ރޯމާ އަތުން ހޯދި ފަސޭހަ މޮޅާއެކު އިޓާލިއަން ކަޕުގެ ކުއާޓާފައިނަލުގައި ޔުވެންޓަސްއިން މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ރޯމާގެ މައްޗަށް ޔުވެންޓަސް އިން ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޔުވެންޓަސްގެ ފަރާތުން ފެނިގެންގޮސްފައިވަނީ މޮޅު ކުޅުމެކެވެ. ހާއްސަކޮށް ފުރަތަމަ ހާފުގައި އެ ޓީމުގެ ކުޅުން ފާހަގަކޮށްލެވެއެވެ.

މެޗުގައި ޔުވެންޓަސްގެ ތިން ގޯލުވެސް ފެނިގެންގޮސްފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ 26 ވަނަ މިނެޓުގައި ގޮންޒާލޯ ހިގުއެން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޔުވެންޓަސްގެ ފުރަތަމަ ލަނޑު ޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ ޔުވެންޓަސް ޖާޒީގައި ރޮނާލްޑޯ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި އޭނާ ކާމިޔާބުކުރި ހަތް ވަނަ ލަނޑެވެ.

މެޗުގެ 38 ވަނަ މިނެޓުގައި ޑަގްލަސް ކޮސްޓާ ދިން ބޯޅައަކުން ރޮޑްރީގޯ ބެންޓަންކާ ޔުވެންޓަސްގެ ލީޑު ފުޅާކޮށްދިން އިރު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކޮސްޓާ އުފެއްދި ހަމަލާއެއްގައި ޔުވެންޓަސްގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ލިއޮނާޑޯ ބޮނޫޗީ އެވެ.

ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ލީޑު ފުޅާކުރަން ޔުވެންޓަސް އަށް ހުސް ފުރުސަތެއް ލިބިގެންދިޔަ އެވެ. ނަމަވެސް ހިގުއެން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ދެ މިނެޓު ފަހުން ހިގުއެން އަތުން ބައިކޮޅަށް ވަން ލަނޑުން ފަރަގު ކުޑަވެގެންދިޔަ ނަމަވެސް އެޓީމުގެ ގޯލު ދެވަނަ ފަހަރަށް ފޫއަޅުވާމުގެ ފުރުސަތު ރޯމާ އަށް ޔުވެންޓަސް އިން ދީފައިނުވެއެވެ.

މުބާރާތުގެ ސެމީފައިނަލުގައި ޔުވެންޓަސް ވާދަކުރާނީ އޭސީ މިލާން އާއި ޓޮރީނޯ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މިލާންގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ އެ މެޗު އޮންނާނީ މިރޭ އެވެ.