އެއްވެސް ރައްޔިތަކަށް އަނިޔާވެރި ނުވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހްއަށް ގޮވާލައްވައިފިއެވެ.

ގާސިމް އިބްރާހިމް މިކަމަށް ގޮވާލެއްވީ، ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ހިންގާ ހަރަކާތުގެ ތެރެއިން، އެ ޕާޓީގެ މައި މަރުކަޒު ކުނޫޒްގައި އަންގާރަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގާސިމް އިބްރާހިމް ވިދާޅުވީ، 80 މިލިއަން ޑޮލަރު ޚަރަދުކޮށްގެން އެއަރޕޯޓްގައި ހަދާ ސީޕްލޭން ޓާމިނަލް ބިލްޑިންގ، ޓްރާންސް މޯލްޑިވިއަން އެއަރވޭޒް، ޓީއެމްއޭއަށް ދޭން އުޅޭތީ އެއަރޕޯޓްގެ ވަރަށް ސީނިއަރ ދެ މުވައްޒަފަކު އެކަމާ ދެކޮޅުހެދުމުން އެ ދެމީހުން ވަޒީފާއިން ވަކިކޮށްފައިވާކަން ނޫސްތަކުން އެނގިވަޑައިގެންނެވި ކަމަށެވެ. އެއީ ވަރަށް ހިތާމަހުރި ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

އެކަން އެގޮތަށް ކުރެއްވިގެން ނުވާނޭ ކަމަށާއި، އެ ދެ މުވައްޒަފުން ވަޒީފާއިން ވަކިކުރި ކުރުން ހަމަ ވަގުތުން އިއާދަކުރުމަށް ގާސިމް އިބްރާހިމްވަނީ ރައީސަށް ގޮވާލައްވާފައެވެ.

"މިއަދު މި އިވެނީ 80 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް ބިލްޑިންގ ޓީއެމްއޭއަށް ދޭންއުޅޭ ވާހަކަ. އެކަމާ އެއަރޕޯޓްގެ ސީނިއަރ ދެ މުވައްޒަފަކު ދެކޮޅު ހެދީމާ އެމީހުން ކަނޑާލައިފި ވާހަކަ އަޅުގަނޑަށް ނޫސްތަކުން މިފެންނަނީ. އަޅުގަނޑު ދަންނަވާނީ ވަރަށް ހިތާމަހުރި ކަމެކޭ. ކޮބާތޯ އެ ވިދާޅުވާ ޑިމޮކްރަސީގެ މާނައަކީ. ކޮބާތޯ ރައްޔިތުންނަށް ޚިޔާލުފާޅުކުރުމަށް ދީފައޮތް ފުރުސަތަކީ. އަޅުގަނޑު އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާލަން، އެއްގޮތަކަށްވެސް އެހެން ނަހައްދަވާށޭ ހަމަ ވަގުތުން މިހާރު އަނބުރާ އިއާދަކޮށް ދެއްވާށޭ އެކަން، އެގޮތަށް ރައްޔިތުންނަށް އަނިޔާވެރި ނުވާށޭ. އިއްޒަތްތެރި މަނިކުފާނު ތިގޮތަށް ކަންތައް ކުރެއްވީމާ އެ އަރައިގަނެވެނީ ކޯޗަކަށްތޯ މަނިކުފާނު ވިސްނާވަޑައި ގަންނަވަން އަޅުގަނޑު އެދެން ވަރަށްބޮޑަށް. އިޚްލާސްތެރިކަމާއެކު ދަންނަވަން، ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެވެނީ، އަސާސީ ހައްގަކަށް ތި އަތްބާނައިގެން އުޅެނީ، އެހެން ނުހައްދަވާށޭ އަޅުގަނޑު ދަންނަވާނީ އަދަބުވެރިކަމާ އެކީގައި"
ގާސިމް އިބްރާހިމް
އަންގާރަ ދުވަހުގެރޭ ކުނޫޒްގައި ބޭއްވި ޖަލްސާގެ ތެރެއިން:

ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ގާސިމް އިބްރާހިމް ވިދާޅުވީ، އެމަނިކުފާނު ސިޔާސީ މައިދާނުގައި މަސައްކަތް ކުރައްވަނީ ރާއްޖޭގެ ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމަށެވެ. މިގައުމުގެ ރައްޔިތުންނަށް ޚިދުމަތެއް ކޮށްދިނުމުގެ ބޭނުމުގަ އާއި، ރައްޔިތުންނަށް ތަނަވަސްކަމާއި އުފާވެރިކަން ގެނެސްދިނުމަށާއި، ރައްޔިތުން އަނިޔާތަކުން ސަލާމަތްކޮށް، އިޖުތިމާއީ އަދާލަތު ދެމެހެއްޓުމާއި، ތައުލީމާއި، ސިއްހީ ޚިދުމަތާއި، އެހެން ކަންކަމުގެ ފުރުސަތުވެސް އެންމެ ފުޅާކޮށް ހޯދަދެވޭތޯ ކަމުގައެވެ.

