ވޯރލްޑް އެތުލެޓިކްސް ލެވެލް 1 ކޯޗިން ކޯހެއް ފުވައްމުލައް ސިޓީގައި ފަށައިފިއެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ފުވައްމުލައް ސިޓީގެ މޭޔަރު އަބްދުﷲ ފަލާހް ޝަރީފް ވިދާޅުވީ މި ކޯޗިން ކޯހަކީ ރާއްޖޭގައި ބޭއްވޭ ސާފް ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ކޯހެއް ކަމަށެވެ. އަދި މި ކޯހަކީ މުޅި ރާއްޖޭގައި ހިންގަން ސަރުކާރުން ނިންމާފައިވާ ކޯހެއް ކަމަށާއި ފުރަތަމަ ކޯޗިން ކޯސް މިފެށީ ފުވައްމުލަކުން ކަމަށް ފަލާހު ވިދާޅުވިއެވެ. މި ކޯހަކީ ރަށުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބި އަދި ކައުންސިލްގެވެސް ހިއްސާ އޮވެގެން ކުރިއަށްގެންދާ ކޯހެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިކޯސް ހިންގަނީ ފުވައްމުލައް ސިޓީ ކައުންސިލް އަދި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެންކަން ފާހަގަކުރައްވާ ފަލާހު ވިދާޅުވީ މި ކޯހުގެ މަގްސަދަކީ ރާއްޖޭގެ ފަންނީ މީހުން ބިނާކުރުމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ތަމްރީން ލިބިފައިވާ ކޯޗުން އުފެއްދުން ކަމަށެވެ.

ޖުމްލަ 24 މީހުން ބައިވެރިވެގެން ކުރިއަށްދާ މި ކޯސް ނިމިގެންދާއިރު އަންނަ ޖޫން މަހު ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެތްލެޓިކްސް މުބާރާތަށްވެސް ކޯޗުން ތަމްރީންވެގެންދާނެ ކަމުގެ ޔަގީންކަން ފަލާހު ދެއްވިއެވެ.