ރަމަޟާން މަހު ގިނަބަޔަކު ބަރޯސާވާ އެއް ތަނަކީ ލޯކަލް މާރުކެޓްތަކެވެ. ކޮންމެ ރަމަޟާން މަހެއްގައި މާރުކެޓްތަަކަށް ބާރު ބޮޑުވެގެންދާއިރު ގިނަބަޔަކު އެންމެ ބޮޑަށް ޒިޔާރަތްކުރާ ތަނަކަށް ވެފައިވަނީ ދަތުރުވެރިންގެ މާރުކޭޓެވެ. އެހެންނަމަވެސް މިއަހަރުގެ ރަމަޟާންމަހަށް ދަތުރުވެރިންގެ މާރުކޭޓް ހުޅުވޭނެ ކަމާއިމެދު މިހާރު މިވަނީ ސުވާލު އުފެދިފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ދަތުރުވެރިންގެ މާރުކޭޓް މަރާމާތަށް ބަންދު ކުރުމަށްފަހު މިހާތަނަށް ހުޅުވާފައިއެއް ނުވެއެވެ. މާރުކޭޓްގެ މައްސަލަ ބޮޑުވެ، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއަށް ހާޒިރުކޮށް، މާރުކޭޓްގެ މަސައްކަތް އަވަހަށް ނިންމުމަށް އެ ކޮމެޓީންވެސް ވަނީ މާލެ ސިޓީ ކައުންސިލަށް އަންގާފައެވެ.

މާރުކޭޓްގެ ގޮޅިތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ބަންދުވިއިރު ގޮޅިތަކަށް 2626 މީހުން ކުރިމަތިލާފައި ވާކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އެހެންނަމަވެސް މިއަދާ ހަމައަށް އެ ފޯމުތަށް ބަލާ ދިރާސާކޮށް ގޮޅި ލިބޭ ފަރާތްތައް ކަށަވަރު ކުރުމަށް ސިޓީ ކައުންސިލުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވާކަމަުގެ މައުލޫމާތު ވީނިއުސްވަނީ ލިބިފައެވެ. އަދި އެންމެ ކުޑަމިނުން ކޮމެޓީއެއްވެސް އެކުލަވާލާފައި ނުވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ކުރީ ސަރުކާރުން މާލެ ސިޓީގެ ބާރުތައް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައި އޮތުމަށް ފަހު، މި ސަރުކާރުން އެ ބާރުތައް މާލެ ސިޓީ ކައުންސިލަށް ރުޖޫއަކުރިއެވެ.

އެހިސާބުން ކައުންސިލުން އެންމެ އިސްކަމެއްދީގެން ކުރާނީ މާރުކޭޓްތައް އިސްލާޙް ކުރުމުގެ މަސައްކަތް ކަމަށް އޭރު ދިޔައީ ބުނަމުންނެެވެ. އެހެންނަމަވެސް މިހާތަނަށްވެސް އެމަސައްކަތަށް އެދެވޭ ކުރިއެރުމެއް ލިބިފައިވާ ނުވާއިރު މާރުކޭޓްގެ މައްސަލައިގައި މާލެ ސިޓީ ކައުންސިލް ފެއިލްވެފައި ވާކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

އެތަނުގައި ވިޔަފާރިކުރި ވިޔަފާރިވެރިން މާރުކެޓް ހުޅުވޭނެ ދުވަހެއްގެ އިންތިޒާރުގައި ތިއްބާ މިދިޔަ ނޮވެންބަރު 17 ވަނަ ދުވަހު މާލެސިޓީން ވަނީ ހިޔާލު ހޯދުމުގެ ނަމުގައި އެ މީހުންނާއެކު ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި މާލޭ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީޕް ވިދާޅުވެފައިވަނީ އާއަހަރާއިއެކު މާރުކޭޓް ހުޅުވޭނެ ކަމަށެވެ.

