ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު، އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގައި ބައިވެރިވިކަމުގެ ދައުވާގައި މިއަދަށް ތާވަލްކުރި އަޑުއެހުން، އޭނާގެ ވަކީލުންގެ އެދުމަކަށް ކެންސަލްކޮށްފިއެވެ.

ޚިޔާނާތުގައި ބައިވެރިވި ކަމުގެ ދައުވާކޮށް، ކްރިމިނަލް ކޯޓުގައި މިއަދު 14:00 އަށް ތާވަލްކުރި އަޑުއެހުން ކެންސަލްކުރީ، މައްސަލަ ދިރާސާކުރަން އިތުރު ވަގުތު ބޭނުންވާ ކަމަށް ގާނޫނީ ޓީމުން ކޯޓަށް އެންގުމުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އަދީބަށް ދައުލަތުން ހަތް ދައުވާއެއް ކުރެއެވެ. ހަތް ދައުވާވެސް އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ހިންގި ކޮރަޕްޝަނާއި މަނީ ލޯންޑްރިން މައްސަލައާ ގުޅިގެންނެވެ

އެއީ ޚިޔާނާތްތެރި ވުމުގައި ބައިވެރިވުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑްރިންގެ ދެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދައުވާއެއްގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރުމުގެ ދައުވާއެވެ.

އެ ދައުވާތައް އުފުލާފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ފުލުހުން ގުޅިގެން ހިންގި ތަހުގީގަށްފަހު ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމުންނެވެ. މި ހަތް ދައުވާއަކީ ވެސް ތަހުގީގުގައި އަދީބު އިއުތިރާފުވެފައިވާ ކުށްތަކެއްގެ މައްޗަށް އުފުލާފައިވާ ދައުވާތަކެވެ.

އަދީބު ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ ކުށަށް އިއުތިރާފްވާ ކަމުގެ އެއްބަސްވުމެއްގައި ސޮއި ކުރައްވާފައެވެ.

މީގެކުރިން އެތައް ދައުވާތަކެއް އުފުލާ، 33 އަހަރުގެ ޖަލު ހުކުމެއް ކުރި ނަމަވެސް އެ ހުރިހާ ހުކުމްތަކެއް ފަހުން ވަނީ ބާތިލްކޮށްފައެވެ.