ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ކުވެއިތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި ކުވެއިތުގެ ބައެއް ޖަމުޢިއްޔާތަކާ ބައްދަލުކުރައްވާ، ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމާއި އިތުރުން ޤުރްއާން އަދި ޢަރަބި ކިޔަވައިދޭ މުދައްރިސުން ހޯދުމާއި، ދީނީ އެއްބައިވަންތަކަމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އެކި ގޮތްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އާދިއްތަ ދުވަހު ކުވައިތުގެ އަލްޖެރީ ހޯލްޑިންގް ގްރޫޕްގެ ދަށުން ހިންގާ 20 ސްކޫލްގެ ތެރެއިން އަޖިއަލް ބައިލިންގުއަލް ސްކޫލަށާއި، އެމެރިކަން ޖަރމަން ސްކޫލަށް ޒިޔާރަތްކުރައްވައި، އެ ސްކޫލްތަކުގައި ހުރި ވަސީލަތްތައް ބައްލަވާލައްވާފައެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި އަލްޖެރީ ހޯލްޑިންގް ގްރޫޕްގެ ފަރާތުން ވަނީ ރާއްޖޭގެ ސްކޫލްތަކަށް 40،000 ފޮތް ހަދިޔާކުރައްވާފައެވެ.

މީގެއިތުރުން އަލްޖެރީ ހޯލްޑިންގް ގްރޫޕްގެ ފަރާތުން ވަނީ އިސްލާމިކް މިނިސްޓްރީއަށް 10،000 މުސްހަފް ހަދިޔާކުރައްވައި، ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ މަރުކަޒެއް ޤާއިމުކުރުމަށް ޝައުޤުވެރިވާކަން ފާޅުކުރައްވާފައެވެ

ފޮޓޯ: ރައީސް އޮފީސް

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކެމްބްރިޖް އިންގްލިޝް ސްކޫލު- މަންގަފް އާއި އުންމުލް ގުރާ ސްކޫލާއި އެ ސްކޫލުގެ ރިހިބިލިޓޭޝަން ސެންޓަރަށްވެސް ޒިޔާރަތް ކުރައްވާފައެވެ. މިދެ ސްކޫލަށް ކުރެއްވި ޒިޔާރަތުގައި އެ ސްކޫލުތައް ބައްލަވާލެއްވުމުގެ އިތުރުން އެތަންތަނުގައި ބޭނުންކުރާ ވަސީލަތްތަކާބެހޭ މައުލޫމާތު ވަނީ ހޯއްދަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުވައިތަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު އާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ، ޑޮކްޓަރ މުސްތަފާ ލުތުފީ ބައިވެރިވެވަވަޑައިގެންނެވިއެވެ،

މި ޒިޔާރަތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރް އަޙްމަދު ޒާހިރު ވަނީ ކުވެއިތުގެ ބައިތުލް ޒަކާތުގެ އިސް ބޭފުޅުންނާ ވެސް ބައްދަލުކުރައްވާފަ އެވެ.