ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމުަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ސިފައިންގެމީހާ ފުލުހުންގެ ހައްޔަރަށް ގެންދިޔަ ވަގުތުން ފެށިގެން ސަސްޕެންޑު ކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ 15 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ މައްސަލައެއްގައި ސިފައިންގެ ދެމީހެއްގެ ނަން މަޖިލީހުގެ މެމްބަރަކު ފުލުހުންގެ އިދާރާއަށް ހުށައަޅާފައިވާ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވާ ކަމަށެވެ. އަދި އެދެމީހުންނަކީ ކޮންމެ ބައެއްކަން ސާފުކޮށްދިނުމަށް 18 ޖެނުއަރީ ވީ ދުވަހު ފުލުހުންގެ އިދާރާގައި އެދިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެހެންކަމުން 22 ޖެނުއަރީ ވީ ދުވަހުގެ ރޭ 8:00 ގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއްގައި ސިފައިންގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމުގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ގަވައިދުގައިވާ ގޮތުގެމަތިން ކަމާބެހޭ ކޮމިޓީތަކާ ބައްދަލުކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ސިފައިންގެމީހާ ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން ބުނީ މިމައްސަލާގައި ހިމެނޭ ދެވަނަ ސިފައިންގެމީހާ މިމައްސަލާގައި ހިމެނޭކަމެއް ނުވަތަ ނޫންކަމެއް އެމްއެންޑީއެފަށް އަދި ސާފުވެފައި ނުވާ ކަމަށެވެ. އަދި މި މައުލޫމާތުތައް ފުލުހުންގެ އިދާރާއާ ހިއްސާކޮށްފައިވަނީ ކޮން ތާރީހެއްގައި ކަމެއްވެސް އެމްއެންޑީއެފަށް ސާފުވެފައި ނުވާ ކަމަށްވެސް އެ މުއައްސަސާއިން ބުނެފައިވެއެވެ.

މީގެއިތުރުން މިފަދަ މައުލޫމާތެއް މަޖިލީހުގެ މެމްބަރަކަށް ލިބި އެމްއެންޑީއެފް ނުވަތަ ފުލުހުންގެ އިދާރާއަށް ހިއްސާކުރެއްވިނަމަ އެ މުއައްސަސާގެ ގަވައިދުތަކުގެމަތިން މިކަމާމެދު ފިޔަވަޅު އެޅޭނެ ކަމަށް އެމްއެންޑިއެފުން ބުނެފައިވެއެވެ. މިކަން ސީދާ އެ މުއައްސަސާއާ ހިއްސާކުރައްވާފައި ނުވާތީ އެކަމާ ނުހަނު ހިތާމަކުރައްވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.