ހައިރައިޒުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މޯލްޑިވްސް ލިވިން އެކްސްޕޯ މިއަހަރުގެ ފެބްރުއަރީ 27 އިން 29 އަށް ބާއްވަން ނިންމައި، އެކްސްޕޯގެ ޕާޓްނަރުންނާއެކު ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި 8 ވަނަ ލިވިން އެކްސްޕޯގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑެވެ. ކޯ ސްޕޯންސަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އަލްޓެއަރ އަދި އަކުއާ ވިޓާ ރެޒިޑެންސްއެވެ.

ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ 8 ވަނަ ލިވިން އެކްސްޕޯއާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން ހައިރައިޒްގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު ޝާމިން ވިދާޅުވީ މިއަހަރުގެ ލިވިން އެކްސްޕޯ ކުރިއަށްދާނީ ފާއިތުވި 7 އަހަރާ ވަރަށް ތަފާތުކޮށް ކަމަށެވެ. އެގޮތުން މިފަހަރުގެ ލިވިން އެކްސްޕޯގައި ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓާކައި ދަރުބާރުގޭގައި އެކްސްޕޯ ބާއްވަން ނިންމާފައިވާ ކަމަށް ޝާމިން ވިދާޅުވިއެވެ.

މިފަހަރުގެ ލިވިން އެކްސްޕޯގައިވެސް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގެދޮރާ ބެހޭ މައުލޫމާތާައި، ގެދޮރު ގަންނަން ބޭނުންވާ އެހެނިހެން ސާވިސް ޕްރޮވައިޑަރސްގެ މައުލޫމާތުތައް ލިބިގެންދާނެ ކަމަށް ޝާމިން ވިދާޅުވިއެވެ.

މޯލްޑިވްސް ލިވިން އެކްސްޕޯގައި އެބަ ބައިވެރިވޭ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެޕާޓްމެންޓްތަކާއި، ރެޒިޑެންޝަލް ސާވިސްތަކާއި، އަދި ލިވިން އެންޑް ލައިފްސްޓައިލް ޕްރޮޑަކްޓްސްތަކާއި، ގޭގެއަށް ބޭނުންވާ ހުރިހާ ސާމާނަކާއި، ސެކިއުރިޓީ ފެސިލިޓީސްތަކާއި، އަދި ރާއްޖޭގައި ހުރި މިކަމަށް ބޭނުންވާ ހުރިހާ ސާވިސްތަކާ ފެސިލިޓީސްތައް ހިމެނޭ ގޮތަށް އެއް ޕްލެޓްފޯމެއްގައި ހިމެނޭ އެގްސްހިބިޝަންއެއް މި އެގްސްހިބިޝަންއަކީ.
ޝާމިން

ލިވިން އެކްސްޕޯއާ ގުޅޭގޮތުން ހައިރައިޒްގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް މާކެޓިން މަރިޔަމް މާއިޝާ ވިދާޅުވީ މިއަހަރުގެ އެކްސްޕޯގެ ޚާއްސަ ކަމެއްގެ ގޮތުގައި ބޭރުގެ ގައުމުތަކުގަވެސް މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވާއިރު، މިފަހަރުގެ އެކްސްޕޯގައި ސްރީލަންކާ އަދި މެލޭޝިޔާގެ ބައެއް ކުންފުނިތަކުގެ އުފެއްދުންތައް ފެނިގެންދާނެ ކަމަށެވެ.

ރާއްޖޭގެ ޕްރޮޕަރޓީސް އެކަންޏެއް ނޫން ފެނިގެންދާނީ. ރާއްޖެއިން ބޭރުގެ ސްރީލަންކާގެ އެއްބައި ޕްރޮޕަރޓީސް އަދި މެލޭޝިޔާގެ ޕްރޮޕަރޓީސްވެސް ފެނިގެންދާނެ. އެހެންވީމަ ހުރިހާ ބޭފުޅުންނަށްވެސް ގެދޮރާ ބެހޭ މައުލޫމާތު، އަދި ގެދޮރު ގަންނަން ބެނުންވާ އެހެނިހެން ސާވިސް ޕްރޮވައިޑަރސްގެ މައުލޫމާތު އެއް ޕްލެޓްފޯމެއްގެ ދަށުން ހަމަ ލިބިގެންދާނެ ރަނުގެ ފުރުސަތެކޭ އަޅުގަނޑު ބުނެލަން އޮތީ.
މާއިޝާ

އެހެންކަމުން ފެބްރުއަރީ 27 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ލިވިން އެކްސްޕޯ މެދުވެރިކޮށް ގެދޮރާ ބެހޭ ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށް ހައިރައިޒުން ބުނެއެވެ. އަދި މިފަހަރުގެ އެކްސްޕޯގައިވެސް މިދާއިރާގައި ފުންނާބު އުސް ގިނަ ފަރާތްތަކަކުން ބައިވެރިވާނެ ކަމަށް ހައިރައިޒުން މައުލޫމާތުދެވެއެވެ.