މާރުކެޓް ހުޅުވުމުގައި ތިޔަބޭފުޅުންގެ ހިޔާލުތައް އަޅުގަނޑުމެން މިފަހަރު ބޭނުން ކުރާނަން. އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް އަވަހަކަށް މާރުކޭޓް ހުޅުވަން. ދެން ލަސްކުރެވޭކަށްނެތް. އިރާދަކުރެއްވިއްޔާ އާއަހަރު ބައްދަލު ކުރާއިރު މާރުކޭތް ހުޅުވި ހިދުމަތް ލިބޭނެ. މިއަދު މިގޮތަށް ގިނަބަޔަކު ކޮޅަށް ތިބެ ބައްދަލު ކުރި ނަމަވެސް މި މަސްތެރޭގައި ޕްލޭނިން މިނިސްޓްރީ އާއި އަޅުގަނޑުމެންނާ ގުޅިގެން މާލޭގެ އައު މާރުކޭޓްގެ ފުރިހަމަ ކުރެހުމާއި އެކު ތިބޭފުޅުންނާ، ބައްދަލުވުމެއް ބާވާނަން
މާލެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް

އެހެންނަމަވެސް އާއަހަރުގެ ފުރަތަމަ މަސް ނިމުމަކާ ހަމައަށް ދާއިރުވެސް މާރުކެޓް އޮތީ އޮތްގޮތަށް ބަންދުބޯޑު އަޅުވާފައެވެ. އެ ވިދާޅުވި ފުރިހަމަ ކުރެހުމާއެކު ބައްދަލުވުމެއްވެސް ބާއްވާފައެއް ނުވެއެވެ. އެންމެ ކުޑަމިނުން އެތަނުގައި އިތުރު މަސައްކަތެއް ކުރާތަންވެސް ނުފެނެއެވެ. މިހާރު ފެނިގެން މިދަނީ މާރުކޭޓްގެ ވާހަކައިގެ ރާގު ސިޓީ ކައުންސިލުން ބަދަލުކޮށްލި މަންޒަރެވެ.

އަޅުގަނޑުމެން އެއްގޮތަކަށްވެސް ބޭނުމެންނޫން މާލޭގެ އެއްތަނަކަށް ބޮޑިވެ ވިޔާފާރި ކުރުމުގެ އުސޫލެއް އޮންނާކަށް. މާލެތެރޭގައި މާރުކެޓް އެބަހުރި. ރައްޔިތުންނަށް ބޭނުންވަނީ ކައިރިން ވިޔަފާރިކޮށްލުން ބޭނުންވާތަކެތި ގަނެލަން ގޭކައިރި މާރުކެޓަށް ވަދެ ވިޔަފާރި ކޮށްލުން
މާލެ މޭޔަރު ޝިފާ މުހައްމަދު

މާލެ ސީޓިގެ މޭޔަރު ޝިފާ މުހައްމަދުގެ ވާހަކަތައް ހުރިގޮތުން "ދަތުރުވެރިންގެ މާރުކޭޓް" ގެ ބޭނުމަކީ ކޮބައިކަމާއިމެދު ސުވާލު އުފެދޭކަމަށް ގިނަބަޔަކު އަންނަނީ ބުނެމުންނެވެ. ދަތުރުވެރިންގެ މާރުކޭޓަކީ ހަމައެކަނި މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްފައިވާ މާރުކޭޓެއްގެ ގޮތުގައި މޭޔަރުގެ ވާހަކަތަކުން ދޭހަވާ ފަހަރުވެސް އާދެއެވެ.

ރަމަޟާން މަސް ކުޑަތަންވެގެން އަންނައިރު މަގުމަތިވެފައި ތިބި ވިޔަފާރިވެރިންނަށް ވިޔަފާރިކުރެވޭނެ އިތުރު ހިޔާވައްސެއް ދައްކާނަންތޯ އަޅުގަނޑު ދެންނެވި ސުވާލަށް މޭޔަރު ޝިފާ ވިދާޅުވީ ރަމަޟާންމަސް އަންނަންވާއިރަށް ކޮންމެސް ގޮތެއް ދައްކާނެ ކަމަށެވެ. އެހެންނަމަވެސް މާލޭގެ އެއްތަނަކަށް އެންމެން ތޮއްޖެހި ވިޔަފާރި ކުރުމަކީ ތާއީދުކުރާ ކަމެއް ނޫންކަމަށް ތަކުރާރުކޮށް މޭޔަރު ވިދާޅުވިއެވެ. މަގުމަތީގައި ވިޔަފާރި ކުރަންތިބީ ގަވައިދާ ހިލާފަށް ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ. އަދި ލޯކަލް މާރުކޭޓްގައި ހުސްގޮޅި ހުރިކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް ވިޔަފާރިވެރިން ބުނަމުންދަނީ އެމީހުންނަށް ގަވައިދާ ހިލާފަށް ވިޔަފާރި ކުރުމަށް މަޖުބޫރު ކުރުވަނީ ސިޓީ ކައުންސިލުން ކަމަށެވެ.

