ސަރުކާރުން އަދި ސަރުކާރުގެ އެއްވެސް އޮފިޝަލަކު ވެސް، އެއްވެސްކަމެއްގައި ނުފޫޒު ފޯރުވުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި އެދިވަޑައިނުގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިހެން ވިދާޅުވީ، ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންނާއި ބައްދަލުކުރައްވައި ބޭއްވެވި މަޝްވަރާތަކުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވުމަކީ ސަރުކާރުން އެންމެ އިސްކަން ދެއްވާ އެއް ދާއިރާ ކަމަށެވެ. އަދި ކޮރަޕްޝަނަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރައްވައި ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތްތައް އިތުރުކުރެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމިޝަނުގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މި ބައްދަލުކުރެއްވުމުގައި އޭސީސީގެ މެންބަރުން ވަނީ، އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއި ގުޅޭގޮތުންނާއި އެ ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށްގެންދަވާ ގޮތުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވާފަ އެވެ. އަދި އޭސީސީ އަށް ހުށަހެޅޭ މައްސަލަތަކާއި ގުޅޭގޮތުން ކޮމިޝަނުން އަމަލުކުރަމުންގެންދާ ޢާންމު އުސޫލުތަކާއި މަޝްރޫއުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް އަންގަވާ ޙާލަތްތަކުގައި އެ ކޮމިޝަނުން ގެންގުޅުއްވާ އުސޫލުތައް ފަދަ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާކުރެއްވި އެވެ.

އޭސީސީ އިން ވަނީ، ކޮރަޕްޝަނުގެ ޢަމަލުތައް ހުއްޓުވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ސަރުކާރުގެ އިދާރާތަކަށް ބާރު އަޅުއްވަން މަސައްކަތްކުރައްވަމުން ގެންދަވާކަން ވެސް ފާހަގަ ކުރެއްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮރަޕްޝަން ހުއްޓުވުމަށް އޭސީސީގެ މެންބަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފަ އެވެ.