ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ މަރުކަޒެއް ޤާއިމުކުރުމަށް، ކުވެއިތުގެ ކުންފުންޏަކުން ޝައުޤުވެރިކަން ފާޅުކޮށްފި އެވެ.

ކުވެއިތުގެ އަލްޖެރީ ހޯލްޑިންގް ގްރޫޕްން މި ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައި މިވަނީ، އެ ކުންފުނީގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ކުވެއިތަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފަ އެވެ.

ނައިބު ރައީސް ފައިސަލްގެ މި ދަތުރުފުޅުގައި ވަނީ، އަލްޖެރީ ހޯލްޑިންގް ފައުންޑޭޝަންގެ ޗެއަރމަން، އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ތަލާލް ޚަލިފާ އަލް ޖެރީގެ އިތުރަށް، ކުވެއިތުގެ ބައެއް ޖަމިއްޔާ ތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހި ޓީޗަރުން ތަމްރީންކުރުމުގެ ޕްރޮގްރާމްގެ އިތުރަށް، ޤުރްއާން އަދި ޢަރަބި ކިޔަވައިދޭ މުދައްރިސުން ހޯދުމާއި، ދީނީ އެއްބައިވަންތަކަމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ހާމަކުރެ އެވެ.

ނައިބު ރައީސް ވަނީ، އަލްޖެރީ ހޯލްޑިންގް ގްރޫޕްގެ ދަށުން ހިންގާ 20 ސްކޫލްގެ ތެރެއިން، ކުވެއިތުގައި ހުންނަ އަޖިއަލް ބައިލިންގުއަލް ސްކޫލަށާއި، އެމެރިކަން ޖަރމަން ސްކޫލަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގައި ހުރި ވަޞީލަތްތައް ބައްލަވާލައްވާފަ އެވެ. އަދި އަލްޖެރީ ހޯލްޑިންގް ގްރޫޕްގެ ފަރާތުން ވަނީ ރާއްޖޭގެ ސްކޫލްތަކަށް 40,000 ފޮތް ހަދިޔާކުރައްވާފަ އެވެ.

މީގެއިތުރަށް އިސްލާމިކް މިނިސްޓްރީއަށް 10,000 މުސްހަފް ހަދިޔާކޮށްފައިވާ ކަމަށްވެސް ރައީސް އޮފީހުން ހާމަކުރެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުވައިތަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު އާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ، ޑޮކްޓަރ މުޞްޠަފާ ލުޠުފީ ބައިވެރިވެ ވަޑައިގަންނަވަ އެވެ.

މި ޒިޔާރަތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރް އަޙްމަދު ޒާހިރު ވަނީ ކުވެއިތުގެ ބައިތުލް ޒަކާތުގެ އިސް ބޭފުޅުންނާ ވެސް ބައްދަލުކުރައްވާފަ އެވެ.