ކުރިޔަށް އޮތް ލޯކަލްކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިލެކްޝަން ކޮމިޝަނާއި މޯލްޑިވްސް ޕޮލިސް ސާރވިސްއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުގެ އިންތިހާބާއިބެހޭ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އިލެކްޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އެވެ. އަދި މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.

މި ރަސްމިއްޔާތުގައި އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީޕް ވިދާޅުވީ ކޮންމެ އިންތިހާބެއްގައިވެސް ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭކަމަށެވެ.

މި ފަހަރުގެ އިންތިހާބު އެހެން އިންތިހާބުތަކާ ތަފާތުވާނެކަން ފާހަގަ ކުރައްވާ ޝަރީފް ވިދާޅުވީ މިފަހަރުގެ އިންތިހާބުގައި ވޯޓުލާ މަރުކައްޒުތަކުގެ އަދަދު އިތުރުވާނެ ކަމަށާ، ހައްސަކޮށް މާލޭގައި ސަލާމަތީ ކަންކަން ބަލަހައްޓަންޖެހޭ ސަރަހައްދު ބޮޑުވާނެ ކަމަށެވެ. އެހެންނަމަވެސް ކުރީގެ އިންތިހާބު ތަކުގައި ފުލުހުންގެ ފަރާތުން ލިބުނު އެއްބާރުލުން މި އިންތިހާބުގައިވެސް ލިބޭނެކަމަށް ގަބޫލު ކުރައްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީސް އިންތިހާބާއި ދާދި އެއްގޮތަކަށް އޮންނާނީ. އެކަމަކު މިފަހަރު ތަފާތުވާނެ ކަމަކީ ވޭތުވެދިޔަ އިންތިހާބުތަކަށް ވުރެ ވޯޓުލާ މަރުކަޒުތަކުގެ އަދަދު ގިނަވުން. އަދި މާލޭގައި ބަލަހައްޓަންޖެހޭ ސަރަހައްދުތައްވެސް ގިނަވާނެ. އަދި މީގެ ކުރިން ވޯޓުލާ މަރުކަޒުތައް ނުބަހައްޓާ ބޮޑު ތިން ސަރަހައްދެއްގައި އެގޮތުން މާލޭގައި ހުރި ދަނޑުތައް ހިމެނޭ. އެ ތަންތަނަކީ ވަރަށް އޯޕަންކޮން އޮންނަ ސަރަހައްދެއް ކަމުން އިންމީދު ކުރަން ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުން އިތުރު ސަމާލު ކަމެއް ދެއްވާނެކަމަށް.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް

މިއަދުގެ ރަސްމިއްތާރުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ކޮންމެ އިންތިހާބެއްގެ ކަންކަން ބަލަހައްޓަމުން އަންނަނީ އިލެކްޝަންސް ކޮމިޝަނާއި ފުލުހުންނާއި ގުޅިގެން ކަމަށެވެ. އަދި މިއަދު ވެވުނު އެއްބަސްވުމަކީ އެހެން ފަހަރުތަކާއި އެއްގޮތަށް އިލެކްޝަނާއި ގުޅިގެން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ވޯޓުލާން މަރުކަޒުތަކަށް ދާ މީހުންގެ ހައްގުތައް ރައްކާތެރިކޮށްދެވޭނެ އެއްބަސްވުމެއް ކަމަށެވެ. އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތްތައް ފުލުހުންގެ އިދާރާއިން މިހާރުވެސް ފަށާފައިވާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.

ކުރިޔަށް އޮތް އިލެކްޝަންސްގެ އޮޕަރޭޝަން ފުލުހުންގެ ފަރާތުން އަންޔަނު ކުރަންޖެހޭ ކޮމާންޑަރުންނާއި ޑެޕިއުޓީ ކޮމާންޑަރުން އަޅުގަނޑުމެންވާނީ މި ދިޔަ ހަފްތާގެ ތެރޭގައި އައްޔަން ކުރެވިފަ. އަދި އިންތިހާބުގައި ފުލުހުންގެ ދައުރާ ބެހޭ ގޮތުން ކުރިޔަށް އޮތް ދުވަސްތަ ކުގައި ތައްޔާރުވެ، އެކަންކަމުގެ މައުލޫމާތު ޕަބްލިކާ އި ހިއްސާ ކުރެވިގެންދާނެ
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު

އިލެކްޝަން ކޮމިޝަނުން ބުނީ ކުރީ އިންތިހާބުތަކުގެ ތަޖްރިބާއަށް ބަލާ، ލޯކަލް ކައުންސިލްގެ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ދުރާލާ ކުރަމުންދާނެ ކަމަށެވެ. އެގޮތުން ވޯޓު ކަރުދާސްތައް ތައްޔާރުކުރުން ކުރިޔަށް ދާއިރުއާއި، ވޯޓު ފޮށިތައް އެއްތަނުން އަނެއްތަނަށް އުފުލުމުގައިވެސް ފުލުހުންގެ އެހީތެރިކަން ހޯދާނެ ކަމަށެވެ.

ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރެއްގައެވެ.