ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރަމުންދާތާ މިހާރު މިވަނީ ދުވަސްތަކެއް ވެފައެވެ.

އެމަސައްކަތް އެންމެ ފުރަތަމަ ފެށުމަށް އެއްބަސްވި ތާރީހު ފަހަނައަޅައި ދިޔުމަށްފަހު، އެމަސައްކަތް ފެށިފައިވަނީ ފެށުމަށް ނިންމި ތާރީހުގެ ހަފްތާއެއްހާ ދުވަސް ފަހުން މިދިޔަ ޑިސެމްބަރު މަހުުގެ ހަތަރުވަނަ ދުވަހުއެވެ.

މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖާއި، ސަގާފީ ތަރިކަ ރައްކާކުރާ ގައުމީ މަރުކަޒާއި، ސްޓޭޓް ޓްރޭޑިން އިލެކްތްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

އެއްބަސް ވުމުގައިވާ ގޮތުން މަސައްކަތް ފެށުމަށް ހަމަޖައްސާފައި އޮތީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އެހެންނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން މަސައްކަތް ފެށުނީ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުއެވެ.

މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެއްބަސްވުމުގައިވާ ގޮތުން މިނިސްޓްރީ އާއި ސަގާފީ ތަރިކަ ރައްކާކުރާ މަރުކަޒާއި ސްޓެލްކޯ ގުޅިގެން ކުރިއަށް އޮތް 4 އަހަރު މާލޭ ހުކުރުމިސްކިތުގެ ގޯތިތެރޭގައި ހުރި 4 ފެންވަޅާއި މުންނާރުގެ އާބާތުރަ ފިލުވައި، މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެއެވެ.

މި މަސައްކަތަށް ޚަރަދުކުރަމުން ދަނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒާއި ސްޓެލްކޯ ގުޅިގެންނެވެ. އަދި މަސައްކަތް ކުރަމުންދާއިރު ސްޓެލްކޯގެ ވަސީލަތްތައް އަންނަނީ ބޭނުންކުރަމުންނެެވެ.

މަސައްކަތް ފެށިފަހުން، މިހާރު ގާތްގަނޑަކަށް ދެމަސްދުވަސް ވާން ގާތްވެފައިވާއިރު، މިމަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ވަނީ ބުނެފައެވެ.

މުންނާރުގެ އާބާތުރަ ފިލުވުމުގެ ތެރެއިން، އުވަ ޖެހުމުގެ މަސައްކަތް މިމަހުގެ 19 ވަނަ ދުވަހު ނިމިފައިވާކަމަށް ވީނިއުސްއަށް މައުލޫމާތު ދެމުން މިނިސްޓްރީގެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

އަދި މިހާރު ދަނީ މުންނާރުގެ އެކި ބައިތަކުގައި ކުލަލުމުގެ މަސައްކަތްކަމަށް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ. އެގޮތުން މުންނާރުގައި ކަނޑާފައި ހުރި އަކުރުތަކާއި މުންނާރުގެ ވަށައިގެން ހުންނަ ބަންދުތަކުގައި ކުލަލުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެކަމަށް މިނިސްޓްރީގެ އޮފިޝަލް މައުލޫމާތު ދިނެވެ.

ކުލަލުމުގެ މަސައްކަތް ނުނިމި ލަސްވަނީ ކީއްވެތޯ ސުވާލުކުރުމުން އޮފިޝަލް ވިދާޅުވީ، މަސައްކަތް ނުނިމި ލަސްވަނީ ދޭތެރެ ދޭތެރެއިން ވާރޭ ވެހޭތީކަމަށް ވިދާޅުވިއެވެ. މޫސުން ރީތި ކަމުގަައިވާނަމަ ހޮނިހިރު ދުވަހުވެސް މަސައްކަތް ނިންމާލެވޭނެ ކަމަށް ވިދާޅުވިއެވެ.

ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފެށިއިރު، މުންނާރަށް ހުރީ ވަރަށް ބޮޑެތި ގެއްލުން ވެފައެވެ. މުންނާރު އެކަށީގެންވާ ވަރަށް ނުބެލެހެއްޓުމުގެ ސަބަބުން މުޅި މުންނާރުގައި ފެހިޖަހައި، މުންނާރުގެ އަސްލު ރީތި ސިފަވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ. މިކަމުގެ ކަންބޮޑުވުން އާންމުން ދިޔައީ ސޯޝަލް މީޑިޔާގައިވެސް ފާޅުކުރަމުންނެވެ.

ޚާއްސަކޮށް، މުންނާރު ހުންނަ ސަރަހައްދަކީ ފަތުރުވެރިންވެސް މާލެ އައިސް އުޅޭއިރު ވަރަށް ގިނައިން ޒިޔާރަތްކުރާ ސަރަހައްދަކަށް ވުމުން މިކަމުގެ ކަންބޮޑުވުންތައް އޭރު ވަނީ ވަރަށް ބޮޑުވެފައެވެ.

މީގެއިތުރަށް، މުންނާރަކީ ދިވެހިރާއްޖޭގެ ތާރީޚާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެއްކަމުން ތާރީޚު ދިރާސާ ކުރައްވާފައިވާ ފަރާތްތަކުންވެސް އެކަމާމެދު ދިޔައީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހުކުރު މިސްކިތުގެ މުންނާރަކީ ހިރިގަލުން އިމާރާތްކޮށް، އުވަ ލާފައިވާ ބިނާއެއްކަމުން، އެތަން އާބާތުރަ ފިލުވުމުގައި ސަމާލުވާންޖެހޭ ކަންކަންވެސް ހުރެއެވެ. އެހެންކަމުން، މުންނާރު މީގެކުރިންވެސް އަދި މިހާރުވެސް ބަލަހައްޓަމުން ގެންދަނީ ކޮންޒަވޭޝަންގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވުމަށް ކުރާ މަސައްކަތުގައި ޒަމާނީ ކުލައާއި ދަވާދު ބޭނުންކުރުމަކީވެސް ކުރެވެނޭކަމެއް ނޫންކަމަށް ސަގާފީ ތަރިކަ ރައްކާކުރާ ގައުމީ މަރުކަޒުން ވަނީ މީގެކުރިން ބުނެފައެވެ.

ބޭނުންކުރެވޭ ކުލައެއް ނުވަތަ މާއްދާއެއްގެ ސަބަބުން މުންނާރަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ލިބިދާނެ ކަމެއް ކަމަށްވެސް އެމަރުކަޒުން މީގެކުރިން ވަނީ ބުނެފައެވެ.

މުންނާރަކީ ހިރިގަލާ އުވައިން ހަދާފައިވާ ތަނަކަށް ވާތީ، މުންނާރަށް ރައްކާތެރިކަން ލިބެނީ ހިރިގަލާ އެންމެ ގުޅުންހުރި މާއްދާތައް ބޭނުންކޮށްގެން ކަމަށް ދިރާސާތަކުން ދައްކައެވެ.

މިފަދަ ސަބަބުތަކަށްތަކައި މިފަހަރުވެސް މުންނާރު މަރާމާތު ކުރުމުގައި ބޭނުންކޮށްފައިވަނީ އުވައެވެ. އުވައަކީ ތަނެއްގައި ލުމަށްފަހު އަވި ޖެހުމުން މެނުވީ ހިކޭ އެއްޗަކަށް ނުވުމުން އެއްވެސް ވަރަކަށް ވިއްސާރަ ދުވަސްވަރެއްގައި މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެއެވެ.

މުންނާރަކީ ދިވެހިރާއްޖެއަށް އަގުނުކުރެވޭފަދަ ތަރިއަަކަށްވާތީ އެތަން ރައްކާތެރިކޮށް ޒަމާންތަކަށް ދެމިގެންދާނެހެން އެތަން ބެލެހެއްޓުމަށް މިނިސްޓްރީންނާއި އެމަރުކަޒުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.