ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލްް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ) ގެ ބައޯސްފެއަރ ރިޒާވަކަށް ފުވައްމުލަކުގެ 707 ސަރަހައްދެއް ހެދުމާ ގުޅޭ ގޮތުން މަޝްވަރާކުރަމުންދާ ކަމަށް ފުވައްމުލަކުގެ މޭޔަރު ވިދާޅުވެއްޖެއެވެ.

މި މަޝްވަރާ ބައްދަލުވުންތަކާ ގުޅޭގޮތުން ވީނިއުސްއަށް މައުލޫމާތު ދެއްވަމުން މޭޔަރު ފަލާހު ޝަރީފް ވިދާޅުވީ ޔުނެސްކޯ ބައޮސްފެއަރ އަކަށް ފުވައްމުލައް ސިޓީ ހެދުމަށްޓަަކައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޔޫއެންއަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅުގައި އޮތީ ހުށަހަޅުއްވާފައި ކަމަށެވެ. އެންމެ މުހިންމު އެއް ކަމަކީ މިކަމުން ލިބޭނެ ފާއިދާތަކަކީ ކޮބައިކަން އާންމު ރައްޔިތުންނަށް އެނގުންކަން ފާހަގަކުރައްވާ ފަލާހު ވިދާޅުވީ މިކަމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިވާން ޖެހޭނެ ކަމަށެވެ. އެގޮތުން އާދީއްތަ ދުވަހު ބޭއްވުނު ބައްދަލުވުމުގައި ކުރިއަށްދިޔައީ ހޭލުންތެރި ކުރުމުގެ ވޯކްޝޮޕެއް ކަމަށް އޭނާ ފާހާގަކުރެއްވިއެވެ.

އާދީއްތަ ދުވަހު ބޭއްވި އެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެންވަޔަރަންމަންޓް ޑޮކްޓަރ އަބްދުﷲ ނަސީރާއި ފުވައްމުލައް ސިޓީ ކައުންސިލްގެ އިސްވެރިންނާއި އެކު ބައޯސްފެއަރއާ ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށް ފަލާހު ވިދާޅުވިއެވެ. މި ބައްދަލުވުމުގައި އެންވަޔަރމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.

މިބައްދަލުވުމުގައި މަޝްވަރާކުރެވުނީ ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ފުވައްމުލައް ސިޓީ ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ ކަންތަކާ ބެހޭގޮތުން ކަމަށާއި ޔުނެސްކޯގެ ބަޔޮސްފިއަރ އަކަށް ފުވައްމުލައް ސިޓީ ބަދަލުވުމުން ލިބޭނެ ފައިދާތަކާއި ބެހޭގޮތުން ވެސް މަޝްވަރާކުރެވިފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ. މިފަދަ މުހިންމު ކަމެއް ނިމިގެންދާއިރު އުންމީދުކުރައްވަނީ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރެވި ފުވައްމުލަކުގެ އިގްތިސާދު އިތުރު ހަރުފަތަކަށް ދިޔުން ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.