އެމްޑީޕީ އާއިއެކު ރިޔާސީ އިންތިޚާބަށް ކޯލިޝަން ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި އާދޭހާއި ޖެހި ސަލާންހަނދުމަފުޅު ނެތީތޯ ސުވާލުކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނަޝީދަށް ފާޑުވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ހިންގާ ހަރަކާތުގެ ތެރެއިން، އެ ޕާޓީގެ މައި މަރުކަޒު ކުނޫޒްގައި އަންގާރަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ ކޯލިޝަނެއް އުފެއްދުމަށްޓަކައި ރައީސް ނަޝީދު ޖެއްސެވި ސަލާމް މިހާރު ހަނދުމަފުޅު ނެތް ކަމަށެވެ. ގާސިމް ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަށް ކަމެއް ނުކޮށްދެވިގެން އުޅެނީ ކޯލިޝަނާ ހެދިކަމަށް ނަޝީދު ވިދާޅުވާއިރު، މި ސަރުކާރު ލިބުނު ގޮތްވެސް ހަނދާން ކުރަންޖެހޭނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ތިލަދުންމައްޗަށް ވަޑައިގެން ހއ. އިހަވަންދޫގައި ވާހަކަފުޅުދައްކަވަމުން ރައިސް ނަޝީދު ވަނީ އެމްޑީޕީގެ އާންމު މެމްބަރުންނަށް ހައްގު މިންވަރު ނުލިބެނީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ބައި އަޅަންޖެހޭތީ ކަމަށާ އެމްޑީޕީ ވެރިކަމުގައި އޮތް ނަމަވެސް އެ ޕާޓީގެ އާއްމު މެމްބަރުންނަށް ހިތްހަމަޖެހުން ނުލިބުމުގެ ސިއްރަކީ ކޯލިޝަން ކަމަށް ވިދާޅުވެފައެވެ.

މިވާހަކައަށް ރައްދުދެއްވާ ގާސިމް ވިދާޅުވީ މަޖިލީހުގެ ރައީސަކީ ހަތަރު ލައްކައެއްހާ ރައްޔިތުންގެ ހައްގުތައް، އޮށްވަޅު ގޮނޑިއެއްހެން ބަހާލަން ހުރި މަގާމެއްތޯ ސުވާލު އުފައްދަވާފަ އެވެ. ގާސިމް ވަނީ މަޖިލީހުގެ ރައީސަކަށް ހުންނަވައިގެން ރައްޔިތުންގެ ހައްގުތަކަށް ރައީސް ނަޝީދު އަރައިގަންނަވާއިރު އެއީ އިންސާފުތޯ ސުވާލު ކުރައްވާފައެވެ. އަދި ނަޝީދު މަސައްކަތްޕުޅު ކުރެއްވުމުގައި ގާނޫނީ އިން ކޮބައިތޯ އެއްސެވިއިރު އެއިން އެއްވެސް ތާކު އެއްވެސް ކަމެއް ނުޖެހޭ ކަމަށް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ ރައްޔިތުން ނިކަމެތިވާ ގޮތަށް ރައީސް ނަޝީދު ވާހަކަދައްކާއިރު އިންސާފާއި ގާނޫނުގެ ހުދޫދެއް ވެސް ނެތް ކަމަށެވެ.