ ފަރާތުގެ ހަށިގަނޑަށް އިޙްތިރާމްކޮށް، ގެއްލުން ނުވާނެހެން ނަގަންޖެހޭ އެންމެހާ ރައްކާތެރި ފިޔަވަޅުތަކާއެކު ދެވޭ ޙިދުމަތެކެވެ.

ނިޔާވެފައިވާ މީހުންގެ އެމްބާމިންގ ޕްރޮސީޖަރ ހަދަނީ، މަރުވުމަށްފަހު ހަށިގަނޑު ކުނި ނުވެ ގިނަ ދުވަހު ބޭއްވުމަށެވެ. އަދި މިކަން ކުރަނީ އާއިލާގެ އެދުމުގެ މަތިން އެފަރާތުން ބޭނުން ނަމަ އެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މިއީ ޕްރެކްޓިސް ކުރަމުން އަންނަ ކަމެކެވެ.