އާންމު ހިއްސާދާރުންގެ ފަރާތުން އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމަށް، އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު 25 ޖަނަވަރީ 2020 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ވާނީ އިތުރުކޮށްފަ އެވެ.

މި މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު، އުރީދޫގެ ވެބްސައިޓުން ލިބޭނެއެވެ. އަދި، ފިޒިކަލް ފޯމު، އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީސް،އިން ހަފްތާ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 4:30 އަށް ލިބޭނެކަމަށްވެސް އެކުންފުނިން ބުނެއެެވެ.

އުރީދޫ އިން ބުނިގޮތުގައި، އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ބޯޑު ޑިރެކްޓަރުކަމުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަކީ، އެކުންފުނީގެ ހިއްސާދާރަކަށް ވުން، ނުވަތަ އުރީދޫ މޯލްޑިވްސްގެ ހިއްސާދާރަކީ ގާނޫނީ ޝަޚްސެއް ނަމަ، އެ ޝަޚްސުގެ ފަރާތުން ހުށަހަޅާ ފަރާތެއް ކަމުގައި ވުމެވެ.

މީގެ އިތުރަށް ކުންފުނީގެ ޤާނޫނު، އަދި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއިން 14 ޖަނަވަރީ 2015 ގެ ތާރީޚުގައި އާންމުކޮށްފައިވާ "ކޯޕަރޭޓް ގަވަރނަންސް ކޯޑް" ގައި ބަޔާންކޮށްފައިވާ ފެންވަރުތަކާއި ޝަރުތުތައް ހަމަވާ ފަރާތެއް ކަމުގައި ވުމެވެ.