ހެލްތު މިނިސްޓަރ އަބްދުﷲ އަމީން، ހެލްތު އިމަރޖެންސީ ކޯޑިނޭޝަން ކޮމިޓީ މެންބަރުންނާ ބައްދަލުކުރައްވާ ޗައިނާއިން ފެނިފައިވާ ނޮވެލް ކޮރޯނާވައިރަސް އާގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ގިނަ މުއައްސަސާތަކުން ބައިވެރިވިއިރު، ހުސްވި އަހަރުގެ ޑިސެންބަރު މަހުން ފެށިގެން، ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވުހާން ސިޓީގައި މިބަލި ފެތުރެމުންދާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިއަހަރުގެ ޖެނުއަރީ އާއި ހަމައަށް، މިބަލީގެ 142 މީހުން ޗައިނާއިން ވަނީ ފެނިފައެވެ. އަދި މިބަލީގައި މިހާތަނަށް 6 މީހުން މަރުވެފައިވާ ކަމަށް ޗައިނާގެ ރަސްމީ އިދާރާތަކުން ވަނީ ހާމަކޮށްފަ އެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމު ކަމަށްވާ ޗައިނާގެ ބައެއް ސަރަހައްދުތަކުގައި މިބަލި ފެތުރެމުންދާއިރު މިބަލިޖެހުން ގުޅިފައިވަނީ، ސީފުޑް ނުވަތަ ޖަނަވާރުގެ ޒަރީއާއިން އަރާ ޖަރާސީމަކުން ކަމަށް ލަފާކުރެވޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހެލްތު މިނިސްޓްރީންނާ ކަމާބެހޭ ފަރާތްތައް ގުޅިގެން މި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ.

މީގެ އިތުރުން ޗައިނާގެ އެ ބަލި ފެތުރޭ ސަރަހައްދުތަކަށް ނުދިއުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މި ވައިރަސްއިން ރައްކާތެރިވުމަށް ޗައިނާއަށް ދަތުރުކުރާއިރު މުހިއްމުކަން ދިނުމަށް އެޗްޕީއޭއިން ވަނީ ޚާއްސަ ކަންތައްތަކެއް ހިމަނާފައެވެ.

އޭގެ ތެރޭގައި ދޫނިސޫފާސޫފި އަދި ޖަނަވާރު ގެންގުޅެ، ވިއްކާ އަދި ކަތިލާ ތަންތަނަށް ނުދިޔުމާއި ބަލިމީހުންނާއި ކައިރީގައި ނޫޅުމާއި ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމުގެ އިތުރުން ކެއްސާ ކިނބިހި އަޅާއިރު ޓިޝޫއަކުން ރަނގަޅަށް އަނގައާއި ނޭފަތް ނިވާކުރުން އަދި ބިހާއި އެއްގަމު މަސް ކާއިރު ރަނގަޅަށް ކައްކައިގެން ބޭނުން ކުރަން އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.