ޗުއްޓީއަށް ރާއްޖެ ވަޑައިގެން އުޅުއްވާ ދުނިޔޭގެ ޓޭބަލް ޓެނިހުގެ މައި އިދާރާ ކަމަށްވާ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) ގެ ރައީސް ތޯމަސް ވެއިކާޓް ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފްއާއި ބައްދަލުކުރައްވައިފިއެވެ.

މިކަމަށްޓަކައި ޔޫތު މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ޓީޓީ އެސޯށިއޭޝަނުގެ އިސްވެރިންނާއި ކޯޗުން ވަނީ ބައިވެރިވެފައެވެ. މިއީ ދުނިޔޭގެ ޓީޓީގެ މައި އިދާރާގެ ރައީސް ރާއްޖޭގެ ކުޅިވަރާބެހޭ އިސް ފަރާތްތަކާއި ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

ތޯމަސް ރާއްޖެ ވަޑައިގަތީ ޗުއްޓީއަށެވެ. ނަމަވެސް އޭނާ ރާއްޖޭގެ ޓީޓީގެ އިސް ފަރާތްތަކާއި ބައްދަލުކުރެއްވުމަށް ނިންމަވާފައިވަނީ އަމިއްލަ އިސްނެންގެވުމަކުންނެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ މަހުލޫފު ވަނީ ރާއްޖޭގެ ޓީޓީ އޮތް ހާލަތު ބަޔާންކޮށްދީފައެވެ. އަދި ރާއްޖެއިން ހޯދާފައިވާ ބައިނަލްއަޤްވާމީ ކާމިޔާބީތަކާއި ރާއްޖޭގައި އަރަމުންއަންނަ ހުނަރުވެރި ކުޅުންތެރިންގެ މައުލޫމާތުތައް ފެޑެރޭޝަނުގެ ރައީސްއާއި ވަނީ ހިއްސާކުރައްވާފައެވެ. އަދި ރާއްޖޭގައި ޓީޓީ އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ބައިނަލްއަޤްވާމީ ކުޅިވަރު މައިދާނުގައި ރާއްޖެއިން ވާދަކުރާ ކުޅިވަރުތަކުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ޓީޓީ އެވެ. ހާއްސަކޮށް ރާއްޖޭގެ އަންހެން ޓީޓީ ޓީމު ވަނީ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ރާއްޖެއަށް ފުރަތަމަ ފަހަރަށް ރަން މެޑަލް ހޯދަދީފައެވެ. އަދި ސަރަހައްދީ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ޓީމު އިވެންޓުން ވަނީ ލޯ މެޑަލް ހޯދާފައެވެ.

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވުމާއެކު އެކަމުގެ ތައްޔާރީތަކުގެ ވާހަކަތައްވެސް މިނިސްޓަރ ވަނީ ފެޑެރޭޝަނުގެ ރައީސްއާއި ހިއްސާކުރައްވާފައެވެ.