އެކަންކަން ކުރައްވަމުން ގެންދަވަނީ ފަސްނުޖެހުމެއްނެތި ކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނަށާއި، އެމަނިކުފާނުގެ މުދަލަށާއި އަނބިދަރިންނަށާއި އަދި ގެދޮރަށް ގެއްލުންދިނަސް މަސައްކަތް ހުއްޓާ ނުލައްވާނޭ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"މިދިޔަ ސަރުކާރުން އަޅުގަނޑުމެންގެ އެތައް އެހްރީމެންޓެއް ކެންސަލްކޮށް އެތައް ރަށެއް ނަގައި ވަކިކުރަމުން ގެންގޮސް އަޅުގަނޑު ޖަލަށްލައި ދަރިފުޅު ޖަލަށްލައި ރާއްޖޭގެ އެއްވެސް ރަށަކަށް އަޅުގަނޑުމެންނަށް އެއްވެސް އެއްޗެއް އިމްޕޯޓްކުރިޔަނުދީ، ނުހައްގުން ދިން އަނިޔާ މީހަކަށް ދުލުން ބުނަން ނޭނގޭވަރުގެ ބޮޑު އަނިޔާ އެއީ"
ގާސިމް އިބްރާހިމް

ގާސިމް އިބްރާހިމް ވިދާޅުވީ، އެމަނިކުފާނަށް ދިން އަނިޔާތަކުގެ ތެރެއިން ވިލާ އެއަރގެ ފްލައިމީއަށް ލިބުނު ގެއްލުން އެކަނިވެސް ސާޅީސް މިލިއަން ޑޮލަރަށް އަރާ ކަމަށެވެ.

"އަޅުގަނޑުމެން ގަނެފައޮތް މުޅިން އާ ދެބޯޓު، ފްރާންސްގެ ތުލޫސްގެ ފެކްޓަރީން ސީދާ އައި ދެބޯޓް އަޅުގަނޑަށް މިތަނުން އަނބުރާ ފޮނުވާލަން ޖެހުނީ. ހައްގުން ކަމަކާ ނުލާ އެކައުންޓްތައް ފްރީޒްކޮށްގެން ފައިސާ ދެއްކޭނެ ގޮތެއް ނެތިގެން، އިންސްޓޯލްމަންޓަށް ފައިސާ ނުދެއްކިގެން އެމީހުން އައިސް ދައުވާކުރާ ހިސާބަށް ދިޔާމަ އަޅުގަނޑުމެން ދޫކޮށްލީ. ކީއްތޯ ކުރާނީ، އޭރު 19 މިލިއަން ޑޮލަރު ދައްކައިފިން، ބާކީ 21 މިލިއަން ޑޮލަރު މިހާރު ދައްކާ ނިންމައިފިން" ގާސިމް

ގާސިމް އިބްރާހިމްގެ ވާހަކަފުޅުގައި ވިދާޅުވީ، ސާޅީސް މިލިއަން ޑޮލަރު އެއާއެކީ ދިޔައިރު އެއީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމަށް ލިބުނު ވަރަށްބޮޑު އަނިޔާއެއް ކަމަށެވެ.

"އަޅުގަނޑުމެން އަދޭސްކޮށް ޗާޓަރަކަށްވެސް ރާއްޖޭގެ އެހެން އެއަރޕޯޓަކަށް ދާކަށް އަޅުގަނޑުމެންނަކަށް ހުއްދައެއް ނުލިބުނު، އައިލެންޑް އޭވިއޭޝަނަށް ސީލް ޖަހާފަ. މިއީ، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދިޔަ ނިކަމެތިކަމެއް. ވިލާ އެއަރ ދަތުރުތައް ފެށީމާ އައިލެންޑް އޭވިއޭޝަން އައްޑުއަތޮޅަށާއި ފުވައްމުލަކަށާއި ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ކުރަމުންދިޔަ ދަތުރުތަކުގެ އަގު ތިރިވެގެންދިޔަކަން އެއީ ރާއްޖޭގެ ރައްޔިތުން އުފަލާއެކު ފާހަގަކުރާ ކަމެއް. އެކަމަކު އަޅުގަނޑުމެންނަށް ހުއްޓާލަން މަޖުބޫރުވެގެންދިޔަ މިދެންނެވިފަދަ އުނދަގޫތަކާ ދިމާވެ ހުއްޓާލުމުން އަގު ބޮޑުވެގެންދިޔަ ތަންވެސް ފެނުނު. އެއީ، ރައްޔިތުންގެ ކުންފުނި. ރައްޔިތުންނަށް ހެޔޮއެދިގެން އިޚްލާސްތެރި ވެރިކަމަށްކުރާން ހުރި މީހާގެ އަމަލުތައް ހުރިގޮތް. ވިސްނުން ބައްޓަންވެފަ ހުރިގޮތް. އަޅުގަނޑު ދަންނަވާލަން މިއުޅެނީ، އައިލެންޑް އޭވިއޭޝަނަކީ ސަރުކާރުގެ ކުންފުޏެއްކަމުން ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް ސަރުކާރުން ސަބްސީޑީ ދީގެނާއި އެގޮތް މިގޮތުން އެކަންކުރޭ. މިއަދުވެސް ސަބްސީޑީދޭ. އޮބިނޯވެގެން ދާއިރުވެސް އެހެން ބަޔަކަށް ކަމެއް ކުރުމުގެ ފުރުސަތު ދިނުމެއްނެތް"
ގާސިމް