މިއީ ގަވައިދާ ހިލާފަށް ވިޔަފާރި ކުރުން ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ގަވައިދާ ހިލާފުނަމަ މިގޮތަށް ވިޔަފާރި ކުރަން މަޖުބޫރު ކުރުވީ ސިޓީކައުންސިލުން
މަގުމަތީގައި ވިޔަފާރި ކުރަމުންދާ ވިޔަފާރިވެރިއެއް

އަތޮޅުތަކުން ގެންނަ ކާބޯތަކެތި ވިއްކުމަށް ދަތުރުވެރިންގެ މާރުކޭޓަކީ މުހިންމު ދައުރެއް އަދާކުރާތަނަކަށް ވާއިރު މިއަހަރުގެ ރަމަޟްން މަހަށް މާރުކެޓް ނުހުޅުވުމަކީ ހަމަގައިމުވެސް އަތޮޅުތަކުގެ ދަނޑުވެރިންނަށް ވަރަށް ބޮޑު ތަކުލީފަކަށް ވާނެ ކަމެއްކަން ޔަގީންނެވެ. މާލޭސިޓީގެ މޭޔަރުގެ ވިސްނުންމިހާރު ހުރީ މާލޭގެ ރައްޔިތުންނަށް ފަސޭހަކަމާއިއެކު ކާބޯތަކެތި ގަނެވޭނެ މަގު ފަހިކޮށްދިނުމަށް މާލެތެރޭގައި މާރުކޭޓްތައް ހެދުމަށެވެ.

އަތޮޅުތަކުން ވިޔަފާރި މދާ ހިފައިގެން އަންނަ ފަރާތްތަކަށް ވަރަށް ދަތިވާނެ މާލެތެރެއަށް ތަކެތި ވިއްކަން ޖެހުމުން . މިހާރުވެސް މާރުކޭޓް މިތަނުގަނެތީމަ އެތަކެތި ހިފައިގެން އަންނަ މީހުންނަށް ވަރަށް ދަތިވޭ. މާލެތެރެއަށް ބަދަލު ކުރާނަމަ އެކަން ސިޓީ ކައުންސިލުން އެ ކުރަނީ ރައްޔިތުންނަށް ޖެއްސުން ކުރަން.
މާލެ މޭޔަރު ޝިފާ މުހައްމަދު

އެހެންނަމަވެސް މާލޭތެރެއަށް އަތޮޅުތަކުން ގެންނަތަކެތި ގެންގޮސްގެން ވިއްކަންޖެހުމުން އެތަކެތީގެ އަގުތައް އުފުލުމުގެ ފުރުސަތު ބޮޑެވެ އަތޮޅުތަކުން އަންނަ އުޅަނދުތަކަށް ފަސޭހައިން މުދާ ބާލާ އެރުވޭނެ ހިސާބުގައި ހުންނަ ދަތުރުވެރިންގެ މާރުކޭޓް ރަމަޟާނަށް ނުހުޅުވުނު ނަމަވެސް ވަގުތީ އެއްވެސް މާރުކޭޓެއް ހެދުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް ޝިފާވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ރަމަޟާން މަހަކީ ޚާއްސަކޮށް އަތޮޅުތަކުން ގެންނަ ކާބޯތަކެތީގެ އަގުތައް އަތްނުފޯރާފަށަށްދާ ދުވަސްވަރަކަށް ވާއިރު، މާލެތެރެއަށް އެތަކެތި ގެންގޮސްގެން ވިއްކަންޖެހުމަކީ ތަކެތީގެ އަގު އިތުރަށް އުފުލުމަށް އޮތް ފުރުސަތެކެވެ. ސަބަބަކީ ބޯޓުން މުދާ ބާލައިގެން ގާޑިޔަލުގައި މާރުކޭޓަށް ގެންދަންޖެހޭ މުދާ މާލެތެރެއަށް ގެންދަންޖެހޭނީ ޕިކަޕް ކުލި ދައްކައިގެން ޕިކަޕެއްގައި ކަމަށްވާތީއެވެ.

މިހެން ވެއްޖެނަމަ މި ރަމަޟާންމަސް ވެގެންދާނީ ރާއްޖޭގެ އުފެއްދުންތައް މާލޭގެ މާރުކޭޓްތަކުން އެންމެ އަގު ބޮޑުކޮށް ލިބެނޭ ފަހަރުކަން ޔަގީނެވެ