މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާ ތަޖުރިބާކާރު ފޯވަޑް ސާޖިއޯ އަގުއެރޯ ކާމިޔާބުކުރީ ގޯލާއެކު އިނގިރޭސި ޕްރިމިއަރ ލީގުގައި ޝެފީލްޑް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެއްޖެއެވެ.

ޝެފީލްޑުގެ ދަނޑުގައި އެ ޓީމުގެ މައްޗަށް ހޯދި އުނދަގޫ މޮޅާއެކު ސިޓީ ވަނީ ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލާއި ދެމެދު އޮތް ޕޮއިންޓުގެ ފަރަގު 13 ޕޮއިންޓަށް ކައިރިކޮށްފައެވެ. ދެ މެޗު މަދުން ކުޅެގެން ލިވަޕޫލް އޮތީ 64 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ސިޓީ އޮތީ 51 ޕޮއިންޓާއެކުގައެވެ.

މި މެޗުގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އަނިޔާއިން ރަނގަޅުވެ އެނބުރި ޓީމާއި ގުޅުނު ފްރާންސްގެ އުއްމީދީ ޑިފެންޑަރ ލަޕޯޓް ހިމަނާފައެވެ. އޭނާއަށް އަނިޔާވެފައިވަނީ މިދިޔަ އޯގަސްޓް މަހު ބްރައިޓަން އާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. ނަމަވެސް މި މެޗުގައި އޭނާއަށް މާ އެދެވޭ ކުޅުމެއް ދެއްކޭގޮތެއް ނުވިއެވެ. ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ ލަޕޯޓް ޓީމުގައި ހިމެނުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ފުރަތަމަ ހާފުގައި ދެޓީމަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ގިނަވަގުތު ބޯޅަ ހިފަހައްޓާ ، ހަމަލާ އުފައްދާފައިވަނީ ސިޓީއެވެެ. ނަމަވެސް މި ހާފުގައި ގޯލެއް ކާމިޔާބެއް ނުކުރެވެއެވެ. ފުރަތަމަ ހާފުގައި ފޯވާޑް ލައިން ހަމައަކަށް އަޅުވަން ސިޓީން ވަނީ އެ ޓީމުގެ އާޖެންޓީނާ ތަރި ސާޖިއޯ އަގުއެރޯއަށް ފުރުސަތު ދީފައެވެ. ގެބްރިއަލް ޖީސަސްގެ ބަދަލުގައި އަގުއޭރޯ ކުޅެން އެރުމާއެކު ޓީމުގެ ފޯވާޑް ލައިނަށް އިތުރު ފުރުސަތުތަކެއް ތަނަވަސްވެގެންދިޔައެވެ. އަދި އެ ޓީމުގެ ހަމަލާތައް އިތުރަށް ނުރައްކާވިއެވެ.

ދެވަނަ ހާފުގައި ސިޓީން ގޯލު ޖަހާފައިވަނީ މެޗުގެ 73 ވަނަ މިނެޓުގައެވެ. އަގުއޭރޯ މި ގޯލު ކާމިޔާބުކުރީ ކެވިން ޑިބްރޭނާ ދިން ހިތްގައިމު ޕާހަކުންނެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ހޯދި މި މޮޅާއެކު މެންޗެސްޓަރ ސިޓީއަށް ދެން ކުރިޔަށްއޮތީ އިނގިރޭސި އެފްއޭ ކަޕުގައި ފުލަމް އާއި ދެކޮޅަށް ކުޅޭ މެޗެވެ. މިއީ އެފްއޭ ކަޕުގެ ހަތަރުވަނަ ބުރުގެ މެޗެކެވެ.