އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި އާސެނަލް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 28 ވަނަ މިނެޓްގައި ރެފްރީ ވަނީ ޗެލްސީގެ ފޯވާޑް ޓެމީ އަބްރަހަމް އަށް ކުރި ފައުލަކާ ގުޅިގެން އާސެނަލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒް އަށް ރަތްކާޑު ދެއްކުމަށްފަހު ޗެލްސީ އަށް ޕެނަލްޓީއެއް ދީފައެވެ. އެގޮތުން އެ ޕެނަލްޓީ ކާމިޔާބުކޮށްދީ ޗެލްސީ އަށް ލީޑު ނަގައިދިނީ ޖޯޖީނިއޯއެވެ.

މި ގޯލަށްފަހު ޗެލްސީ އަށް މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައި ނުވާއިރު މެޗުގެ 63 ވަނަ މިނެޓްގައި އާސެނަލް އިން އުފެއްދި ކައުންޓަ އޭޓޭކެއްގައި އެޓީމުގެ ޒުވާން ފޯވާޑް މާޓިނެއްލީ ވަނީ އާސެނަލް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި ގޯލަށްފަހު އާސެނަލް އިން ވަރަށް ޑިފެންސިވްކޮށް ކުޅެމުންދަނިކޮށް މެޗުގެ 84 ވަނަ މިނެޓްގައި ސެޒާ އަޒްޕެލިކުއެޓާ ވަނީ ޗެލްސީ އަށް އަލުން ލީޑު ނަގާދީފައެވެ. ނަމަވެސް އޭގެ ތިން މިނެޓްގައި ހެކްޓަ ބެލެރިން ވަނީ އާސެނަލް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގެ ފަހު ވަގުތުކޮޅުތެރޭ އަލުން ލީޑު ނަގަން ޗެލްސީގެ ފޯވާޑް މިޗީ ބަޓްޝުއާ އަށް މުޅިން ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މި ނަތީޖާއާއެކު ލީގުގެ ހަތަރުވަނައިގައި ޗެލްސީ މިހާރު އޮތީ 40 ޕޮއިންޓާ އެކުއެވެ. އާސެނަލް އޮތީ 30 ޕޮއިންޓާ އެކު ލީގުގެ 10 ވަނައިގައެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ފަހަތުން އަރައި ނިއުކާސަލް ޔުނައިޓެޑުން 2-2 އިން އެވަޓަންއާ އެއްވަރުކުރިއިރު އެސްޓަންވިލާ އިން ވަނީ ފަހު މިނެޓްގައި 2-1 އިން ވޮޓްފޯޑް ބަލިކޮށްފައެވެ.