ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިންތިޒާމުކޮށްގެން ބާއްވާ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗުތަކުން ޖޭޖޭ ސްޕޯޓްސް އާއި ސުޕާ ޔުނައިޓެޑް މޮޅުވެއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު ގްރޫޕު އެކެއްގެ މެޗުން ޖޭޖޭ ސްޕޯޓްސް މޮޅުވެފައިވަނީ 19 އަހަރުން ދަށުގެ ޒުވާން ގައުމީ ޓީމާ ވާދަކޮށް 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައެވެ. އަދި ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބިގެންދިޔައެވެ.

މިއީ ރާއްޖޭގެ ގައުމީ ޓީމެއް ދެވަނަ ޑިވިޝަނުގައި ވާދަކުރަން ފެށި ފުރަތަމަ ފަހަރެވެ. ދެވަނަ ޑިވިޝަނުގައި ޒުވާން ޓީމު ބައިވެރިކުރަން އެފްއޭއެމުން ނިންމީ ޒުވާން ކުޅުންތެރިންނަށް ވާދަވެރި މެޗުތަކެއް ހޯދައިދިނުމުގެ ގޮތުންނެވެ. ޒުވާން ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށް ކުޅޭ ކުޅުންތެރިންނަށް ވެސް އެ ކްލަބުތަކުން ރިލީޒް ހޯދައިގެން ދެވަނަ ޑިވިޝަނުގައި ކުޅެވޭ ގޮތަށް އެފްއޭއެމް އިން ވަނީ ހަމަޖައްސައިފައެވެ.

މެޗުގައި ޖޭޖޭ ޓީމުން ކާމިޔާބުކުރި ހަމައެކަނި ގޯލު ފުރަތަމަ ހާފު ނިމެން ކަައިރިވެފައި ވަނިކޮށް ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރީ އަހުމަދު ހުނައިފްއެވެ. ދެވަނަ ހާފުގައި ގައުމީ ޓީމުގެ ފަރާތުން ވަނީ ގިނަ ހަމަލާތަކެއް ފެނިގެންގޮސްފައެވެ. އެގޮތުން މެޗުގެ 67 ވަނަ މިނެޓުގައި ހަިޝަމް ރަޝީދަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.

ޖޭޖޭ ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ވަނީ ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) ގެ މައްޗަށް ކުރިހޯދާފައެވެ.

ސުޕަ ޔުނައިޓެޑާއި ސިފައިން ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: އެފްއޭއެމް

ސުޕަ ޔުނައިޓެޑުން ކުޅުނު މެޗު އެ ޓީމު ކާމިޔާބުކުރީ ދިވެހި ސިފައިންގެ ކުލަބާއި ވާދަކޮށް 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާފަައިވަނީ ސިފައިންނެވެ. ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން ހާފިޒް އެވެ. ނަމަވެސް ސިފައިންނަށް ލީޑު ހިފަހައްޓައިލެވުނީ މިނެޓަކަށެވެ. ސުޕަ ޔުނައިޓެޑުގެ އަލީ ޝިފާއު ވަނީ 29 ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

ފުރަތަމަ ހާފު ނިމުނީ ދެޓީމު 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ. ސިފައިންގެ ޓީމުން ދެވަނަ ހާފު ފެށީ ފުރަތަމަ ހާފަށްވުރެ ވަރުގަދަކޮށެވެ. ދެވަނަ ފަހަރަށް ލީޑު ނަގަން އެ ޓީމުން މިހާފުގެ ކުރީކޮޅު ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭ ގޮތެއްނުވި އެވެ. ނަތީޖާއަކަށްވީ މެޗުގެ 76 ވަނަ މިނެޓުގައި އާދަމް ނިޒާމް ކާމިޔާބުކުރި ލަނޑުން ސުޕަ ޔުނައިޓެޑުން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގުމެވެ.

މެޗު ނިމެން ފަސްވަރަކަށް މިނެޓަށް ވެފައިވަނިކޮށް ސުޕަ ޔުނައިޓެޑުން ވަނީ އިތުރު ގޯލެއް ޖަހާ ލީޑު ފުޅާކޮށްފަައެވެ. މި ގޯލުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އާދަމް ނިޒާމް އެވެ.

ދެވަނަ ޑިވިޝަނުގެ މެޗެއް ދެން ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގައެވެ. އެ ދުވަހުގެ ރޭ ކުޅޭ މެޗުގައިި ބައްދަލުކުރާނީ ގްރޫޕް ދޭއްގެ ދެ ޓީމު ކަމަށްވާ ކުލަބް ޕީކޭ އާއި ކުޑަހެންވޭރު ޔުނައިޓެޑެވެ.